ހަނިމާދޫ ދިރުން ފިޝިންގ ޓީމުގެ ވާހަކަތަށް އޮޅުން ފިލުވައިލާހިތްވި އެންމެ ބޮޑު ސަބަބަކީ އެ ޓީމުގެ ފޭސްބުކް ޕޭޖްގައި ހިއްސާކޮށްލާ ހިތްގައިމު ފޮޓޯތަކުގެ ސަބަބުންނެވެ.
އެކިއެކި ވައްތަރުގެ މަސްމަހާއިއެކު ނަގާފައި ސޯޝަލް މީޑިއާއަށް އެ ދޫކޮށްލާ ފޮޓޯތަކަކީ މަސްވެރިކަމަށް ލޯބިކުރާ ހަމަ ކޮންމެ މީހަކު ވެސް ގަޔާވާނެފަދަ ފޮޓޯތަކެކެވެ.
"ހަނދާނެއްނުވޭ ގޮނޑު ދޮށުގައި ރޯލު ހިފައިގެން ނޫޅޭ ހަނދާނެއް، އެންމެ ކުޑައިރުއްސުރެ ވެސް މަސްބާނަން ވަރަށް ޝަޢުގުވެރިކަން ހުރޭ، ފުރައިގެންދާނެ ބޮއްކުރައެއްފަދަ އެއްޗެއް ނުލިބޭއިރު ރައްޓެހި ކުދިންނާއިއެކު ކަނދުފަތި ބަނދެގެން ވެސް މަސްބާނަންދާން"
މަސްވެރިކަމަށް ހުންނަ ޝައުޤުވެރިކަން ބުނެދެމުން ދިރުން ފިޝިންގ ޓީމުގެ އެންމެ އިސްފަރާތް ކަމުގައިވާ އަދި ދޯނީގެ ވެރިފަރާތް ކަމުގައިވާ މުހައްމަދު ހުސައިން، ހުސްނުހީނާގެ، ހދ.ހަނިމާދޫ އޭނާގެ މަސްވެރިކަމުގެ ވާހަކަތަށް ދުރު ހަނދާންތަކުން ފެށިއެވެ.

ދިރުން ފިޝިންޓީމް އުފެދުނު ގޮތް ކިޔައިދެމުން މުހައްމަދު ބުނެފައިވަނީ ކިޔަވައި ނިންމާލުމަށްފަހު އެމްއެންޑީއެފްގެ ވަޒީފާގައި ދުވަސްތަކެއް ވަންދެން އުޅުމަށް ފަހު ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯޓްގެ ސެކިއުރިޓީ ކޮމާންޑުން ވަޒީފާ ލިބުމުން ރަށަށް ބަދަލުވެ މަސްވެރިކަން ކުރުމަށް ދޯންޏެއް ގަތް ހިސާބަކީ ދިރުން ފިޝިންގ ޓީމްގެ ފެށުން ކަމަށެވެ.
ފުރަތަމަ މަހަށްދާން ގަތް 28 ފޫޓުގެ މަސްދޯނީގެ ނަމަކީ "ދިރުން" އެވެ.

ކުރާ މަސައްކަތެއް އިސްތިހާރުކޮށް ފުޅާކޮށް ކުރިއެރުވުމަށް މިހާރު އޮތް އެންމެ މުހިންމު ވަސީލަތަކީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމަތަކެވެ. މިއީ ދެބަސްވެވެން ނެތްހަގީގަތެވެ.
ދޯނީގެ ނަމުން ނަންކިޔައި ދިރުން ފިޝިންގ ޓީމުގެ ނަމުގައި ފޭސްބުކް ޕޭޖެއް ހުޅުވައި މަސްވެރި ކަމުގެ ފޮޓޯތައް ހިއްސާ ކުރަން ފެށުމުން ލިބިގެން ދިޔަ ފުރުޞަތުތައް ވަރަށް ބޮޑަށް އިތުރުވެގެން ދިޔަކަމުގައި މުޙައްމަދު ފާހަގަ ކޮށްފައިވެއެވެ.
އިތުރުވެގެން ދިޔަ ޑިމާންޑާއިއެކު ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފައި ދެ އަހަރު ފަހުން އެ ދޯނި ވިއްކާލުމަށްފަހު 35 ފޫޓުގެ ފައިބަރު ދޯންޏެއްގަނެ މަސްވެރިކަމުގައި އިތުރަށް ކުރިއެރުންތަކެއް ދިރުން ޓީމުން މިހާރުވަނީ ހޯދާފައެވެ.

