ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ތާރީޚީ ފުރަތަމަ ދަތުރު ކާމިޔާބުކަމާއި އެކު ކުޅުދުއްފުއްޓަށް ބަނދަރުކޮށްފިއެވެ. މިދަތުރު އެކި މީހުންނަށް ބަލައިގަނެވުނީ އެކި ގޮތަށެވެ. އެއް ބަޔަކު އަދިވެސް ގަބޫލުކުރަނީ މިއީ "ބޭކާރު" ކަމެއްގެ ގޮތުގައެވެ. އަނެއް ބަޔަކު މިއީ "ވަރަށް ކާމިޔާބު" ދަތުރެއްކަމަށް ދަނީ ބުނަމުންނެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ މިއީ ކިހިނެއްވާ ކަމެއްބާއެވެ؟ މިދަތުރުތަކުގެ ސަބަނުން ބޮޑުތިލަދުންމަތި ތަރައްގީ ވާނެބާއެވެ؟ މިދަތުރުތަކަށް ފަހު ބޮޑުތިލަދުންމަތީގެ އިޤްތިސާދީ ދުވެއްޔަށް އެނގުންވާނެބާއެވެ؟ ކުރެވެނީ ފޮނި އުންމީދެވެ. ނަތީޖާ ލިބޭނީ އަދި ދުވަސްކޮޅެއް ފަހުންނެވެ. މިސުވާލުތަކުގެ ޖަވާބު ހޯދަން އަދި ވަގުތު ނަގާނެއެވެ.

Ad
rt
"ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވި ދަތުރެއް"

އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ފެށުނު ކާގޯ ފެރީ ދަތުރުތަކާއެކު ދެ ގައުމުގެ އެކުވެރިކަން އިތުރަށް ބަދަހިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވާ ގޮތުން މި ދަތުރުތަކާއެކު ރާއްޖެ-އިންޑިއާގެ އެކުވެރިކަން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް ވިދާޅުވެ ހާމަކުރެއްވީ "ގައުމަށް އިތުރު ކުރިއެރުން އަންނާނެ" ކަމަށެވެ.

ސަރުކާރުން މީގެ ކުރިން ހާމަކޮށްފައިވަނީ އިންޑިއާއި ރާއްޖެ އާއި ދެމެދު ފެށި ކާގޯ ފެރީގެ ޚިދުމަތަކީ ޚާއްސަކޮށް ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ފަހި ގޮތްތަކެއް ހޯދައިދިނުމާއި، އަދި ރާއްޖެއިން ބޭރަށް ދިވެހި އުފެއްދުންތައް ފޮނުވައިގެން މަންފާ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ފަށާ މަޝްރޫޢުތަކެއްކަމަށެވެ.

"މިއީ ބޮޑުތިލަދުންމަތި ބޮޑުކޮށް ތަރައްގީ ކުރުމުގެ ފެށުން"

ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީ ދަތުރު ސިފަކުރައްވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ "މިއީ ބޮޑުތިލަދުންމަތި ބޮޑުކޮށް ތަރައްގީ ކުރުމުގެ ފެށުން" ކަމަށާއި "އިންޑިއާގެ ކޮޗިން އާއި ރާއްޖެ މި ގުޅުވާލެވެނީ ރާއްޖެ ލާމަރުކަޒު ކުރުމަށް. މިގޮތަށް ހުޅުވާލެވޭ ކޮންމެ ދޮރަކީ، ގުޅުވާލެވޭ ކޮންމެ ފާލަމަކީ އިގްތިސޯދަށް އަންނަ ދިރުމެއް،" ކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

