ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު ކޯވިޑް-19 އަށް ފޮޒިޓިވް ވުމާ ގުޅިގެން އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ބައެއް ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނައުމާއި ގުޅިގެން އެރަށްރަށުގެ ޕޮލިސް ސްޓޭޝަންތައް ޑިސްއިންފެކްޓް ކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، އެ ސްޓޭޝަނުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސައި މަސައްކަތްތައް ކުރިއަށް ގެންދަން ފަށާފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނެފައިވަނީ ޕޮޒިޓިވް ފުލުސް މީހާ މަސައްކަތްކުރާ ޕޮލިސް ސްޓޭޝަން ޑިސްއިންފެކްޓްކޮށް، އެސްޓޭޝަންގައި ބޭނުންކުރާ ޕޮލިސް ގިއަރތައްވެސް ޑިސްއިންފެކްޓްކުރުމަށްފަހު، އަލުން ބޭނުންކުރަން ފަށާފައިވާކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޚިދުމަތް ކުރިއަށް ގެންދާއިރު ރަށުތެރެ ބެލެހެއްޓުން މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ގޮތަށް އޮޕަރޭޝަނަލީވެސް ބައެއް ބަދަލުތައް ގެނެސްފައިވާކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.
މިފަދަ ދަނޑިވަޅުގައި ރައްކާތެރިކަމުގެ ގޮތުން ފުލުހުންގެ އެކި ބޭނުންތަކުގައި ޕޮލިސް ސްޓޭޝަންތަކަށް ހާޞިރުވުމުގެ ބަދަލުގައި ޚިދުމަތްތައް ހޯއްދެވުމަށް ފުލުހުން ވެބްސައިޓްގެ އީސަރވިސަސް ޕޯޓަލް މެދުވެރިކޮށް ޚިދުމަތްތަކަށް އެދެވޭނެކަމަށާއި މިހާލަތުގައިވެސް ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެންމެހައި ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ ގޮތަށް ކަންކަން ދަނީ ބައްޓަންކުރަމުންކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އެސްޓޭޝަނުން މިހާރު ވަނީ އަޅާފައިކަމަށާއި އެގޮތުން ކޯވިޑް-19 އަށް ޕޮޒިޓިވްވި ފުލުސް އޮފިސަރާ ކޮންޓެކްޓްވި މުވައްޒަފުން ދެނެގަނެ އެމުވައްޒަފުން އައިސޮލޭޝަންއަށް ބަދަލުކޮފައިވާއިރު، ޕޮޒިޓިވްވި މުވައްޒަފާއި ސީދާ ކޮންޓެކްޓްވި ފަރާތްތަކުގެ އިތުރުންވެސް ވީހާވެސް ގިނަ އަދަދެއްގެ މުވައްޒަފުންގެ ސާމްޕަލްތައް ނަގައި ޓެސްޓްކުރުމުގެ މަސައްކަތްތައް ޕޮލިސް މެޑިކަލް ސަރވިސަސްއާއި ގުޅިގެން މިހާރު ކުރިއަށް ގެންދާކަމަށް ފުލުހުން ހާމަކުރެއެވެ.
އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ބައެއް ރަށްތައް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!