އާއިލީ ރަހުމަތްތެރިޔާ ހުސެންބެ

އާއިލީ ރަހުމަތްތެރިޔާ ހުސެންބެ

ހުސެންބެއަކީ ތަފާތު މީހެކެވެ. ގޭތެރޭގައި އަންހެންވެރިން ކުރާ ހުރިހާ މަސައްކަތެއް ކޮށް އުޅެއެވެ. ހަމަ ރަނގަޅަށް ރީތިކޮށް ކުރަންދަނެއެވެ.

އޭރަކީ ވަކި ކަހަލަ މަސައްކަތްތަކެއް މިހާރަށްވުރެ މާ ބޮޑަށް ވަކި ޖިންސަކަށް ޚާއްޞަވެފައި އޮތް ދުވަސްވަރެކެވެ. އަންހެންދުޅާ ފާޑު މަސައްކަތާއި ފިރިހެން ދުޅާ ފާޑު މަސައްކަތް ވަކިކޮށް ދިވެހި މުޖުތަމަޢުގައި ޖިންސީ ތަފާތުކުރުންތައް އިންތިހާއަށް އޮތް ދުވަސްވަރެވެ. އެފަދަ ދުވަސްވަރެއްގައި ހުސެންބެމެން ކަހަލަ މީހަކަށް މުޖުތަމަޢުގައި އޮންނާނެ މަގާމާއި ދަރަޖަ އޮތީ ހީކޮށްލުމެވެ.

އެކަމަކު ހުސެންބެ އޭނާގެ ހަޔާތައިގެން ކުރިއަށް ދިޔައެވެ. އަމިއްލަ މަސައްކަތުން ކައިގެންބޮއިގެން އުޅުނެވެ. އާމުދަނީ ހޯދިއެވެ. މުޖުތަމަޢުން މަލާމާތާއި ފުރައްސާރައިގެ ނަޒަރަކުން ބަލަމުން ދިޔައިރު އޭނާއާ ގާތްކަން ބެހެއްޓި ކޮންމެ މީހަކީ އެކުވެރިއެއް ކަމަށް ބަލަމުން ކުރިއަށް ދިޔައެވެ. އެ އެކުވެރިކަމާއި އިތުބާރު މަރު ދުވަހަށް ދެމެހެއްޓިއެވެ. އަންހެނުން ކޮށްއުޅޭ ޒާތުގެ މަސައްކަތްތައް ކޮށް އުޅުނަސް އަންހެނެއްގެ ސިފަ ޖެހިގެނެއް ނޫޅެއެވެ. އެގޮތަށް ހެދުންއަޅައި އެ ވައްތަރު ޖައްސައިގެންނެއް ނޫޅެއެވެ.

ހުސެންބެއަށް އާންމުކޮށް މީހުން ކިޔަނީ ސީނުގެ ހުސޭނެވެ. އެ ޒަމާނުގައި އަންހެނުން ކުރާ ހުރިހާ މަސައްކަތެއް ހުސެންބެ ކުރަން ދަނެއެވެ. ކެއްކުމުގައި އެއީ އަރާހުރި ހުނަރުވެރިއެކެވެ. ހަނޑޫހޮވައި ހަނޑޫ ދޮވެއެވެ. ބަތް ކައްކައި ރިހަކައްކައި ފުށްމޮޑެ ރޮށިދަމާ ރޮށިފިހެ އުޅެއެވެ. އަންހެންވެރިންނާއެކު ވަލަށް ގޮސް ދަރުހޮވައެވެ. އެ ދަރުން ގަރުދިޔައާއި ރިހާކުރު ކައްކައެވެ. ފަނުން އިލޮށިފަތި މަށައެވެ. އިލޮށިފަތިން ކުނިކަހައެވެ. އޮށްކެޔޮ ހޮވައެވެ. އޮއްކޭލުން މަދު ފަޅައެވެ. އެ މަދު ވިއްކައެވެ. ހަދިޔާއަށް މީހުންނަށް ފޮނުވައެވެ. ގިނަ ގާތް އެކުވެރިންނަކީ އަންހެނުންނެވެ. އެކަމަކު އެކުއުޅޭ އެންމެ ގާތް ރައްޓެއްސަކީ އާބެގެ އަބޫބަކުރުބެއެވެ.

