ދުނިޔޭގައި ވަރަށް މަދުން ހެދޭ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ މެންގްރޫވްގެ ބާވަތެއް ކަމަށްވާ "ބުރުގެރިއާ ހެނެސީ" ގަހަށް ކިޔާނެ ދިވެހި ނަމެއް ހޯދުމަށް ކަމާއި ގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފި އެވެ.
ދުނިޔެއިން ނެތި ދިޔުމުގެ ބިރު ހީވެފައިވާ ބާވަތެއްގެ 4 ކަނޑޫގަސް ކެލާ ކަނޑޫފަލުން ފެނިފައިވާލަމަށް އެންވަޔަރަމަންޓް މިނިސްޓްރީން އިޢުލާން ކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.
އެމިނިސްޓްރީން އިއްޔެ ވިދާޅުވީ ދުނިޔޭގައި ވަރަށް މަދުން ހެދޭ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ މެންގްރޫވްގެ ބާވަތެއް ކަމަށްވާ "ބުރުގެރިއާ ހެނެސީ" (Brugueira hainesii) ދިވެހިރާއްޖެއިން އަލަށް ފެނިފައިވާކަމަށެވެ. ކަނޑޫއާއިލާއަށް ނިސްބަތްވާ މިގަހުގައި އަޅާ މޭވާ ވައްތަރީ ބޮޑަވަތްކާއެވެ. ނަމަވެސް މިމޭވާ ބޮޑަވަތްކަށްވުރެ ކުރުވެފައި ފަލަ ކަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، މީގެ ކުރިން ކުރެވިފައިވާ ސާރވޭތަކުން ދައްކާ ގޮތުގައި މުޅި ދުނިޔޭގައިވެސް 2010 ވަނަ އަހަރާއި ހަމައަށް ހުރީ، މިބާވަތުގެ ފޯދިފައިވާ އެންމެ 200 ގަސް ކަމަށެވެ.
އެވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވީ، ހއ. ކެލާއިން މި ބާވަތް ފެނުމަކީ އެރަށަށް ލިބޭ އިތުރު ޚާއްސަ ސިފައެއް ކަމަށާއި އަލަށް ފެނުނު މިބާވަތުގެ ކަނޑޫގަސް ކެލާ ކަނޑޫފަލުން ފެނުނީ، މި އަހަރުގެ މާރިޗު މަހު ހއ. ކެލާ ކަނޑޫފާ ސަރަޙައްދުގައި ކުރިއަށްގެންދިޔަ އިކޮލޮޖިކަލް ސާރވޭގައި އެރަށުގެ ކުޅީގެ ސަރަޙައްދުން ކަމުގައެވެ.
އަލަށް ރާއްޖޭގެ ކަނޑޫފަލަކުން ފެނުނު "ބުރުގެރިއާ ހެނެސީ" ގަހަކީ ކަނޑޫފަލަށް ނިސްބަތްވާ ގަސްތަކުގެ ތެރެއިން ދުނިޔެއިން ނެތިދާނެކަމުގެ ބިރު ހީވެފައިވާ ދެބާވަތުގެ ތެރެއިން އެއް ބާވަތެވެ. މި ބާވަތުގެ ގަހަކީ އައިޔޫސީއެން މުޅި ދުނިޔެއިން ނެތިދާނެ ކަމުގެ ބިރު އެންމެ ބޮޑަށް އޮތް ގަސްތަކުގެ ކެޓެގަރީ ލިސްޓްކޮށްފައިވާ ބާވަތުގެ ގަހެކެވެ. މި ބާވަތުގެ ގަސް ފެނިފައިވަނީ އޮސްޓްރޭލިއާ، ޕަޕުއާ ނިއު ގިނީ، އިންޑޮނޭޝިއާ، މެލޭ ޕެނިންސުލާ، ތައިލެންޑް އަދި މިޔަންމާގެ ކަނޑޫފާތަކުންނެވެ. އަދި މިގަހުގެ އާބާދީ ދުވަހުން ދުވަހަށް ދަނީ މަދުވަމުންނެވެ.
