14 އަހަރުގެ ކުޑަ އަންހެން ކުއްޖެއް "ގްރޫމް" ކޮށްގެން ޖިންސީ ގުޅުން ހިންގަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ތ އަދި ލ އަތޮޅު ހިމެނޭ ސަރަހައްދުގެ ރަށަކަށް ނިސްބަތްވާ މީހެކެވެ.
ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންއިން ވަނީ ސެޕްޓެމްބަރ މަހު 30 ވަނަ ދުވަހު ލިބުނު މައްސަލައަކާއި ގުޅިގެން 14 އަހަރު ގެ އަންހެން ކުއްޖަކު ގްރޫމް ކޮށްގެން ޖިންސީ ގުޅުން ހިންގުމަށް މަސައްކަތް ކުރި 35 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ
މިކަމާ ގުޅިގެން ފުލުހުން ވިދާޅުވެފައިވެ އެވެ.
ދިވެހިރާއްޖޭގައި މަދުން ނަމަވެސް، "ގްރޫމް" ކޮށްގެން ކުޑަކުދިންނާއި ޖިންސީ ގުޅުން ހިންގުމަށް މީހުން މަސައްކަތް ކުރާ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ.
ގްރޫމް ކުރުމަކީ ދުރާލައި ރާވައިގެން ކުޑަކުއްޖަކަށް ޖިންސީ ގޮތުން ގޯނާ ކުރުމުގެ ނިޔަތުގައި އެކުއްޖާ ނުވަތަ އެކުއްޖާގެ އާއިލާއާއި މެދު ގުޅުން ބަދަހިކޮށް، އެކުއްޖާއާއި ގާތް ވުމަށް އެކި ގޮތްގޮތަށް މަސައްކަތް ކުރުމެވެ. މި ގޮތުން، މާލީ ގޮތުން ކުއްޖާއަށް އެއްޗެހި ގަނެދިނުން، ނުވަތަ ބާރުގެ ބޭނުން ކުރުން، އަދި ނަފްސާނީ އުކުޅުތައް ބޭނުން ކުރުންވެސް ހިމެނެއެވެ. މިކަމަކީ، މި ފަދަ މީހުން ދުރާލާ ވިސްނާ، ޕްލޭންކޮށް ކުރާ ކަންކަން ކަމުގައި ފާހަގަކޮށްލަންޖެހެއެވެ.
ނުވަތަ "ގްރޫމިންގް" އަކީ މީހަކު ކުޑަކުއްޖަކާއި އެކު ނަފްސާނީ ގޮތުން ގުޅުން ބަދަހި ކޮށް، އެ ގުޅުން ދަމަހައްޓާ، ޖިންސީ ގުޅުން ހިންގުމުގެ ނިޔަތުގައި ކުޑަ ކުއްޖަކާއި ކައިރިވެ، އެ ގުޅުން ހިންގުމަށް އޭނާގެ އަތުގައިވާ ބާރެއް ބޭނުން ކުރުމެވެ.
1. ގްރޫމް ކުރާ މީހުންނަކީ ކޮބާ؟
ކޮންމެ މީހަކުވެސް ޖިންސީ ޝިކާރަވެރިކަށް ވުން އެކަށީގެންވެއެވެ. ކުދިންނަށް އަނިޔާ ކުރާ މީހުންނަކީ ސިފައިގެ ގޮތުން ނުވަތަ އުޅުމުގެ ގޮތުން ބަލާބެލުމަށް ދެނެގަނެވޭނެ ބައެއް ނޫނެވެ.
ޖިންސީ ޝިކާރަވެރިންނަކީ ގިނަ ފަހަރު އެ ކުއްޖާ ދަންނަ މީހެކެވެ. އާއިލާ މެންބަރެކެވެ. ނުވަތަ ގާތްތިމާގެ މީހެކެވެ. ނުވަތަ އަވަށްޓެރިއެކެވެ. ނުވަތަ އާއިލާގެ ގާތް ރަހުމަތްތެރިއެކެވެ. އެ ކުއްޖާ ކައިރީގަ އުޅޭ މީހުން އިތުބާރު ކުރާ މީހެކެވެ.