ދިރުން ފިޝިންގ ޓީމަކީ ވަކިވައްތަރެއްގެ މަސްވެރިކަމަކަށް ހާއްސަ ޓީމެއް ނޫނެވެ. އެ އިރެއްގައި ޑިމާންޑް އޮންނަ ކޮންމެ މަސްވެރިކަމެއް ވެސް ކުރަމުން އަންނަ މި ޓީމު ކުރާ މަސްވެރިކަމުގެ ވައްތަރުތަކުގެ ތެރޭގައި ދިއްލައިގެން އެން އަޅައިގެން ކަނޑުމަހުގެ މަސްވެރިކަން ކުރުމާއި، ދިރޭ އެންއަޅައިގެން ރާގޮނޑި އަދި މާނިޔާމަސް ބޭނުމާއި، ދިރޭ އެންޖަހައިގެން ފަރުމަސް ބޭނުމާއި، ކަންނެލި ބޭނުމާއި، ވަދާދުއްވުމާއި، ހިބަރުގެ މަސްވެރިކަމާއި އަދި ޒަމާނީ މަސްވެރިކަމުގެ ތެރެއިން ޖިގް ކުރުމާއި، މަސްބުރި އުކުމާއި، ނައިޓް ފިޝިންއަށް ދިޔުމުގެ އިތުރުން ބޮޑު ފާނަ ބޭނުމުގެ މަސްވެރިކަމަކީ ވެސް މި ޓީމު ކޮށްއުޅޭ މަސްވެރިކަމެވެ.
ފީނަން ދިޔުމާއި، ތޮށިމަތިން ބޯވައާއި ހަންދަ، ރާކަނިފަދަ ތަކެތި ނެގުމުގެ އިތުރުން ރޭގަނޑު ފީނައިގެން އިހި ނެގުމަކީ ވެސް މި ޓީމު ކޮށްއުޅޭ ކަންކަމެވެ.

މަސްވެރިކަމަށް ބޭނުންވާ ބައެއް އާލާތްތަކަކީ މި ޓީމުގެ މެމްބަރުން އަމިއްލަ މަސައްކަތުން ތައްޔާރު ކުރާތަކެއްޗެވެ. ހިބަރުވަދާއި ރާގޮނޑި ވަދުގެ އިތުރުން، ޖިގުމަސް ފަދަތަކެތި ތައްޔާރު ކޮށްފައި ހުންނަ ފުރިހަމަކަމަކީ މި މަސައްކަތުގައި މި ޓީމުގެ މެމްބަރުންގެ ކުޅަދާނަކަން ހާމަވާ ކަންކަމެވެ.

މަސްވެރިކަމުގެ ތެރެއަށް ޒުވާން އައު ކުދިން ނެރުމުގެ ގޮތުން މި ޓީމުން މިހާރު ވެސް އަންނަނީ ގިނަ ޒުވާން ކުދިންނަށް އެ ޓީމާއިއެކު މަހަށް ދިއުމުގެ ފުރުޞަތު ހޯދައިދެމުންނެވެ.

"ރަށުގެ މަހަށްދާ ބޮޑެތި ދޯނިތަކުގައި މިހާރު ވެސް އުޅޭނެ އަޅުގަނޑު މެންނާއި އެކު މަހަށް ދާންފެށި ކުދިން، ފުރަތަމަ އަޅުގަނޑު މެންނާއި އެކު މަހަށްދާން ފަށައި މިކަމުގެ ހުނަރުތައް ދަސްވެ މިކަމަށް ލޯބިޖެހި މަސްވެރިކަމުގެ ތެރޭގައި އެކުދިން އުޅޭތަން ފެނުމަކީ ހާއްސަ އުފަލެއް ލިބިގެނދާކަމެއް"
މުހައްމަދު ބުނެފައިވެއެވެ.

ހަނިމާދޫގައި ހެދިފައި ހުރި ގިނަ ގެސްޓް ހައުސްތަކާއި، ހަނިމާދޫގައި ހެދިފައިވާ ސިޓީ ހޮޓަލެއް ކަމުގައިވާ ބެއާފޫޓާއި، ހދ.އަތޮޅުގައި އޮންނަ ހަމައެކަނި ރިސޯޓް ކަމުގައިވާ ހޮނޑާފުށި ރިސޯޓަށް ބޭނުންވާ މަސް ފޯރުކޮށްދެމުން އައިސްފައިވަނީ ދިރުން ޓީމުގެ ފަރާތުންނެވެ.
މީގެ އިތުރުން ރަށުގައި ހެދިފައހުރި ގިނަ ގެސްޓްހައުސްތަކަށް އަންނަ ގެސްޓުން ގޮވައިގެން އެ ބަޔަކު ބޭނުންވާ ގޮތަކަށް މަސްދަތުރުތައް ހަމަޖައްސައި ދިނުމުގައި ހަނިމާދޫގައި އެންމެ މަޤުބޫލު ޓީމަކީ މި ޓީމުކަމުގައި ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.

މި ޓީމުގެ ފަރާތުން ހަމައެކަނި ހަމަޖައްސައި ދެމުން ގެންދަނީ ގެސްޓް މަސްދަތުރުތައް އެކަންޏެއް ނޫނެވެ. އޮފީސްތަކުގެ މަސްދަތުރު ތަކުގެ އިތުރުން އާއިލީ މަސްދަތުރުތައް ވެސް މި ޓީމުގެ ފަރާތުން އަންނަނީ އިންތިޒާމް ކޮށްދެމުންނެވެ.
"ސޯޝަލް މީޑިއާއިން ފޮޓޯތައް ފެނި މާލެ ކޮޅުންނާއި އަދި ރާއްޖޭގެ އެހެން ބައެއް ހިސާބުތަކުން ދިވެހިން ވެސް އާދޭ އަޅުގަނޑު މެންނާއި އެކު މަހައްދާން. އަސްލު ފުރުޞަތުތައް ލިބޭ. އަސްލު ދިރުން ޓީމުގެ މަޤުބޫލު ވުމުގެ އެންމެ ބޮޑު ސަބަބަކީ ޓީމުގެ މެމްބަރުންގެ ކެރުމާއި، މަސްދަތުރު ތަކުގައި، ދަތުރުތަކުގެ ބައިވެރިންނާއި ބޭއްވޭ ގާތްގުޅުން ކަމުގައި ދެކެނީ"
މުޙައްމަދު ބުނެފައިވެއެވެ.

ދިރުން ޓީމުން ތަފާތު މަސްވެރިކަމުގައި ހަރަކާތްތެރި ވަމުންއަންނަ އިރު މިކަމުގައި ގޮންޖެހުންތައް ވެސް ގިނައެވެ. މި ޓީމުން އާންމު ގޮތެއްގައި ކުރަމުން އަންނަ ކަންނެލި މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަމުގައި ވެސް ކޯމަހާއި މިޔަރުގެ އުނދަގޫ އިންތިހާއަށް ބޮޑުކަން އެ ޓީމުން ފާހަގަކޮށްފައިވެއެވެ.
"މިހާރު ކޮންމެ ކަހަލަ މަސްވެރިކަމެއްގައި ވެސް މިޔަރާއި ކޯމަހުގެ އުނދަގޫ އެބަކުރިމަތިވޭ، މަސްވެރިކަމުގައި ނޫޅޭ ބަޔަކަށް އިހުސާސް ނުކުރެވިދާނެ މިކަންކަން، ގެއްލުން ވަރަށް ބޮޑު، މަސްވެރިކަން ކުރެވޭ ވަރެއްވެސް ނޫން މިހާރު މިޔަރުގެ އުނދަގުލާހެދި، މިކަމަށް އެބަޖެހޭ ސަރުކާރުން އިސްނަގައިގެން ހައްލެއް ހޯދައިދޭން"

މީގެއިތުރުން މޫސުން ރީތިވެ ކަނޑުމަޑުވާ ދުވަސްވަރު ދިރޭ އެންޖަހައިގެން ކަންނެލި ބޭނުމުގައި މިޔަރާއި ކޯމަހުގެ އުނދަގުލާއި އެއްވަރަށް ވަދާދުއްވާ ކުދި ޑީންގީތަކުގެ އުނދަގޫ ވެސް ކުރިމަތި ވަމުންއަންނަ ކަން ދިރުން ޓީމުގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ. އެންޖަހައި ތިލަކުރާ ކަންނެލި އައިނުގެ ތެރެއަށް ޑިންގީތަށް ވަނުމުގެ ސަބަބުން އައިން އޮބާލުންފަދަ ކަންކަން ކުރިމަތިވަމުންދެއެވެ.
ހދ.އަތޮޅުގައި ޓްއަރިޒަމް ދަށްވުމުގެ ސަބަބުން މަހަށް ލިބޭ އަގުވެސް ޓްއަރިޒަމް ފުޅާވެފައިވާ އަތޮޅުތަކަށް ވުރެދަށެވެ. މީގެއިތުރުން ދާއިމީ ގޮތެއްގައި ފަރުމަސް ވިއްކޭނެ ގޮތެއް ނެތުމަކީވެސް މިކަމުގައި ކުރިއަށް ދިއުމަށް އެޅޭ ހުރަހެކެވެ.
އަތޮޅުގައި ޓްއަރިޒަމް ފުޅާވެ، އެ ސިނާއަތުގައި ހަރަކާތްތެރިވާ ރިސޯޓްތަކާއި ގެސްޓްހައުސްތައް އިތުރުވެ ބާނާމަސް ރަނގަޅު އަގުގައި ވިއްކޭނޭ އިންތިޒާމް ހަމަޖެހުމަކީ މި ޓީމުގެ އުންމީދެވެ.
#Special #Dinner🍜🍜🍲🍲 #Fishing #Trip🎣🎣🇲🇻👍
Posted by Dhirun Fishing Team on Friday, February 14, 2020
ޒުވާނުންގެ މައްޗަށް ބިނާވެފައިވާ ދިރުން ޓީމާއިއެކު މަސްދަތުރު ހަމަޖައްސަން ބޭނުންނަމަ އެ ޓީމުގެ ފޭސްބުކް ޕޭޖް Dhirun Fishing Team އަށް މެސެޖް ކޮށްގެން ވެސް ހަމަޖެއްސި ދާނެއެވެ. ދިރުން ޓީމުގެ މަސްވެރިކަމުގެ ފޮޓޯތަށް ބަލައިލައިލަން ބޭނުންނަމަ އެ ޓީމުގެ ޕޭޖަށް ޒިޔާރަތް ކޮށްލާށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!