ބަކުރުބެ އަކީ ވެސް ވަރަށް މީރުކޮށް ކައްކާ މީހެކެވެ. މިހާރު ވެސް އަޅުގަނޑުގެ ބައްޕަ ވިދާޅުވެއެވެ. އަބޫބަކުރު އަޅާހާ މީރުކޮށް ކުޅި ބޯކިބަލާއި ގިތެޔޮ ބޯކިބާ އަޅަން ދަންނަ މީހަކު ނުފެނެއެވެ. އަބޫބަކުރު އަޅާ ބޯކިބަލުގައި އެލާ ރަހައެއް ނުލައެވެ.

އަބޫބަކުރުބެއަކީ ފަހާ މީހެއް ވެސް މެއެވެ. ދެ ޖިންސްގެ އަންނައުނު ފެހިއެވެ. ޒުވާން ދުވަސްވަރުން ފެށިގެން މި ދެ މީހުން އުޅެމުން އައީ ގާތް ރަޙުމަތްތެރިންގެ ގޮތުގައެވެ. ޒުވާން ދުވަސްވަރަށް ހިނގާށެވެ. އެއީ ދެ ޖިންސުގެ ކުދިން މަނަދޫ ކަރަންކާވިލާ ކައިރީގައި ރޭގަނޑަށް މުގޯލި އެޅި ދުވަސްވަރެވެ. ލަވަކިޔާ ބާޒީ ކުރި ދުވަސްވަރެވެ. އެ ތަނަށް ހުސެންބެއާއި ބަކުރުބޭ ރޭގަނޑަށް ގޮސް އުޅެއެވެ.

ދެން ފެންނަންފެށީ އަވަށު ކުޅިވަރުގެ ތެރެއިންނެވެ. ނަށާ އަންހެން ކުދިންނަށް ހިތްވަރުދީ، އެކުދިންނާއެކު އުޅޭތީއެވެ. އެކަމަކު އެއީ ނަށާ ބައެއް ނޫނެވެ. އުޅެނީ ކުޅިބަލާ ފޯރިދިނުމުގައެވެ. އަވަށު ކުޅިވަރުގެ ފޯރިގަނޑުގެ ތެރޭގައި ހުޅަނގުއަވަށް ނެގެހެއްޓުމުގައެވެ. އެ ދުވަސްވަރުން ފެށިގެން ވެސް ހުސެންބެއާއި ކަނބުލޮ ދައިތައާއި މަރީނަދައިތަ (ފަހުން އަޅުގަނޑު ދޮން މާމަ) އެއީ ވަރަށް ގާތް އެކުވެރިންނެވެ. މާމަގެ މަރު ދުވަހަށް މާމައާ ހުސެންބެއާ އެ ރަޙުމަތްތެރިކަން އޮތެވެ. ހުސެންބެގެ މަރު ދުވަހަށް ކަނބުލޮދައިތައާ ހުސެންބެގެ އޮތް ގާތް ގުޅުން އޮތެވެ. ހުސެންބެއަށްވުރެ ކުރިން އާބެގެ ބަކުރުބޭ ނިޔާވެއްޖެއެވެ. އާބެގެ ހުންނަނީ އަތޮޅުގޭގެ ހުޅަނގުން އާމަގުގެ ދޫކޮަށް ހުޅަނގު ފަރާތުގައެވެ. ހުސެންބެ އުޅޭ ސީނުގެ ހުންނަނީ އާބެގެއާ އިންވެގެން ހުޅަނގަށެވެ. އެއީ ނޫރާނީވިލާއެވެ.