"ކާގޯ ބޯޓުގެ މަޝްރޫއު ކިތަންމެ ކުޑަ ގޮތަކަށް ފެށި ނަމަވެސް، މިއީ ބޮޑު ތިލަދުންމަތި ތަރައްގީކުރަން އެޅޭ ބިންގަލެއް" ކަމަށާއި "މީގެ ނަތީޖާ ކުރިއަށް އޮތް އަހަރުތަކުގައި އެތައް ގޮތަކުން ދިވެހިންނަށް ފެންނާނެ،" ކަމަށް ކުޅުދުއްފުއްޓަށް ބޯޓު ބަނދަރުކުރުން ފާހަގަކުރަން އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

"މިއީ އުތުރުގެ އިޤުތިސާދަށް އާރޯކަން ގެނުވާނެ ދޮރުތަކެއް"

އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވެސް ވަނީ ކޮޗިން-ކުޅުދުއްފުށީ ދަތުރާއި ގުޅިގެން އެބޭފުޅާގެ ޝުއޫރުތަކާއި އުންމީދުތައް ބަންޑުން ކޮށްލާފައެވެ. މެމްބަރު ޝިފާއު މިފެށުނު ތަރީހީ ދަތުރު ސިފަކުރައްވަނީ "ބޮޑު ތިލަދުންމައްޗަށާއި އަދި މުޅި ޤައުމަށްވެސް އެކަމުގެ ނަފާ ލިބޭނެ، އެކަމުން އިތުރު ފުރުޞަތުތައް ހުޅުވިގެންދާނެ ޚިދުމަތެއް"ގެ ގޮތުގައެވެ.

''ހުޅުވިގެން މިދާދޮރުތަކަކީ އުތުރުގެ އިޤުތިސާދަށް އާރޯކަން ގެނުވާނެ ދޮރުތަކެއް.‏ މިކަމުގެ ސަބަބުން އުތުރުގެ ވިޔަފާރިވެރިން މާލެއިން މުދާގެންދިއުމަށް ކުރާހަރަދު ސަލާމަތްކުރެވޭނެ. އަދި މާލޭ ގުދަނަށް ބޮޑުކުލި ދައްކަންޖެހުމުގެ ސަބަބުން ބޮޑުއަގުގައި މުދާގަނެގެން އުތުރުގެ އަތޮޅުތަކަށް ގެންދިއުން ނިމުމަކަށް ގެނެވޭނެ'' މެމްބަރު ޝާފިއު އިތުރަށް ވިދާޅުވެފައިވެއެވެ.

"ތިލަދުންމަތީގެ ދަރިން އަވަސްވެ ގަންނަންވީ، އިންޑިއާ ފެރީއާއިއެކު އުފެދޭ ވިޔަފާރީގެ ފުރުޞަތުތައް ހޯދަން"

ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވަނީ މިފުރުސަތުގެ ބޭނުން ހިފަން އަވަސްވެގަންނަންވީ ކަމަށާއި އުދެދިގެން މިދާ ވިޔަފާރީގެ ފުރުޞަތުތައް ހޯދަން ޖެހޭކަމަށެވެ. "'މިގޮތުން ކުޅުދުފުށިން ރޯނު، ނޮޅިވަރަމުން ބިލެއް، ހަނިމާދޫއިން ދަރު، ބާރަށުން ފަންގެ، ފިއްލަދޫއިން ކާށި، ކެލާއިން ކައްޓަލަ، ދިއްދޫއިން މަސް، އުތީމުން ސާންތި، އިހަވަންދޫއިން މަސް، ވައިކަރަދޫ އިން ބިންބި، ކުދިބަތް ގަނެގެން އެއްރަށުން އަނެއް ރަށަށް ވިއްކި'' ކަން ފާހަގަ ކުރައްވާ މެމްބަރު ކެލާ އިބްރޭ ގެ ނަސޭހަތަކީ މިފުރުސަތުގެ ބޭނުން ހުރިހާ ރައްޔިތުން ހިފުމެވެ.

