ހދ ކުޅުދުއްފުށީ ލޯކަލް ބަނދަރު ސަރަހައްދުގައި ދަތުރު ހިޔާ އިމާރާތެއް، އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން އިޢުލާން ކޮށްފި އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން "ތިލަދުން" އަށް މަޢުލޫމާތުދެމުން ބުނީ ދަތުރު ހިޔާ އެޅުމަށް ނިންމާފައިވަނީ މިހާރުވެސް ދަތުރު ހިޔާ އަޅާފައިވާ ސަރަހައްދުގައި ކަމަށެވެ. ހދ. އަތޮޅު ކައުންސިލުން ޚަރަދުކޮށްގެން މީގެ ކުރިން އަޅާފައިވާ ދަތުރު ހިޔާ ބޭނުން ކުރުމުގައި ދަތުރުވެރިންނަށް ގޮންޖެހުންތަކެއް ހުރުމާއި އެކު މިއަހަރު އާދަތުރު ހިޔަލެއް އެޅުމަށް މިއަހަރު ބަޖެޓުކުރެވިފައިވާކަން ލަތީފް ފާހަގަ ކުރިއެވެ. ނަމަވެސް ކޯވިޑް19 ގެ ސަބަބުން މިކަމަށް މަޑުޖެހުމެއް އައިސްފައިވާކަމަށް ލަތީފް ވިދާޅުވި އެވެ.

Ad
rt

ލަތީފް އިތުރަށް ވިދާޅުވީ މިފަހަރު އަޅާ ދަތުރު ހިޔާ އަޅާ ބިން ކަނޑަ އެޅިފައިވާ ކަމަށެވެ. ފާހާނާއަކާއި އެކު އަލަށް އަޅާ ދަތުރު ހިޔާ އެޅުމަށް ހަމަޖެހިފައިވނީީ ޖެޓީ އާއި ކައިރި ހިސާބެއްގައި ކަމަށާއި ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަކަށް ކަމަށް ލަތީފް ވިދާޅުވި އެވެ.

އެއިދާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިމަސައްކަތަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 07 އޮކްޓޯބަރ 2020 (ބުދަ) ދުވަހުން ފެށިގެން 14 އޮކްޓޯބަރ 2020 (އަންގާރަ) ދުވަހާއި ދެމެދު އެއިދާރާއަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށް އެދޭކަމަށެވެ.

މައުލޫމާތު ދިނުން އޮންނާނީ 15 އޮކްޓޯބަރ 2020 ވާ (ބުރާސްފަތި) ދުވަހުގެ 13:00 އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 22 އޮކްޓޯބަރ 2020 ވާ (ބުރާސްފަތި) ދުވަހުގެ 13:00ގައި ކަމަށް އެއިޢުލާނުގައި ބުނެފައިވެއެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

މައުލޫމާތު ސެޝަންގައި ބައިވެރި ވެލެއްވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެވާހަކަ ދަންނަވާފައި ވެއެވެ. އަދި ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބުކަމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވާފައިވެ އެވެ.