ދިއްދޫގެ ތަރައްޤީއަށާއި، ދިއްދޫގެ މައްސަލަތަކަށް ޙައްލެއް ހޯދައިދިނުމުގެ ނިޔަތުގައި އުފެއްދި "ދިއްދޫ ރައްޔިތުންގެ އަޑު" ގެ ޢާންމު ޙަރަކާތްތަށް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
މި ހަރަކާތުގެ މައިގަނޑު އަސާސަކީ، ދިއްދޫ ރައްޔިތުންގެ އިތުރުން އަތޮޅުގެ ގިނަ ރައްޔިތުންނަށް ދިއްދޫ އިން ފަސޭހަކަމާއި އެކު ޚިދުމަތްތަށް ހޯދުމުގެ މަގު ފަހި ކޮށްދިނުމެވެ. އެ ގޮތުން ޢާންމު ހަރަކާތްތަށް ފެށުމުގެ ގޮތުން ދިއްދޫގައި ހުރި ސަރުކާރުގެ ބައެއް އިދާރާތަކަށް ސިޓީ ހުށަހެޅުމުގެ ހަރަކާތެއް މިއަދު ހެނދުނު ކުރިއަށް ގެންގޮސްފިއެވެ. މި ޖަމާޢަތުގެ ކޯޑިނޭޓަރ އަލްފާޟިލް އަބްދުﷲ ރަޝީދުގެ އިސްނެންގެވުމުގެ މަތިން މި ހަރަކާތް ފަށާފައިވަނީ މިއަދު ހެނދުނު 10:00 ގަ އެވެ.
މިއަދުގެ މި މަސައްކަތުގައި އެންމެ ފުރަތަމަ ސިޓީއެއް ހުށަހަޅާފައިވަނީ ދިއްދޫގެ ކައުންސިލް އިދާރާއަށެވެ. އެ އިދާރާއަށް ހުށަހެޅި ސިޓީތަކުގެ ތެރޭގައި، އެޖަމިއްޔާގެ ކުރު ތަޢާރަފަކާއި، އެޖަމިއްޔާގެ އެގްޒެކެޓިވް މެންބަރުން (އެކްސްކޯ މެންބަރުން) ގެ މަޢުލޫމާތުގެ އިތުރުން، ދިއްދޫ ކައުންސިލް އިދާރާގެ 3 ވަނަ ދައުރުގައި ފާސްކޮށްފައިވާ ދިއްދޫ ކައުންސިލްގެ ވެބްސައިޓް ނުނިމި ލަސްވުމާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމާއި، ދިއްދޫގައި ހިއްކި ސަރަހައްދުގައި ޢިމާރާތްކުރުމަށް ނިންމަވާފައިވާ މިސްކިތުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބު ދެނެގަތުން ހިމެނެއެވެ. އެ އިދާރާއަށް އެޖަމިއްޔާއިން މުޅި އެކު 3 ސިޓީ ވަނީ ހުށައަޅާފަ އެވެ.

މީގެ އިތުރުން އެޖަމިއްޔާއިން ސިޓީ ހުށަހަޅާފައިވަނީ، ހއ އަތޮޅު ހޮސްޕިޓަލަށާއި، ހއ ދިއްދޫ ފެމިލީ އެންޑް ޗިލްރެންސް ސަރވިސް ސެންޓަރަށެވެ. މިއިން ކޮންމެ ތަނަކަށް 2 ސިޓީ ހުށަހަޅާފައިވާއިރު، އެއީ އެ ޖަމިއްޔާގެ ކުރު ތަޢާރަފެއްގެ އިތުރުން، އެ ދެ ފަރާތުގައި ހުރި ދަތި ކަންކަން އޮޅުން ފިލުވުމުގެ ގޮތުން ލާފައިފާ ދެ ސިޓީ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!