ރައްކާތެރިކަމުގެ ގިނަ ފިޔަވަޅު ތަކަކާއިއެކު، ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގެ ޚިދުމަތްތައް އަލުން ފަށައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސަސްއިން ބުނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، އެ ސްޓޭޝަނުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށްފަހު، ޚިދުމަތްތައް އަލުން ފަށާފައި ވާކަމަށެވެ.
އެގޮތުން ކޯވިޑް-19 އަށް ޕޮޒިޓިވްވި ފުލުސް އޮފިސަރާ ސީދާ ބައްދަލުވި މުވައްޒަފުން ދެނެގަނެ އެމުވައްޒަފުން މިހާރު އައިސޮލޭޝަންއަށް ބަދަލުކޮފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޕޮޒިޓިވްވި ފުލުސް އޮފިސަރާ ސީދާ ބައްދަލުވި މީހުންގެ އިތުރުންވެސް ވީހާވެސް ގިނަ އަދަދެއްގެ މުވައްޒަފުންގެ ސާމްޕަލްތައް ނަގައި ޓެސްޓްކުރުމުގެ މަސައްކަތްތައް ޕޮލިސް މެޑިކަލް ސަރވިސަސްއާ ގުޅިގެން މިހާރު ކުރިއަށް ދާކަމަށެވެ.
މީގެއިތުރުން، ޕޮލިސް ސްޓޭޝަން ޑިސްއިންފެކްޓްކޮށް، އެސްޓޭޝަންގައި ބޭނުންކުރާ ޕޮލިސް ގިއަރތައްވެސް ޑިސްއިންފެކްޓްކުރުމަށްފަހު، މިހާރު އަލުން ބޭނުންކުރަން ފަށާފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައި އެވެ. އަދި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ އިތުރުން އެ ކޭހާއި ގުޅިގެން މިނިޓަރިން ހާލަތަށް ގެނައި އުތުރުގެ އެހެން ރަށްރަށުގެ ޕޮލިސް ސްޓޭޝަންތައް ވެސް ޑިސްއިންފެކްޓް ކޮށްފައެވެ.
ފުލުހުން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޕޮލިސް ސްޓޭޝަންގެ ޚިދުމަތް ކުރިއަށް ގެންދާއިރު ރަށުުތެރެ ބެލެހެއްޓުން މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ގޮތަށް އޮޕަރޭޝަނަލީވެސް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.
މިހާލަތުގައިވެސް ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެންމެހައި ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ ގޮތަށް ކަންކަން ބައްޓަން ކުރަމުންދާ ކަމަށްވެސް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފައި ވެއެވެ.
ރޭ ކުޅުދުއްފުށި ސިޓީން ފުލުހަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން މޮނިޓަރިންނަށް ގެނެވުނު އުތުރުގެ ހުރިހާ ރަށެއް މިހާރު ވަނީ މޮނިޓަރިން ހާލަތުން ނަގާފައި އެވެ.
އެ ފުލުސްމީހާ ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ރޭ ކުޅުދުއްފުށީ ސިޓީ ހިމެނޭހެން މޮނިޓަރިން ހާލަތަށް ގެނައި އެހެން ރަށްތަކަކީ ހއ. ބާރަށް، ހޯރަފުށި، ދިއްދޫ، ހދ. ކުރިނބީ އަދި ށ. ފުނަދޫ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!