މާފުށި ޖަލަށް އެތެރެ ކުރަން އުޅުނު 23 ފޯނާއި މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރު ކޮށްފިކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ޖަލަށް ވެއްދުން މަނާތަކެތި ޖަލަށް ވައްދަން މަސައްކަތްކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކ. މާފުށި ޕޮލިސް ސްޓޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާފުށި ޖަލަށް ވައްދަން އުޅުނު ފޯނުތަކަކާއި މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި އެމީހާ ހައްޔަރު ކޮށްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެރޭ 00:45 އެހާކަންހާއިރު މާފުށި ޖަލު ކައިރިންކަމަށް ފުލުހުން ބުނެފައިވެއެވެ.
"އެމީހާ ހުއްޓުވައި އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާގެ އަތުން 15 ސްމާޓް ފޯނާއި 6 ފޯނާއި ދެ މިނީ ފޯނެއްގެ އިތުރުން ޗާޖަރު ކޭބަލްތަކަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 43 ރަބަރު ކޮތަޅު ފެނިފައެވެ."
ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ.މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށާއި މި މައްސަލަ ކ.މާފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!