ދުނިޔެއިން ނެތި ދިޔުމުގެ ބިރު ހީވެފައިވާ ބާވަތެއްގެ 4 ކަނޑޫގަސް ކެލާ ކަނޑޫފަލުން ފެނިއްޖެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.
އެމިނިސްޓްރީން މިއަދު ވިދާޅުވީ ދުނިޔޭގައި ވަރަށް މަދުން ހެދޭ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ މެންގްރޫވްގެ ބާވަތެއް ކަމަށްވާ "ބުރުގެރިއާ ހެނެސީ" (Brugueira hainesii) ދިވެހިރާއްޖެއިން އަލަށް ފެނިފައިވާކަމަށެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، ކެލާ ކަނޑޫފަލުން އެބާވަތުގެ 4 ގަސް ވަނީ ފެނިފައިވާކަމަށާއި މީގެ ކުރިން ކުރެވިފައިވާ ސާރވޭތަކުން ދައްކާ ގޮތުގައި މުޅި ދުނިޔޭގައިވެސް 2010 ވަނަ އަހަރާއި ހަމައަށް ހުރީ، މިބާވަތުގެ ފޯދިފައިވާ އެންމެ 200 ގަސް ކަމަށެވެ.
އެވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވީ، ހއ. ކެލާއިން މި ބާވަތް ފެނުމަކީ އެރަށަށް ލިބޭ އިތުރު ޚާއްސަ ސިފައެއް ކަމަށާއި އަލަށް ފެނުނު މިބާވަތުގެ ކަނޑޫގަސް ކެލާ ކަނޑޫފަލުން ފެނުނީ، މި އަހަރުގެ މާރިޗު މަހު ހއ. ކެލާ ކަނޑޫފާ ސަރަޙައްދުގައި ކުރިއަށްގެންދިޔަ އިކޮލޮޖިކަލް ސާރވޭގައި އެރަށުގެ ކުޅީގެ ސަރަޙައްދުން ކަމުގައެވެ.
މިސާވޭއަކީ، ހިމާޔަތްކޮށްފައިވާ ސަހަރައްދުގެ ދިރުންތަކާއި ބެހޭ މައުލޫމާތު އެއްކުރުމަށް ޔޫ.އެސް.އޭ.އައި.ޑީގެ ހިލޭ އެހީގެ ދަށުން ދިވެހި ސަރުކާރުން ހިންގާ ޕްރޮޖެކްޓެއް ކަމަށްވާ "ރީޖެނެރޭޓް" ޕްރޮޖެކްޓްގެ ތެރެއިން އިންޓަރނޭޝަނަލް ޔޫނިއަން ފޯރ ކޮންޒަރވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) މޯލްޑިވްސްއާއި ގުޅިގެން ހިންގި ސާވޭ އެކެވެ.
މި ސާވޭއަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އަދި އައިޔޫސީއެން ބައިވެރިވެގެން ކުރިއަށް ގެންދެވުނު ސާރވޭއެކެވެ.
މިގަސް އައިޑެންޓިފައި ކޮށްދެއްވީ ގަހުގެ މައުލޫމާތު ފޯރުކޮށްދިނުމުން އައިޔޫސީއެން މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް އަދި އެމްއެސްޖީ ރެޑް ލިސްޓް ކޯރޑިނޭޓަރ ޑރ. ޔޮންގ އެވެ. ކަނޑޫއާއިލާއަށް ނިސްބަތްވާ މިގަހުގައި އަޅާ މޭވާ ވައްތަރީ ބޮޑަވަތްކާއެވެ. ނަމަވެސް މިމޭވާ ބޮޑަވަތްކަށްވުރެ ކުރުވެފައި ފަލަ ކަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.
އަލަށް ރާއްޖޭގެ ކަނޑޫފަލަކުން ފެނުނު "ބުރުގެރިއާ ހެނެސީ" ގަހަކީ ކަނޑޫފަލަށް ނިސްބަތްވާ ގަސްތަކުގެ ތެރެއިން ދުނިޔެއިން ނެތިދާނެކަމުގެ ބިރު ހީވެފައިވާ ދެބާވަތުގެ ތެރެއިން އެއް ބާވަތެވެ. މި ބާވަތުގެ ގަހަކީ އައިޔޫސީއެން މުޅި ދުނިޔެއިން ނެތިދާނެ ކަމުގެ ބިރު އެންމެ ބޮޑަށް އޮތް ގަސްތަކުގެ ކެޓެގަރީ ލިސްޓްކޮށްފައިވާ ބާވަތުގެ ގަހެކެވެ. މި ބާވަތުގެ ގަސް ފެނިފައިވަނީ އޮސްޓްރޭލިއާ، ޕަޕުއާ ނިއު ގިނީ، އިންޑޮނޭޝިއާ، މެލޭ ޕެނިންސުލާ، ތައިލެންޑް އަދި މިޔަންމާގެ ކަނޑޫފާތަކުންނެވެ. އަދި މިގަހުގެ އާބާދީ ދުވަހުން ދުވަހަށް ދަނީ މަދުވަމުންނެވެ.
>ކެލާގައި ކުރިޔަށް ގެންދިޔަ މިސާރވޭ އާއި ގުޅޭ ރިޕޯޓް މިހާރުވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އީޕީއޭ އަދި އައިޔޫސީއެން ގުޅިގެން ތައްޔާރުކޮށްފައެވެ. ދިވެހިރާއްޖޭގެ ކަނޑޫފާތަކުން މީގެ ކުރިންވަނީ 14 ބާވަތެއްގެ މެންގްރޫވް ގަސް ރެކޯޑް ކުރެވިފައެވެ. އަލަށް މިފެނުނު ބާވަތާއެކު ދިވެހިރާއްޖެއިން މުޅިއެކު 15 ބާވަތުގެ މެންގްރޫވް ގަސް މިހާރުވަނީ ފެނިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!