ހއ. ހޯރަފުށީގައި ސަރުކާރުން ތަރައްޤީ ކުރަމުންދާ އެއާޕޯޓަށް އަރާފައިބާނެ ފާލަމެއް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 1 ވަނަ ޖަލްސާގައި ސުވާލުކުރުމުގެ ވަގުތުގައި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Ad
rt

މެންބަރު ޝިފާޢު ވަނީ ހއ. އަތޮޅުގައި ތަރައްޤީކޮށްފައިވާ އެއާޕޯޓަށް ވަކިން އަރާފޭބޭނެ ގޮތެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ދާދި ފަހުންވެސް ވަނީ އަތޮޅުގެ ރައްޔިތުން އުފުލާފައި ކަމަށް ވިދާޅުވެ، '' މިހާރު މިކަމާއި ދޭތެރޭ ވަޒީރު ދެކިލަށްވަނީ ކިހިނެއްތޯ، އެކަން އެގޮތަށް ކުރަން ވިސްނަވާނަމަ އެކަމުގެ މަސައްކަތް ކުރަން ތަރުތީބު ކުރެވިފައިވަނީ ކޮން ގޮތަކަށްތޯ'' ސުވާލު ކުރަށްވާފައިއެވެ.

''އަޅުގަނޑު ދެކޭގޮތް މުހިންމެއްނޫން، އެ ވިދާޅުވާގޮތަށް ވަކިން އަރާފޭނެ ފާލަމެއް އަޅާގޮތަށް ވަނީ ނިންމިފައި'' މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

ހޯރަފުށީގައި ސަރުކާރުން ތަރައްޤީ ކުރަމުންދާ އެއާޕޯޓުގައި ފާލަމެއް އަޅަން ހަމަޖެހިފައިވާ ކަމަށް މިއަދު މިނިސްޓަރު އަސްލަމް ވިދާޅުވިއިރު، އެ އެއަރޕޯޓުގައި ވަކި ޖެޓީއެއް އަޅައިދިނުމަށް އެދި، ހއ އަތޮޅުގެ 12 ރަށަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއަށް ވަނީ ސިޓީ ވެސް ފޮނުވާފައިއެވެ.

ހއ އަތޮޅުގައި 14 ރަށުގައި މީހުން ދިރިއުޅޭއިރު 12 ރަށަކުން ފޮނުވި އެ ސިޓީތަކުގައި ފާހަގަކޮށްފައި ވަނީ، އެއާޕޯޓްގެ މަސައްކަތް ނިމެންދާއިރު ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންފައިވާ، އެއާޕޯޓް ޖެޓީގެ އެއްވެސް މަސައްކަތެއް ފެށިފައި ނުވުމުގެ ކަންބޮޑުވުމާއި، ޖެޓީއެއް އެއާޕޯޓްގައި އޮތުން މުހިއްމުވާ ސަބަބުތަކާއި އަދި ޖެޓީއާ ނުލައި އެއާޕޯޓް ހުޅުވައިފި ނަމަ އަތޮޅު ރައްޔިތުންނާއި އެއާޕޯޓްގެ ހިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާނޭ ތަކުލީފުތަކެވެ.

ނިމިދިޔަ ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯރޓް ހޯރަފުށީގައި އެޅުމަށް ނިންމައި، އެއާޕޯޓް މަޝްއުރޫއުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ފައްޓަވައިދެއްވައިފައި ވަނީ މިދިޔަ މާރޗް މަހުގެ 31 ވަނަ ދުވަހު އެވެ.

މިހާރު އެއާޕޯޓު ތަރައްގީކުރަމުން ގެންދަނީ ހޯރަފުށި ފަޅު ހިއްކައިގެންނެވެ. މިގޮތުން 842,200 ކިއުބިކް މީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރު އޯގަސްޓު މަހު ވަނީ ނިމިފަ އެވެ.

ހޯރަފުށިގައި ތަރައްޤީކުރާ އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި 8635 ކިއުބިކް މީޓަރުގެ އޭޕްރޮން އަދި ޓެކްސީ ވޭއެއް ހަދަން ނިންމާފައިވާއިރު، 9473 ކިއުބިކް މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ކިއުބިކް މީޓަރުގެ ފަޔާ އެކްސެސް ރޯޑެއް ހެދުމަށް ވެސް ވަނީ ނިންމާފައެވެ.

ހޯރަފުށީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 93 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ހޯރަފުށީ އެއާޕޯޓް ހެދުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސަރުކާރުން ސޮއިކޮށްފައިވަނީ 25 މާރިޗު 2019 ވަނަ ދުވަހުއެވެ.