ބައެއް ފަހަރު އެ މީހަކީ އެ ކުއްޖާ ނުދަންނަ މީހަކަށް ވެދާނެއެވެ. ޅައުމުރުގައި އިންޓަރނެޓަށް ތައާރަފްވާ ކުދިންނަށް ޓާރގެޓް ކޮށް ޝިކާރަވެރިން ގްރޫމްކުރެއެވެ.
2. ގްރޫމް ކުރަނީ ކިހެނެތް؟
ޝިކާރަވެރިން އެމީހުންގެ ނާޖާއިޒް ބޭނުންތައް ފުއްދުމަށްޓަކައި ވަރަށް ގިނަ އުކުޅުތައް ބޭނުން ކުރެއެވެ.
މީގެ ތެރޭގައި ހިމެނެނީ:
- ކުއްޖާގެ އާއިލާއާއި ގާތް ގުޅުމެއް ބޭއްވުން
- އާއިލާ މީހުންގެ އިތުބާރު ހޯދައި އެމީހުންގެ މެދުގައި މަގްބޫލް މީހަކަށް ވުމަށް މަސައްކަތް ކުރުން
- ކުއްޖާ އާއި ވަކިން ބައްދަލު ކުރުމަށް މަސައްކަތް ކުރުން
- ސުޕާރީ ނުވަތަ ޗުވިންގަމް ފަދަ އެ ކުއްޖާއަށް ގެއިން ނުލިބޭ ތަކެތި ހަދިޔާ ކުރުން
- ކުއްޖާއާއި ގާތް ގުޅުމެއް ބޭއްވުން
- ކުއްޖާއަށް ތައުރީފްކޮށް، އެ ކުއްޖާ އަކީ އުމުރާބަލައި ސިކުނޑި ތަނަވަސް ކުއްޖެއް ކަމަށްބުނުން
- ޝަކުވާތައް އަޑުއަހައި ލޯބިވެ އަޅާލާކަމަށް ދެއްކުން
- ބިރު ދެއްކުން ނުވަތަ ބާރުގެ ބޭނުން ކުރުން
- މީހެއް ކައިރީ ބުނެފިނަމަ އާއިލާއަށް ނުވަތަ ގާތްމީހަކަށް ގެންލުންދޭނެ ކަމަށް ބުނުން
- ޖިންސީ އަނިޔާ ކުރިއަށް ދާކަން އެހެން މީހުންނަށް އިނގޭ ކަމަށް ބުނެ އާއިލާއަށް ބޭޒާރުކުރާނެ ކަމަށް ބުނެ ބިރު ދެއްކުން
- މީހަކު އެވާހަކަ ގަބޫލުނުކުރާނެ ކަމަށް ބުނުން
ގްރޫމްކުރާ ޝިކާރަވެރިޔާއަކީ ވަކި ޖިންސެއްގެ މީހަކަށް ނުވެދާނެއެވެ. ފިރިހެނަކު އަންހެން ކުއްޖަކު، އަންހެނަކު ފިރިހެން ކުއްޖަކު، އެމީހާ އާއި އެއްޖިންސުގެ ކުއްޖަކުވެސް ގްރޫމް ކޮށްފާނެ. ބެލެނިވެރިން މިކަމަށް ސަމާލުވެ، ކުއްޖާއާއި ގުޅުން އޮންނަ އެކި ފަރާތްތަކާއިމެދު ސަމާލުވާންޖެހެއެވެ.
3. ގްރޫމްކުރެވިފައިވާކަން ދެނެގަންނާނީ ކިހިނެއް؟
ގްރޫމްކުރެވިފައިވާކަން ދެނެގަތުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ގްރޫމިންގގެ އަލާމާތްތަކަކީ އަބަދު އެއް އަލާމާތްތަކަކަށް ނުވަތަ އިޝާރާތްތަކަކަށް ނުވުމާއި އަދި ފުރާވަރު އުމުރުފުރާއިގެ ކުދިންނަކީ އުޅުމަށް ބަދަލު އަންނަމުންދާ ކުދިން ކަމުން މި އުމުރުގެ ކުދިންގެ ކިބައިން ގްރޫމިންގގެ އަލާމާތްތައް ވަކި ކުރަން އުނދަގޫ ވެއެވެ. ނަމަވެސް ތިރީގައި މިފާހަގަކޮށްލަނީ މީގެތެރެއިން ބަޔެއް ކަންކަމެވެ.
- އާދަޔާ ހިލާފަށް ކުއްޖާ ކުރާ ކަންތައްތައް ބެލެނިވެރިންނަށް ސިއްރު ކުރުން
- ކުއްޖާއަށް ވުރެ އުމުރުން ދޮށި މީހަކާއި ވާހަކަ ދެއްކުން
- ލިބޭ ހަދިޔާ ތަކަކީ ކާކު ދިން، ކިހިނެއް ލިބުނު އެއްޗެއްކަން ބުނެދޭން ޖެހިލުންވުން ނުވަތަ ނޭނގުން
- މާގިނަ ވަގުތު އިންޓަރނެޓްގައި ހޭދަކުރުން
- ކަންބޮޑުވެ، މަޑުމޮޅިވެފައި އިނުން
- އުމުރާއި ނުގުޅޭ މައުލޫމާތު އިނގުން
- އާއިލާއާއި ދުރުވުން ހިމެނެއެވެ.
4. އެއްވެސް ސިފައެއްގައި ގްރޫމިންގގެ ވާހަކައެއް ދައްކާނަމަ އަމަލު ކުރަންވީ ގޮތަކީ
- ކުއްޖާ ދައްކާ ވާހަކަ ކަނުލާ އަޑުއެހުން
- ތިބާ ކައިރީގައި ކުއްޖާ އެވާހަކަ ބުނުން އެއީ ރަނގަޅު ކަމެއްކަން ކުއްޖާއަށް އެންގުން
- އެކަމުގައި ކުއްޖާގެ އެއްވެސް ކުށެށް ނެތްކަން ކުއްޖާއަށް ހާމަކޮށްދިނުން
- ކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދިނުން
- ގްރޫމަރއާއި އަމިއްލައަށް ކުރިމަތި ނުލުން
- ކަމާއި ބެހޭ ފަރާތަށް ރިޕޯރޓު ކުރުމަކީ ވަރަށް މުހިއްމުކަމެވެ.
5. ރިޕޯޓް ކުރާނީ ކިހެނެތް؟
ޖިންސީ ޝިކާރަ ކުރިއަށް ދާކަމަށް ޝައްކު ކުރެވޭނަމަ ނުވަތަ އެފަދަ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް އެންގުން މުހިންމު!
ޗައިލްޑް ހެލްޕްލައިން 1412
ޕޮލިސް ހެލްޕްލައިން 3000600
ގްރޫމް ކުރުން: ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރުަމަށްޓަކައި އެކުއްޖާ ގްރޫމްކޮށްފި މީހެއްގެ އަދަބަކީ 10 އަހަރު ދުވަހަށް ޖަލަށްލުމެވެ. އަދި އެމީހަކީ ކުޑަ ކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހެއްނަމަ އަދަބަކީ 15 އަހަރަށް ޖަލަށްލުމެވެ.#Grooming #SexualAbuse pic.twitter.com/RmSQ3KMysV
— Maldives Police (@PoliceMv) June 14, 2020
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކޮށްފި މީހެއްގެ އަދަބަކީ 10 އަހަރު ދުވަހަށް ޖަލަށްލުމެވެ. އަދި އެމީހަކީ ކުޑަ ކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހެއްނަމަ އަދަބަކީ 15 އަހަރަށް ޖަލަށްލުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!