ޅ އަތޮޅުން 5 ސަރަހައްދެއް ހިމާޔަތްކުރުމަށް ނިންމަވައިފި

cabinet

ފާދިއްޕޮޅު (ޅ.އަތޮޅު) ން ފަސް ސަރަހައްދެއް ހިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރައީސް ޞާލިޙް މިގޮތަށް ނިންމެވީ މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، އެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކުގަ އެވެ.

މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު ހިމާޔަތް ކުރެއްވުމަށް ނިންމެވި 5 ސަރަހައްދަކީ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ ސަރަޙައްދުތަކެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

''މި ސަރަހައްދުތައް ކަނޑައެޅުމުގައި އެންމެ މުހިންމު އެއް އަސާސަކީ، ޒަމާނުއްސުރެ މީހުންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ މަޢުލޫމާތު (ޓްރެޑިޝަނަލް ނޮލެޖް) އާއި، ލިބެންހުރި ދިރާސާ ރިޕޯޓުތަކާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބުނު މަޢުލޫމާތުތަކެވެ.'' ރައީސް އޮފީހުން ބުނެފައި ވެއެވެ.

ޅ. އަތޮޅުން ހިމާޔަތް ކުރުމަށް ނިންމި 5 ސަރަޙައްދު

  • ޅ.މާގަނދު (އެނިމޮނީ) ތިލަ،
  • ޅ.ދިއްފުށި-މާދޫގައި ހިމެނޭ 5 ރަށުގެ ތެރެއިން އެންމެ އުތުރުން އޮންނަ ރަށްކަމަށްވާ ސެއްޅިފުށީގެ ޗަސްބިން ސަރަހައްދު،
  • ޅ.މާކޯ،
  • ޅ.ވައްވަރު
  • ދަނޑިފަޅު ކަނޑު އޮޅި އާއި ދަނޑިފަޅު ފިނޮޅު ސަރަހައްދު އަދި ޅ. ދަށުގިރި ފިނޮޅު ސަރަހައްދު

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ފާދިއްޕޮޅުގެ 2 ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފައި ކަމަށާއި، އެއީ 1995 ސެޕްޓެންބަރު 27 ގައި ހިމާޔަތް ކޮށްފައިވާ ޅ. ފުށިފަރު ތިލަ ސަރަހައްދާއި، 1999 އޮކްޓޫބަރު 21 ގައި ހިމާޔަތް ކޮށްފައިވާ ޅ. ކުރެއްދޫ ކަނޑު އޮޅި (ކުރެއެދޫ އެކްސްޕްރެސް) ސަރަހައްދު ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު މިއަދު ވަޒީރުންގެ މަޖިލިސްއަށް ހުށަހެޅުއްވި ކަރުދާހުގައި ބުނެފައި ވާކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިއަދު އަލަށް ހިމާޔަތް ކުރުމަށް ހުށަހެޅި ސަރަޙައްދުތައް ޙިމާޔަތްކުރުމަށް ހުށަހެޅީ ކަމާބެހޭ މިނިސްޓްރީތަކާއި، އިދާރާތަކާއި، އެކި ސިނާޢަތްތަކާވެސް މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ މި ތަންތަން ހިމާޔަތްކުރުމުގެ ކަންކަން ކުރިއަށް ގެންދަވާއިރު، ފާދިއްޕޮޅުގެ ޢުމްރާނީ ތަރައްޤީއާ ގުޅޭ މަޝްރޫޢުތަކަށް ހުރަސްނޭޅޭނެ ފަދަ ގޮތަކަށް ކަންކަން ހަމަޖައްސަވާނެކަމަށާއި، އަދި މިތަންތަން ހިމާޔަތްކުރުމުން މިކަމުގެ ފައިދާ އަންނަން އޮތް ޖީލިތަކަށް ލިބުމާއެކު، އެކޯ ޓޫރިޒަމާއި، އިންޓަރގްރޭޓެޑް ޓޫރިޒަމާއި، ދިރުން ހުރި އިޤްތިޞާދީ ހަރަކާތްތަކަށް މަގު ފަހިވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *