ހއ. އުތީމުގެ ތިމާވެށީގެ ރައްކާތެރިކަމަށާއި، އާންމު މަސްލަހަތަށްޓަކައި އެރަށު ގޮނޑުދޮށުން ޤަވާޢިދާ ޚިލާފަށް ވެލި ނުނެގުމަށް އުތީމު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.

އުތީމު ގޮނޑު ދޮށުން ވެލި ނެގުން އެ ކައުންސިލް ވަނީ ކުރިއްސުރެ މަނާ ކޮށްފައެވެ.

Ad
rt

އުތީމު ކައުންސިލުން ބުނީ މިހާރަކަށް އައިސް އެ ރަށުގެ ގޮނޑު ދޮށުން ބައެއް ރައްޔިތުން ޤަވާޢިދާ ޚިލާފަށް ވެލި ނަގަމުންދާ ކަމުގެ މަޢުލޫމާތު ލިބެމުންދާ ކަމަށެވެ.

އެކަން މަނާކޮށް 9 ޑިސެމްބަރު 2019 ގައި އާންމުކޮށް އަންގާފައިވާ އެންގުމާއި އެއްގޮތަށް ހުރިހާ ރަށްޔިތުން ވެސް އަމަލު ކޮށްދޭން އެދޭ ކަމަށް އުތީމު ކައުންސިލުން ބުންޏެވެ.

''މިފަދަ ޢަމަލު ތަކުގެ ސަބަބުން ރަށުގެ ތިމާވެއްޓަށް ގެއްލުން ލިބި، ދެރަގޮތް ތަކެއް ދިމާވުމުގެ އިތުރުން ރަށުތެރޭގެ އާންމު މަސްލަހަތު ގެއްލިގެން ދިއުން އެކަށީންގެ ވާތީ މިފަދަ ކަންކަން ނުކުރުމަށް ނަޞޭހަތްތެރިވެ، އިލްތިމާސް ކުރަން''

އުތީމު ކައުންސިލުން ބުންޏެވެ.

އުތީމު ގޮނޑުދޮށުން ޤަވާޢިދާ ޚިލާފަށް ވެލި ނަގާ މީހުންނާއި މެދު ފިޔަވަޅު އެޅޭނެކަން ހަނދުމަ ކޮށްދޭ ކަމަށް ވެސް އެ ރަށުގެ ކައުންސިލުން ވަނީ ބުނެފައި އެވެ.

އެހެންކަމާއިއެކުން ޤަވާޢިދާ ޚިލާފަށް އުތީމު ގޮނޑު ދޮށުން ވެލި ނެގުމަކީ މަނާކަމެއްކަން އާންމުކޮށް އަންގައި ޢިއުލާން ކުރާ ކަމަށް އުތީމު ކައުންސިލުން ވަނީ ބުނެފައެވެ.

ހއ. އުތީމުގެ އިތުރަށް، އުތުރުގެ އިތުރު ބައެއް ރަށްތަކުން ވެސް ވަނީ ފަހަކަށް އައިސް އެރަށްތަކުގެ ގޮނޑުދޮށުން ޤަވާޢިދާ ޚިލާފަށް ވެލި ނަގާތީ އެކަން ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.

ރަށްތަކުގެ ގޮނޑުދޮށުން އެއްވެސް އުސޫލެއް، ބެލުމެއްނެތި ވެލި ނެގުމުގެ ސަބަބުން ރާއްޖޭގެ އެތަށް ރަށަކަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަތައް ދަނީ އިންތިހާއަށް އިތުރު ވަމުންނެވެ.