ހއ، އިހަވަންދޫގައި ޤާއިމްކޮށްފައިވާ ފެނަކައިގެ އޮފީސް އެޅުމަށް އޯޝަން ގޭޓްސް ޕްރައިވެޓް ލިމިޓެޑްއާއި އިއްޔެ ހަވާލުކޮށްފިއެވެ.
މި ޢިމާރާތް އެޅުމަށް ބިން އެ ރަށުގެ ކައުންސިލުން ހަމަޖައްސައިދީފައިވާ އިރު، މި ޢިމާރާތް އެޅުމަށް ހަޖެހިފައިވަނީ، މިހާރުގެ އިންޖީނުގޭގެ ހުޅަނގު އުތުރު ކަންމަތިން، އާމިނާ ދިޔޯ ހެލްތު ސެންޓަރު ކުރިމަތީގައެވެ.
އިހަވަންދޫގެ ކަރަންޓު ޙާލަތު ރަނގަޅު ކުރުމަށް ހިންގާ ޕްރޮޖެކްޓުތަކުގެ ތެރޭގައި ހިމެނޭ މި އޮފީސް އެޅުމާއި އެކު، އިހަވަންދޫގެ ރައްޔިތުންނަށް ޚިދުމަތް ހޯދުމަށް ހިތްފަސޭހަ މާޙައުލެއް ލިބިގެންދާނެކަމަށް އިހަވަންދޫ ކައުންސިލުންވަނީ ބުނެފައެވެ.
4 މަސް ތެރޭ ނިންމުމަށް އެގްރީމެންޓްކޮށްފައިވާ މި ޢިމާރާތަށް ޖުމްލަ އަގުގެ ގޮތުގައި، 6 މިލިޔަން ރުފިޔާ އަރާނެ ކަމަށް އިހަވަންދޫ ކައުންސިލުން ބުނެފައިވެ އެވެ. އަދި މިއީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އިހަވަންދޫގައި ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ކުރެވެމުންދާ ގިނަ މަސައްކަތް ތަކުގެ ތެރެއިން އެއް މަސައްކަތެވެ.
މިގޮތުން، މިހާރު އެ ރަށުގައި ބޭނުން ކުރެވެމުން އައި އިންޖީނުގެ ބޮޑު ކުރުމާއި، 150،000 ލީޓަރުގެ ތެޔޮ ތާންގީއެއް ހެދުމާއި، އިތުރު އިންޖީނުގެއެއް ހެދުމުގެ މަސައްކަތާއި، މި ވަގުތު އެ ރަށުގެ އިންޖީނުގޭގައި ވޯލްޓޭޖް ދަށްވުމުގެ މަސައްކަތަށް ހައްލެއް ގެނައުމުގެ އިތުރުން، ރަށުގެ އެކި ސަރަހައްދުތަކުގައި ޓްރާންސްފޯމަރ ބެހެއްޓުމުގެ މަސައްކަތްވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.
ރަށު ސްކޫލަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން، ރަށު ސްކޫލަށް ވަކި ފީޑެއް އެޅުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. އަދި ރަށުގެ ހޮސްޕިޓަލް އާމިނާ ދިޔޯ ހޮސްޕިޓަލުގެ ކަރަންޓު ސްޓޭބަލް ކުރުމަށް މިހާރު ވަނީ ވަކި ފީޑަރެއް އަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!