އަޚްލާޤީ، އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމަށް ދީނީ ޢިލްމުވެރިންގެ އެހީތެރިކަން ބޭނުންވޭ: ނައިބު ރައީސް

173413_9148fc65-0_

މުޖުތަމަޢަށް ކުރިމަތިވެފައިވާ އަޚްލާޤީ އަދި އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމަށް ދީނީ ޢިލްމުވެރިންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި ދީނީ އެއްބައިވަންތަކަން އާލާކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއިއެކު އިއްޔެ ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އިއްޔެ ހަވީރު ބޭއްވެވި އެ ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މުޖުތަމަޢަށް ކުރިމަތިވެފައިވާ އަޚްލާޤީ އަދި އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމާއި އަދި މުޖްތަމަޢުގެ ފަރުދުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ދީނީ ޢިލްމުވެރިންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަމަށެވެ.

އެބައްދަލުވުމުގައި ނައިބު ރައީސް ވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނާއިމެދު ލޯބި އިތުރުކުރުމުގެ ގޮތުން ކުރެވޭ ކަންތައްތައް ލާމަރުކަޒީކޮށް ކުރިއަށްގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ ކަންކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމާއި، އެކަކު އަނެކަކަށް އިޙްތިރާމުކުރުން ފަދަ ސިފަތައް މުޖުތަމަޢުގެ އަފްރާދުންގެ ތެރޭގައި އަށަގެންވުމަށް ޢިލްމުވެރިން ވެސް ބާރުއަޅުއްވައި މަސައްކަތްކޮށްދެއްވުމަށް ވެސް ނައިބު ރައީސް އެ ބައްދަލުވުމުގައި އެދިވަޑައިގަތެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ޤުރުއާނާއި އިސްލާމް މާއްދާގެ ކިލާސްތަކެއް އޮންލައިންކޮށް ހިންގުމާއި ގުޅޭ ގޮތުންނާއި، ޤައުމީ ޤުރުއާން މުބާރާތް މި އަހަރު އޮންލައިންކޮށް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރަށްވާފައި އެވެ.

މިބައްދަލު ވުމުގައި ނައިބު ރައީސް ވަނީ ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ ޢިލްމު ފެތުރުމަށް ޢިލްމުވެރިން ކުރަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. ޚާއްޞަ ގޮތެއްގައި ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ދީނީ ކަންކަމާއިމެދު ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ޢިލްމުވެރިން ކުރެއްވި ބުރަ މަސައްކަތްތައް ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *