ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ދެމުންދާ ޞިއްޙީ ޚިދުމަތްތަށް އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ކަމާއިގުޅޭ ފަރާތްތަކާއިއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މަޝްވަރާކުރައްވައިފި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ބައެއް މައްސަލަތަކާއި، އެތަނުން ދެމުންދާ ޞިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ކަމާއިގުޅޭ އިދާރާތަކުގެ ބޭފުޅުންނާއި ބައްދަލުކުރައްވައި، މަޝްވަރާކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިން ފާހަގަކުރެއްވި ބައެއް ކަންތައްތަކުގެ ތެރޭގައި، އިންސާނީ ވަޞީލަތްތައް ހޯދުމުގައި އެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަށް ފާހަގަކުރައްވައި، އެ ތަނުގެ ހިންގުން ހަރުދަނާ ކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތައް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ހެލްތް މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމާއި ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި، ކުޅުދުއްފުށީ ދާއިރާ ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުންނާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިންގެ އިތުރުން، ހެލްތް މިނިސްޓްރީގެ އިސް ބޭފުޅުންނާއި، އާސަންދަ އަދި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަންގެ އިސްވެރިންނާއި، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ރައީސާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!