ކޯވިޑް-19 އާއި ގުޅިގެން ކަރަންޓީން ކުރެވޭ ހދ.ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުން އެކަހެރިކޮށް ބެއިތިއްބުމަށްޓަކައި ހދ.އަތޮޅު ސްޓޭޓް ހައުސް ކުއްޔަށް ހިފައިފި އެވެ.
ފުލުހުން ބުނީ، ކަރަންޓީން ކުރެވޭ ހދ.ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުން އެކަހެރިކޮށް ބެއިތިއްބުމަށްޓަކައި ދައުލަތު މާލިއްޔަތު ޤަވާއިދުގެ 10.26 ގެ (ހ) ގެ 2 ނަމްބަރަށް ރިޔާޢަތްކޮށް ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން، ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ''ހދ.އަތޮޅު ސްޓޭޓް ހައުސް'' 09 އޮކްޓޯބަރ 2020 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ކުއްޔަށް ހިފުމަށް ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާކަމަށެވެ.
މިމަހުގެ 5 ވަނަ ދުވަހު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު ކޯވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން މިހާތަނަށް 137 ސާމްޕަލެއް ވަނީ ނަގާފަ އެވެ. އޭގެ ތެރެއިން 7 މީހުންވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.
ފުލުސް މީހާ ޕޮޒިޓިވް ވުމާއި ގުޅިގެން ކުޅުދުއްފުށި ސިޓީ ހިމެނޭހެން، މާލެއިން ފުލުހުންގެ ޓީމު ދަތުރުކުރި 6 ރަށެއް މޮނިޓަރިންގ ހާލަތަށް ވެސް ގެނައެވެ. ޖެހިގެންއައި ދުވަހު އެރަށްތައް ވަނީ މޮނިޓަރިން ހާލަތުން ނަގާފައެވެ.
ޕޮލިސް ކްލަސްޓާއާ ގުޅިގެން ކުޅުދުއްފުށީގެ އިތުރުން 9 ރަށަކުން ވަނީ ޑައިރެކްޓް ކޮންޓެކުޓުގެ ގޮތުގައި މީހުން ފާހަގަ ވެފައެވެ. އެއީ ހދ ކުރިނބީ، ށ އަތޮޅުން ފުނަދޫ، މިލަންދޫ، ފޯކައިދޫ އަދި ކަނޑިތީމެވެ. އަދި ހއ އަތޮޅުން ދިއްދޫ، ހޯރަފުށި އަދި ބާރަށެވެ.
ހދ. އަތޮޅު ކައުންސިލުން ވަނީ މިއަހަރުގެ މޭ މަހުގެ ތެރޭގައި ކޯވިޑް 19 ގެ ބަލިމަޑުކަމާ ގުޅިގެން، ހދ.އަތޮޅު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭނުންވެއްޖެ ހިނދެއްގައި، ހދ.އަތޮޅު ސްޓޭޓް ހައުސް، އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ދޫކުރުމަށްވެސް ނިންމަވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!