ހުސެންބެއާއި ބަކުރުބޭގެ ޚާއްޞަ ރަޙުމަތްތެރިން ތިބެއެވެ. ކޮންމެ ރެއަކު ވެސް އެ ގޭގެއަށް ޒިޔާރަތްކޮށް ހެދުމަކީ އެ މީހުންގެ އުފަލެކެވެ. މައިގަނޑު ކަމަކަށް އޮންނާނީ ދުފުންގަނޑު އެޅުމެވެ. ގިނައިން ތިބޭނީ ގޯތިތެރޭގައި ހުންނަ ޖޯލިފަތިތަކާއި ހޮޅުއަށި ތަކުގައެވެ. ރަށުތެރޭގައި ހިނގާ ވިޔާނުދާ ކަންކަމުގެ ތެރެއަކަށް ނުވަންނާނެއެވެ. ރަށުގެ ސިޔާސީ ކަންކަމަކާ ނުބެހޭނެއެވެ. އެކަމަކު އެ މީހުންނަށް ނޭނގި ރަށުތެރޭގައި ހަމަ އެންމެ ކަމެއް ވެސް ނުހިގާނެއެވެ. ޚާއްޞަކޮށް ވަރިކައިވެނީގެ ކަންތައްތަކެވެ.

ހުސެންބެއާއި ބަކުރުބެއަކީ މާމަގެ ފަރާތުން އަޅުގަނޑުގެ މަންމައާއި ބައްޕަގެ ވެސް ދެ ރަޙުމަތްތެރިންނެވެ. ކާފައާއި މާމަގެ ހެޔޮ ހާލުގައި ކާފަމެން ގޭގައި މާމައަށް އެހީތެރިވެދީ ގޭގެ ކަންތައްތައް ކޮށްދީ އުޅުނު ދެ މިތުރުންނެވެ. ކަނޑައެޅިފައި އޮންނަ ވަކި މުސާރައެއް ނެތެއްކަމަކު އެއީ ހަމަ ވަރަށް ޒިންމާދާރު ވަޒީފާއެކެވެ. އަޅުގަނޑުގެ ބައްޕަ، މަންމައާ ކައިވެނިބައްލަވައި ގަނެގެން ފުރަތަމަ ދިރިއުޅުއްވީ ކާފަމެންގޭގައި ފިނިވާގޭގައެވެ. ދެ އެކުވެރިންނާ އަޅުގަނޑުގެ މަންމައާ ގާތްކަން އުފެދުނީ އެތަނުންނެވެ. ބައްޕައާއި މަންމަގެ އަމިއްލަ ގެއަށް ދިރިއުޅުން ބަދަލުވުމުން ވެސް އެ ގާތްކަށް އޮތީއެވެ.

އަޅުގަނޑު ވަރަށް ކުޑައެވެ. ސްކޫލަށް ގޮސް އައިސް ދެން އޮންނާނީ ގިނައިރު ކުޅުމެވެ. ފުޅިމަދުގަނޑެއް ޖެހުނަސް އެއީ ބޯޅައެވެ. ކިޔަވައި ފިލާވަޅު ދަސްކުރާ ގަޑިއަކީ ދެ ނަމާދު ދޭތެރެއެވެ. އޭރު އެ ގަޑި މިހާރަށްވުރެ މާ ދިގުހެން ވެސް ހީވެއެވެ. ޢިޝާ ނަމާދުކޮށްގެން އައިސް މާގިނައިރަކު ނުހުރެވެއެވެ. ކައިގެން އޮންނަނީ ނިދުމެވެ. ބައެއް ރޭރޭ މާކަ ކެއުމަކާ ވެސް ނުވެއެވެ. އެކަމަކު ގަޑިޖެހުމުން އެނދަށް އަރައި ނިދަން ޖެހެއެވެ. އެއީ ގޭތެރޭގެ ގާނޫނެވެ. ނުވައެއް އެއީ ސްކޫލުކުދިން ނިދަންޖެހޭ ގަޑިއެވެ. ނުނިދެންޏާ ލޯމަރައިގެން އޮންނަނީއެވެ. އަޅުގަނޑުމެން ހަދާ މަކަރު މަންމައަށް އެނގެއެވެ. ނިދޭނީ އެހެން އޮއްވައެވެ.