ދުނިޔޭގެ ދެބައި ހަމަ ރޮނގު، ނުވަތަ ހައްތު އިސްތިވާގައި ހިމެނޭ ޤައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް ބޮޑެތި ކަނޑޫފާތައް ހެދިފައިވެއެވެ. އިބުރާހިމް މުހައްމަދު ލުޠުފީ ލިޔުއްވާފައިވާ، ދިވެހިރާއްޖޭގެ ޖޯގުރަފީގެ ވަނަވަރުގައި ވާގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ބޮޑެތި ކަނޑޫފާތައް ހެދިފައިވެއެވެ. އަދި މިކަނޑޫފާތަކަކީ ދިވެހިންގެ ކާނާގެ ޔަޤީންކަމަށް މުހިއްމު ތަންތަނަށް ވެފައި ވެއެވެ.
ދުނިޔޭގެ އެކިކަން ކޮޅުތަކުގައި މިބާވަތުގެ 57 ވައްތަރުވެއެވެ. ދިވެހިރާއްޖޭގެ ކަނޑޫފާތަކުން މީގެ ކުރިންވަނީ 14 ބާވަތެއްގެ މެންގްރޫވް ގަސް ރެކޯޑް ކުރެވިފައެވެ. އަލަށް މިފެނުނު ބާވަތާއެކު ދިވެހިރާއްޖެއިން މުޅިއެކު 15 ބާވަތުގެ މެންގްރޫވް ގަސް މިހާރުވަނީ ފެނިފައެވެ. އޭގެ ތެރޭގައި ކަނޑުލާއި ރަނޑުލާއި ބޮޑުވަތްކާއި، ތަކަފައްޗާއި، ކުއްޅަވަކާއި، ކަހެރުވަކާއި، ބަރުގަސް ހިމެނެއެވެ. ކުޅިފާތަކުގައި ހެދޭ ގަސްތަކުގެ ތެރެއިން ދިވެހިން ކައިބޮއެ އުޅުނީ ކަނޑުލާއި ރަނޑުލާއި ބޮޑުވަތްކާއި އަދި ކުއްޅަވަކެވެ.
ދުނިޔޭގައިވާ ލޮނުފެނުގެ ކުޅިތަކާއި އެތަންތަނުގައިވާ ދިރުންތަކަކީ، ކާނާގެ ޔަޤީންކަމަށް މުހިންމު ތަންތަނެވެ. ނަމަވެސް، އުމުރާނީ ތަރައްޤީގެ އެކި ބޭނުންތަކަށް ކުރެވުނު މަސައްކަތްތަކުން ރާއްޖޭގައިވެސް ކުރި އޮތް ބޮޑެތި ކަނޑޫފާތަކަށް ވަނީ ގެއްލުންތައް ލިބި އަދި ބައެއްތަންތަނުގެ ދިރުންތައް ވަނީ ނެތިގޮސްފައެވެ.
ރަނޑޫ އަދި ކަނޑޫގަސް ހެދެނީ ޗަސް ބިމުގައި ނުވަތަ ކުޅި ކުޅީގެ އައްސޭރި ފަށުގައެވެ. އާންމުކޮށް ކަނޑޫ ހެދޭ ދިގުމިނަކީ 30 ފޫޓް އާއި 75 ފޫޓް އާ ދެމެދުގައެވެ. ނަމަވެސް ރަނޑޫ ގަސްހެދެނީ 10 ފޫޓަށެވެ . މިދެގަސް ހެދިބޮޑުވުމަށް ފެނުގައި ލޮނުގެ އަސަރު ހުރުމަށް ބޭނުން ވެއެވެ. މިގަސްތަކުގައި އަޅާ ތޮޅިޔަށް ކިޔަނީ ވައް " ( ރަނޑޫ ވައް އަދި ކަނޑޫ ވައް ) މިދެ ވަކަކީ، މަލުން ނުކުންނަ ހިމަދިގުކޮށް ދެކޮޅަށްތޫރިކޮށް ހުންނަ ތޮޅިއެކެވެ . މިތޮޅިތައް ދޮންނުވާއިރު ހުންނާނީ ގަދަވަޅުފެހި ކުލައިގައެވެ . މިވައްތައް ދޮންވުމުން ރަތް ފެހިކުލަޔަކަށް ބަދަލުވާ ނެއެވެ. ކަނޑޫވައް ، ރަނޑޫ ވަކައްވުރެ ބޮޑު ވާނެއެވެ .ފަލަމަޑީގެ ބާވަތެއް ކަމުގައިވާ މިވައްތަކަކީ ދިވެހިން ކެއުމަށް ބޭނުން ކޮށް އުޅުނު އެއްޗެކެވެ. މިދެ ގަހުގެ ލަކުޑި އަކީ ވަރަށް މޮޅު ލަކުޑި އެކެވެ . މިގަސްތަކުގެ ބާވަތްތައް ދިވެހި ބޭހުގައި ބޭނުން ކުރެވުނެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 93/4) ގެ 4 ވަނަ މާއްދާގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިދޭ ބާރުގެ ދަށުން 17 ޖޫން 2019 އިން ފެށިގެން ހއ. ކެލާ ކަނޑޫފާ ސަރަހައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދެއްކަމަށް ވަނީ ކަނޑައަޅާފައެވެ.
