އުތުރުން މަރުވަމުންދާ ކަނޑޫފާތަކުގެ ލިސްޓަށް ހއ. އުލިގަމު ކަނޑޫފާ އިތުރުވެއްޖެއެވެ.
ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ ކުޅުދުއްފުށީގެ ޖަމްޢިއްޔާއެއް ކަމަށްވާ ''ބީލީފް''އިން މިއަދު ވަނީ އުލިގަމު ކަނޑޫފާ މަރުވަމުންދާ މައްސަލަ މީޑިއާގެ ސަމާލު ކަމަށް ގެނެސްފައެވެ.
މިކަމާއި ގުޅިގެން އުލިގަމު ކައުންސިލްގެ ނައިބު ރައީސް އިމާދު ޢަބުދުﷲ ''ތިލަދުން'' އަށް ވިދާޅުވީ ދާދި ފަހުން ކަނޑު ގަދަވެ ކުރި ގަދަ ވިއްސާރައަށްފަހުން އެ ރަށުގެ ކަނޑޫފާ މަރުވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
''ވަރަށްފަހުން އިންޑިއާ ކަނޑުގައި އުފެދުނު ތޫފާނެއްގެ އަސަރު ރާއްޖެއަށް ކުރި ނޫންތޯ، އެ ތޫފާނުގައި ކުރި ވިއްސާރާގައި ކަނޑުތައް ގަދަވެ ރަށުގެ ފަރުވެސް އެ ފުށް މިފުށަށް ޖަހާލާފަ ކަހަލަ ގޮތަކަށް އޮތީ، ކަނޑޫފާ ތެރެއަށް ވެސް ލޮނުވަދެ ދެ ފޫޓަށް ލޮނު ހުރި، ލަފާ ކުރެވެނީ އެއަށްފަހުން ކަނޑޫފާ މަރުވާން ފެށީ ކަމަށް'' އިމާދު ވިދާޅު ވިއެވެ.
އިމާދު ވިދާޅުވީ ކަނޑޫފާ މަރުވާ އަސްލު ސަބަބު ދެނެގަނެވޭނީ އެކަން ދިރާސާކޮށްގެން ކަމަށް ވާތީ، ކަމާއި ބެހޭ އިދާރާތަކުގެ ސަމާލުކަމަށް އެކަން ގެންނަވާނެ ކަމަށެވެ.
އުތުރުގެ ގިނަ ކަނޑޫފާތަކެއް ދަނީ މަރުވަމުންނެވެ. މި ގޮތުން ށ. ފޭދޫ، ށ. ފަރުކޮޅު، ހދ. ނޭކުރެންދޫ، ހދ. ވައިކަރަދޫ، ހދ. ނޮޅިވަރަމް އަދި ހއ. ކެލާގެ ކަނޑޫފާ ދަނީ މަރުވެ، ނެތެމުންނެވެ.
މި ކަނޑޫފާ ތަކުގެ ތެރެއިން ނޭކުރެންދޫއާއި، ކެލާ ކަނޑޫފާ މަރުވާ ސަބަބު ދެނެގަންނަން ސަރުކާރުން ވަނީ ދިރާސާ ކޮށްފައެވެ.
ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ، ހދ. ނޭކުރެންދޫ ކަނޑޫފާ މަރުވާ ސަބަބު ދެނެ ގަތުމަށް ރާއްޖޭގެ ތިމާވެށީގެ ދިފާއުގައި ވަކާލާތުކޮށް، މަސައްކަތް ކުރާ ސޭވް މޯލްޑިވްސް ހަރަކާތް އިސްވެއޮވެ، އެރަށުގެ ކައުންސިލާއި ގުޅިގެން ވަނީ މިއަހަރުގެ ޖުލައި މަސްތެރޭގައި އެރަށު ކަނޑޫފާ ސަލާމަތްކުރުމަށް ދިރާސާއެއް ފަށައިފައެވެ.
ކޮމަންވެލްތުގެ ހިއުމަން އިކޮލޮޖީ ކައުންސިލުން ފަންޑުކޮށްގެން ފެށި އެ ދިރާސާއަކީ އިންޓަނޭޝަނަލް ޔުނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާގެ މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް (އައިޔޫސީއެން އެމްއެސްޖީ)އާއި، މެގްރޫވް ދިރާސާ ކުރާ ބައިނަލްއަގުވާމީ ޖައްމިއްޔާއެއް ކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)އާއި ގުޅިގެން ސޭވް މޯލްޑިވްސްގެ ފަންނީ އެހީތެރިކަމާއެކު ކުރިއަށްގެންދާ ދިރާސާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!