އިންޑިއާގެ ކޯވިޑް ހާލަތު: ކޮންޓްރޯލްނުވެ، ޢަދަދު 6 މިލިއަނުން މަށްޗަށް

india COivd

ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19އަށް އަވަށްޓެރި އިންޑިއާއިން 6 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެ، މަރުވި މީހުންގެ ޢަދަދު ލައްކަ އަކާއި ކައިރި ކޮށްފިއެވެ.

މިގޮތުން އިއްޔެއާއި ހަމައަށް އިންޑިއާއިން ވަނީ 6,143,019 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި 96,351 މީހުން ވަނީ އެ ބަލީގައި މަރުވެފައެވެ.

އިންޑިއާއިން ކޯވިޑް ޖެހުނު މީހުންގެ ޢަދަދު ހަ މިލިއަނަށްވުރެ އިތުރުވިއިރު، އިއްޔެ އެކަނިވެސް އެ ޤައުމުން ވަނީ 69,671 މީހުން މި ބަޔަށް ޕޮޒިޓިވް ވެފައެވެ. އަދި މިމަހުގެ 27 ވަނަ ދުވަހު ވަނީ 82,767 މީހުން އަދި 26 ވަނަ ދުވަހުވެސް ވަނީ 89,010 މީހުން އަލަށް ޕޮޒިޓިވް ވެފައެވެ.

ކޯވިޑް ބަލީގެ ހާލަތު ދުނިޔޭގައި އެންމެ ގޯސްކޮށް މިވަގުތު އޮތް އެމެރިކާ ފަހަނައަޅައި، ބަލީގެ ހާލަތު އެންމެ ގޯސް ގައުމަށް ކުރިއަށްއޮތް މަދު ހަފްތާތަކެއްގެ ތެރޭގައި އިންޑިއާ ވެގެންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ. އެމެރިކާއިން މިހާތަނަށް ވަނީ 7,361,611 މީހުން ޕޮޒިޓިވް ވެފައެވެ.

ފާއިތުވި ދުވަސް ތަކުގައި އިންޑިއާގައި ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ ޢަދަދު 65 ހާހަށް ވުރެ މަތީގައި ހިފެހެއްޓިފައި ހުރުމުން ދުނިޔޭގައި އެންމެ ގިނަ މީހުންނަށް މި ބަލި ޖެހުނުމީހުން ތިބި ޤައުމަށް އިންޑިއާ ވުމީ ދުރުކަމެއް ނޫނެވެ.

1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާއަކީ ދުނިޔޭގައި އެންމެ ތޮއްޖެހުންބޮޑު ސިޓީތައްވެސް ހިމެނޭ ގައުމެވެ. މިކަމާހެދި، ކޯވިޑްބަލީގެ ހާލަތު އިންޑިއާގައި ވަރަށް ގޯސްވެގެން ހިނގައިދާނެ ކަމަށް ކުރިންވެސް އޮތީ ލަފާކުރެވިފައެވެ. އެ ޤައުމުގެ ހުރިހާ ހިސާބަކަށް ވެސް މިހާރު އެބަލި ވަނީ ފެތުރިފައެވެ. އެ ޤައުމުން މިހާތަނަށް 5,098,573 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކޯވިޑް ބަލި މިހާތަނަށް ދުނިޔޭގެ 33,546,663 މީހުންނަށް ޖެހިފައިވާއިރު އެބަލިން 24,876,197 މީހުން ވަނީ ރަނގަޅު ވެފައެވެ. މަރުވި މީހުންގެ ޢަދަދު ވަނީ 1,006,344 އަށް އަރައިފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި