އުތުރު ޕޮލިސް ކްލަސްޓާއާއި ގުޅިގެން މިހާތަނަށް 137 ސާމްޕަލެއް ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން 7 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ދާއޫދު ވިދާޅުވެއްޖެއެވެ.
މިގޮތުން ފުރަތަމަ ޕޮޒިޓިވްވީ ކުޅުދުއްފުށީ ސިޓީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހެކެވެ. މިމަހުގެ 5 ވަނަ ދުވަހު އޭނާ ޕޮޒިޓިވް ވުމާއި ގުޅިގެން އެ ސިޓީ ހިމެނޭހެން، އެ ފުލުސްމީހާ ދަތުރުކުރި 6 ރަށެއް މޮނިޓަރިންގ ހާލަތަށް ވެސް ގެނައެވެ. ޖެހިގެންއައި ދުވަހު އެރަށްތައް ވަނީ މޮނިޓަރިން ހާލަތުން ނަގާފައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ދާއޫދު މިއަދު ވިދާޅުވީ ޕޮލިސް ކްލަސްޓާ އާއި ގުޅިގެން އިއްޔެ ކުޅުދުއްފުށިން ނެގުނު 23 ސާމްޕަލް ނެގެޓިވް ވެފައިވާ ކަމަށެވެ. އަދި މިހާތަނަށް ކުޅުދުއްފުށިން މި ކޭސްއާއި ގުޅިގެން 33 ސާމްޕަލެއް ނެގިފައިވާ ކަމަށް ދާއޫދު ވިދާޅުވިއެވެ.
މި ޕޮލިސް ކްލަސްޓާއާއި ގުޅިގެން ޖުމްލަ ތިން އަތޮޅުން ޖުމްލަ 137 ސާމްޕަލެއް މިހާތަނަށް ނެގިފައި ވާކަމަށާއި، މީގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ ޖުމްލަ 7 މީހުން ކަމަށް ވެސް ދާއޫދު ވިދާޅުވިއެވެ.
''މި ވަގުތު މި ކްލަސްޓަރއިން ފައްސިވެފައި ތިބީ ކުޅުދުއްފުށިން 2 މީހުން، ކުރިނބީން އެކަކު، ދިއްދޫއިން 3 މީހުން އަދި ފޯކައިދޫން އަކަކު.''
ދާއޫދު ވިދާޅުވިއެވެ.
''މި ކޭސްއާއި ގުޅިގެން ތިން އަތޮޅުން ޖުމްލަ 180 މީހަކު މި ވަގުތު ހޯމް ކަރަންޓީނުގައި އެބަ ތިބި. އަދި ރޭ (7 އޮކްޓޫބަރު 2020) މި ކޭސްއާއި ގުޅިގެން ދިއްދޫއިން ފައްސި ވި ތިން މީހުންނާއި މިއަދު (8 އޮކްޓޫބަރު) މި ކޭސްއާއި ގުޅިގެން ފޯކައިދޫއިން ފައްސިވި މީހަކާއި ގުޅިގެން އެ ދެ ރަށުގައި ކޮންޓެކްޓް ޓްރޭސިން މިހާރު އެބަ ކުރިޔަށް ދޭ.''
ދާއޫދު އިތުރަށް ވިދާޅުވިއެވެ.
މި ވަގުތު ކުޅުދުއްފުށީ ސިޓީގެ ކޯވިޑްގެ ހާލަތު ހާމަކުރަށްވަމުން ދާއޫދު ވިދާޅުވީ އެ ސިޓީން މިވަގު ޕޮޒިޓިވް ވެފައި ތިބީ ފާޅު ބޯޓް ކޭސްއާއި ގުޅިގެން 4 މީހުންނާއި، ޕޮލިސް ކޭސްއާއި ގުޅިގެން 2 މީހުން އަދި ހޯމް ކަރަންޓީނު ރިލީސް ސާމްޕަލް ޕައްސިވުމާއި ގުޅިގެން އެކަކު ކަމަށެވެ.
ޕޮޒިޓިވްވެފައިވާ ބައެއް މީހުންގެ ކިބައިން އަލާމާތްތައް ފެނުނު ނަމަވެސް، އެންމެންގެ ހާލު ވެސް އާންމު ގޮތެއްގައި ރަގަޅު ކަމަށާއި އަދި ޕޮޒިޓިވްވި ހުރިހާ މީހުންނަށް ވެސް އަވަސް ޝިފާއަކަށް އެދޭކަމަށް ދާއޫދު ވިދާޅުވިއެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މުވައްޒަފުންގެ ފަރާތުންނާއި، ކަމާ ގުޅުންހުރި އެންމެހާ ފަރާތްތަކުން އަދި ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން ފާހަގަކޮށް، ދާއޫދު ވަނީ ޝުކުރު އަދާ ކުރަށްވާފައި އެވެ.
ދާއުދު ވަނީ އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު އެންމެން ގުޅިގެން ކުރިއަށް ދިއުމަށް ވެސް އެދި ވަޑައިގެންފައި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!