އިރުމަތީ ކޮޅަށް ގޮސްފައި އަންނަމުން ހުސެންބެ އަޅުގަނޑުމެންގެ ގެއަށް ވަންނާނެއެވެ. ކާން ބޭނުންނަމަ ކައިފާނެއެވެ. ގިނައިން އޮންނާނީ ދުފުމާއި އަނެއް ދުވަހަކަށް ވާވަރަށް ގެންދިއުމަށް ތުނިތުނިކޮށް ފޯއް ކޮށުމެވެ. ގިނަ ރޭރޭ އެ ގަޑީގައި ގޭގައި އުޅޭނީ މަންމައާއި މަންމަގެ ރަޙުމަތްތެރި ހަދީދައިތައެވެ. މާމަ އޮންނާނީ އަންހެން ކޮއްކޮމެންނާއެކު އެތެރިގޭގައެވެ. އަޅުގަނޑު އޭރު ނިދަނީ ބޭރުގޭތެރޭގައި ހުންނަ އެނދެއްގައެވެ. އެއީ ރޭގަނޑު ދިހައެއް ޖަހާ އެހާކަންހާ އިރެވެ.

އެއް ދުވަސްކޮޅެއްގައި އެ ގަޑީގައި ހުސެންބެ އައިސް ފޮނި ފުށް ކައްކަން ފަށައިފިއެވެ. އެ ގަޑިއަކީ މަންމަ ވަރަށް ބިޒީ ގަޑިއެކެވެ. އެއް ކުއްޖަކު ހީސްލައްވަން ނަގާފައި އަނެއް ކުއްޖަކު ނަގާފައި އުޅޭނެއެވެ. އެކަމެއް މާމައަކަށް ވެސް ނުޖައްސާނެއެވެ. ބަދިގޭގައި ފުށްކައްކައިގެން ބައެއް ރޭރޭ ހިފައިގެން ހުސެންބެ އަންނާނީ ގެއަށެވެ. "ކަނބުލޯއޭ" ކިޔާފައި ގެއަށް ވަންނަ ގަޑިއަކީ މުހިންމު ވަގުތެކެވެ. ހުސެންބެއަށް ނުނިދާ އޮތްކަން އެނގޭ ގޮތަށް ފުރޮޅިލައި ނޫނީ އެންމެ ކުޑަމިނުން ފައި ނަމަވެސް ތަޅުވާލަން ޖެހޭނެއެވެ. ނުނިދާ އޮތްކަން ހުސެންބެއަށް އެނގިއްޖެއްޔާ ފޮނިފުށާ އެރެއަކު އެއޮތީ ލައްވާލައިފައެވެ.

"ކަނބުލޯ. ޢަބްދުﷲ އަށް ގޮވާބަލަ. އެސޮރު އެ އޮތީ ހޭލައޭ"

ހުސެންބެ އެހެން އެ ބުނަނީ އެނދުން ތެދުވޭނީ މަންމަގެ ހުއްދަ ލިބިގެން ކަމަށް ވާތީއެވެ. އެ ދުވަސްވަރު ރޭގަނޑު ކާކަށް ވެސް މާކަ ނޫޅެވޭނެތާއެވެ. ފޮނި ފުށަކީ އަޅުގަނޑަށް ވަރަށް މީރު އެއްޗެކެވެ.

ގޭގައި ކޮއްކޮއަކު ބަލިވެ އުޅެންޏާ ތަންކޮޅެއް ގިނައިން ހުސެންބެ އައިސް އުޅޭނެއެވެ. އެހެން ނޫނީ ދުވާލު ވަގުތުގައި އަންނާނީ ފޯއްކޮޅެއް ނޫނީ ދުންފަތްކޮޅެއް އެއްޗެއް ބަލައެވެ. އަޅުގަނޑުމެން ގޭގައި ހުސެންބެއަށް މަނާ އެއްޗެއް ނޯވެއެވެ. އެކަމަކު މަންމަ ކައިރި ނާހާ ހަމަ އެކައްޗެއް ގައި ވެސް އަތެއްނުލާނެއެވެ.

އަޅުގަނޑުގެ ބައްޕައަށް ހުސެންބެ ވަރަށް އިޙުތިރާމު ކުރެއެވެ. ބައްޕައާއި މަންމަ ކަމަކު ބުނެފިއްޔާ ހުސެންބެއަށް ކިރިޔާ ވެސް އެކަމެއް ވަންޏާ އެކަމެއް ކޮށްދޭނެއެވެ. އެގޮތުން ހުސެންބެ އެއް ދުވަސްވަރެއްގައި މާލެ ފައިބާ ވެސް ހުރެދިނެވެ. އެއީ އޭރު ބައްޕަ ހުންނެވި ގޭގައި ކައްކައިދިނުމަށެވެ. ރަށްފުށުގެ ހިމޭން ދިރިއުޅުމުން ހަލަބޮލި މާލެއަށް ދިއުމަކީ ހުސެންބެއަށް އެއް ގޮތަކަށް ވެސް ފަސޭހަކަމެއް ނޫނެވެ. އެކަމަކު އެކަން ވެސް ކޮށްދިނެވެ.

އަޅުގަނޑު ސްކޫލު ނިންމާފައި އަތޮޅު އޮފީހުގައި އުޅުނުއިރު ހުސެންބެ އުޅެނީ އަތޮޅުގެ ބަދިގޭގައި ކައްކާށެވެ. އެއީ ސަރުކާރުގައި ހުސެންބެ އަދާކުރި ވަޒީފާއެކެވެ. ކިތޭ އަވަހަށް ފެނުނަސް ވާހަކަ ދައްކާލާނެއެވެ. އެ ދުވަސްވަރު މަސައްކަތް ނިންމާލާފައި ރަށުތެރެއަށް ޖަހާލާ ބުރުގައި ހުސެންބެ ގިނައިން ފެންނާނީ ކަނބުލޮ ދައިތަމެން ގޭދޮށުންނެވެ. އެކަމަކު ބައެއް ރޭރޭ އަޅުގަނޑުމެން ގެއަށް ވެސް ވަންނާނެއެވެ. ނުވަދެވެންޏާ މަގުން ދަމުން ގެއާ ގޮނޑުކޮށްލާނެއެވެ. ރަސްމީ ގޮތަށް ކަނބުލަޯއޭ ކިޔާ ގޮވާލާނެއެވެ. ގިނަރޭރޭ ޢިޝާ ނަމާދުގެ ޖަމާޢަތުން މިސްކިތުން ފެންނާނެއެވެ. މަސައްކަތެއްގައި ނެތިއްޔާ ހުސެންބެ އަބަދުވެސް ހުންނާނީ ވަރަށް ރީތިކޮށް ފެންވަރައި ގެންނެވެ.

ހުސެންބެ ދުވަހަކު ވެސް މީހަކާ ނީންދެއެވެ. އެކަމަކު އަޚްލާޤީ މައްސަލައެއް ނުޖެހެއެވެ. ތުހުމަތެއް ވެސް ނުކުރެވެއެވެ. އެފަދަ އަޑެއް ވެސް ނާހަމެވެ. ހުސެންބެ ޕެރަލައިޒުވެ ބަލި އެނދުގައި އޮންނަން ތަގުދީރުން ނިޔާކުރެއްވި ހިނދު، އުފަން ދަރިއަކު ނެތަސް ބަލި ބައްޕައަކު ލޯބިން ބަލާނެ ފަދައިން ބަލާނެ "ދަރިން" ތިއްބެވެ. އެއީ ހުސެންބެއަށް ބޮޑުބޭބެ ކިޔާ ކުދިންނެވެ. އެ ކުދިންނަށް ހުސެންބެ ވެސް ނުހަނު އޯގާތެރިކަމާއެކު ލޯބިދިން ކުދިންނެވެ.

ހުސެންބެ އޭނާގެ ދުނިޔޭގެ ދަންފަޅި ހަމަކޮށް ހިގާއްޖެއެވެ. ހުސެންބެގެ މި ފޮޓޯ ފެނުމާއެކު ޚިޔާލުތައް މާޒީއަށް ސޮއްސާލީއެވެ. އެ މަރުޙޫމުގެ މައްޗަށް ހެޔޮ ދުޢާކުރާނެ ދަރިންނެއް ނެތެވެ. ތިބީ އަޅުގަނޑުމެން ފަދަ ހުސެންބެގެ ހެޔޮކަން ލިބުނު މީހުންނާއި ހުސެންބެ ދަންނަ މީހުންނެވެ. ތިމާގެ މީހުންނާއި ދިރިތިބީންނެވެ. މާތް ﷲ ހުސެންބެގެ ފާފަތައް ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.
ފޮޓޯ: ޢަލީ ޒާހިރު

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *