މުދައްރިސުން ކުރަށްވަމުން ގެންދަވާ ހިތްވަރާއި، ކުރަށްވާ މިންނެތް މަސައްކަތުގެ އަގު ދުވަހަކުވެސް އަދާ ނުކުރެވޭނެމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިގޮތަށް ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ކުރެއްވި ޓުވީޓެއްގައެވެ.
ނައިބު ރައީސް ފައިޞަލް ވަނީ ކޯވިޑް-19ގެ މި ޙާލަތުގައިވެސް ދަރިވަރުންނަށް ތަޢުލީމު އުނގަންނައި ދިނުމުގައި މުދައްރިސުން ކުރަށް އަގުހުރި މަސައްކަތް ފާހަގަ ކުރަށްވައި، މުދައްރިސުންނަށް، މުދައްރިސުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަޙުނިޔާ ފޮނުއްވާފައެވެ.
މީގެ އިތުރުން ނައިބު ރައީސް ފައިޞަލް ވިދާޅުވީ ދިރިއުޅުމުގައި ކާމިޔާބު ބަޔަކަށް ދަރިވަރުން ހެދުމަށް މުދައްރިސުން ކުރަށްވާ ބުރަ އަދި މިންނެތް މަސައްކަތަކީ އެ މަސައްކަތުގެ އަގު ދުވަހަކުވެސް އަދާނުކުރެވޭނެ ފަދަ ޤައުމީ ޚިދުމަތްތަކެއްކަމަށް ކަމަށެވެ.
މިއަދުގެ މުނާސަބާގައި ރައީސް ޞާލިޙްވެސް ވަނީ މުދައްރިސުންނަށް ޝުކުރު އަދާ ކުރަށްވައި، ތަހުނިޔާ ފޮނުއްވާ ފައިއެވެ. ރައީސް ޞާލިޙް ވިދާޅުވީ ދިރިއުޅުމަށް ހެޔޮބަދަލުތަކެއް ގެނައުމަށް ކުރާ މަސައްކަތުގައި ބެލެނިވެރިންގެ އިތުރުން ދެން އެންމެ ހެޔޮ އަސަރުތަކެއް ގެނުވާ ބަޔަކީ މުދައްރިސުންކަމަށެވެ.
މިއަހަރުގެ މުދައްރިސުންގެ ދުވަސް ބައްދަލުވެފައި މިވަނީ ކޯވިޑްގެ ސަބަބުން ތަފާތު ތަޖުރިބާއެއް ކުރަން ޖެހިފައިވާ ދުވަސް ވަރަކާއިއެވެ. ކޯވިޑްގެ ސަބަބުން އޮންލައިން ކިލާސްތަކާއި، ޓެލިކިލާސްތައް މެދުވެރިކޮށް ކިޔަވައި ދިނުން ދަނީ ކުރިއަށް ގެންދަމުންނެވެ.
ކޯވިޑް ބަލި ނެތް ރަށްރަށުގައި ކިޔަވައިދޭ ވަގުތު މި ހަފުތާއިން ފެށިގެން ދުވާލަކަށް ފަސް ގަޑިއިރަށް އިތުރުކޮށްފައިވާއިރު، އެ ރަށްތަކުގައި ދަނީ ސްކޫލްގައި ކިޔަވައި ދެމުންނެވެ. މި ހަފުތާއިން ފެށިގެން މާލޭ ސިޓީގައި ވެސް ދަނީ ގްރޭޑް 9،10 އަށް ސްކޫލްގައި ކިޔަވައި ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!