https://thiladhun.wonstasite.com/10878
ކެލާ ކަނޑޫފަލަކީ ސަރުކާރުން ހިމާޔަތް ކޮށްފައިވާ ކަނޑޫފާ ތަކުގެ ތެރެއިން ހަމައެކަނި ހއ. އަތޮޅުން ހިމާޔަތްކޮށްފައިވާ ކަނޑޫފަލެވެ.
ކެލާގައި ހިމާޔަތްކޮށްފައިވާ މި ކަނޑޫފަލަކީ އެރަށަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލް މަންޒިލެކެވެ. އެއީ އެތަނުގައިވާ ކުޅީގެ ރީތިކަމާއި އެތަނުގެ އެންވަޔަރަމްނަޓްގެ ހިތްގައިމު ކަމެވެ.
ގުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއްކަމުގައި ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް ކެލާއަކީ ހއ. އަތޮޅުގެ އެންމެ އުތުރު ބިތުގައިވާ ރާއްޖޭގެ އެންމެ އުތުރުން ޗަސްބިން ފެންނަ ރަށްތަކުގެ ތެރެއިން ރަށެކެވެ. މުޅި ރަށުގެ ބޮޑުމިނުގައި 212 ހެކްޓަރ ހުންނަ އިރު ރަށުގައި އުފެދިފައިވާ ޗަސްބިމުގެ ބޮޑުމިނުގައި 22 ހެޓަރ ހުރެއެވެ. މިސަރަހައްދަކީ ރާއްޖޭގެ ނިސްބަތުން އެންމެ ގިނަ ޢަދަދަކަށް ކަނޑޫގަސް ފެންނަ ސަރަހައްދެވެ.
މި ޗަސްބިމަކީ ޤުދުރަތީގޮތުން ޚާއްސަ މުއްސަނދިކަމެއް ލިބިފައިވާ، ރަށުގެ ތާރީޚާއި ގުޅުން ހުރި ޗަސްބިމެކެވެ. މިގޮތުން، މިރަށުގެ ކަނޑޫފަލުން ލިބެންހުރި ކަނޑޫ، ދެވަނަ ބޮޑުހަނގުރާމައިގައި ރާއްޖެއަށް ކުރިމަތިވި "ބޮޑުތަދު" ގައި ކެލާ އަދި ކައިރީގައިވާ ރަށްތަކުން ކާނާގެ ގޮތުގައި ބޭނުންކުރިއެވެ. މި ކަމުގެ ސަބަބުން ރާއްޖޭގެ އެހެން ރަށްތަކާއި އަޅާ ބަލާއިރު ކެލާއާ، އިންވެގެން ހުރި ރަށްތަކަށް ކާނާގެ ރައްކާތެރިކަން ކަށަވަރުވެފައިވިއެވެ. މިހާރު ވެސް މަދުމަދުން ކަނޑޫ ކެއުމަށް ބޭނުން ކުރަމުން ދެއެވެ.
މީގެ އިތުރުން ކެލާ ޗަސްބިމުގައި ވަރަށް ބިޔަކޮށް ހެދިފައިވާ، 50 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކުއްޅަވައްގަހެއް ވާކަން ފާހަގަކުރެވެއެވެ. ވަޒަންވެރިވެގެން އުޅޭ އަދި ހިޖުރަކުރާ ދޫނި މިސަރަހައްދުން ގިނަ ޢަދަދަކަށް ފެނެއެވެ. މިގޮތުން ކުޅީކުކުޅުގެ ބޮޑު އާބާދީއެއް މިސަރަހައްދުގައި ވަޒަންވެރިވެގެން ދިރިއުޅެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި ޙިމާޔަތްކުރެވިފައިވާ ދޫނިތަކުގެ ތެރެއިން މާކަނާ، އިރުވާހުދު، ކަނބިލި، ރާބޮނދި އަދި ކޮވެލި މިސަރަހައްދުގައި ދިރިއުޅެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!