"މިއަދު ކުޅުދުފުއްޓަށް އަންނަ އިންޑިއާ ފެރީއާއި ގުޅުވައިގެން މި ވިޔަފާރި އެހެންބަޔަކު ކުރަން ފެށުމުގެ ކުރިން ފެށުމަށް ތިލަދުން މަތީގެ ދަރިން އަވަސްވެގަތުމަކީ ވަރަށް މުހިންމު ކަމެއް"ކަން ކެލާ ދާއިރާގެ މެމްބަރު ފާހަގަކުރައްވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެބޭފުޅާ އިތުރަށް ވިދާޅުވަނީ އެކަން ނުކޮށްފި ނަމަ، މާދަމާގެ ވިޔަފާރި ގެއްލިގެން ހިގައިދާނެ ކަމަށާއި، ފުރުސަތަކީ ވަރަށް މަދުން ނޫނީ ލިބޭއެއްޗެއް ނޫން ކަމަށެވެ. އެހެންކަމުން އިބްރޭ ވިދާޅުވީ "އެކަމަށް އަވަސްވެގަންނަން ވީ" ކަމަށެވެ.

"ރާއްޖެއާއި އިންޑިޔާގެ ކޮޗިން ފެރީ އަކީ އެކްސްޕޯޓްއަށް ހުޅުވުނު އާ ދޮރެއް"

މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާޢީ ސިފަކުރައްވަނީ "ރާއްޖެއާއި އިންޑިޔާގެ ކޮޗިން ފެރީ އަކީ އެކްސްޕޯޓްއަށް ހުޅުވުނު އާ ދޮރެއް"ގެ ގޮތުގައެވެ. އަދި އެއީ "ރައްޔިތުންނަށް ފަހިވެގެންދާ ފަހި ފުރުސަތެއް"ގެ ގޮތުގައި މެމްބަރު ރާޢީ ސިފަކުރައްވައެވެ.

"ކާށި، ރޯނު،ފަން، ބޮލި،ލޮނުމަސް، ހިކިމަސް، ރަށުގައި އުފައްދާ ކާތަކެތި (ކާޖާ) ޕެކެޓް ކޮއްފައި، އަދި ބާދަނގަޑު، މުޅި ރާއްޖޭގެ ރައްޔިތުންނަށް ފަހިވެގެންދާ ފަހި ފުރުސަތެއް." ކަމަށް މެމްބަރު ރާޢީ ވިދާޅުވިއެވެ.

"އުތުރުގެ ވިޔަފާރި ކުރިއަރުވައި މާކެޓްކުރަންޖެހޭ"

ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ސަބަބުން އުތުރުގެ އިގްތިސޯދަށް ކުރިއެރުން އަންނާނެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވާއިރު އެބޭފުޅާ ވަނީ މިތާރީހީ ދަތުރާއި ގުޅިގެން އަންނަންޖެހޭ މުހިންމު ކަމެއް ފާހަގަކުރައްވާފައެވެ. އެއީ އުތުރުގެ ވިޔަފާރި ކުރިއަރުވައި މާކެޓް ކުރުމެވެ.

މެމްބަރު ޔާސިރު ވިދާޅުވަނީ "އިގްތިސޯދީ ނަފާ އިތުރުކުރުމަށާއި އުތުރުގެ ވިޔަފާރި ކުރިއަރުވައި މާކެޓް ކުރުމަށް ހާއްސަ ކޯޕަރޭޝަން އުފައްދަން ޖެހޭ" ކަމަށާއި "އެ ކޯޕަރޭޝަނުގެ ސަބަބުން ވިޔަފާރި މާކެޓުކުރުމަށާއި އެފަދަ ކަންކަމަށް ވަކިވަކި ފަރާތްތަކުން ކުރަންޖެހޭ ހަރަދުތައް އެތައް ތަނަކުން ކުޑަކުރެވި ނަތީޖާ ނެރުމަށް ބޮޑު ބާރަކަށް ވާނެ" ކަމަށްވެސް ޔާސިރު ޔަގީންކުރެއެވެ.

"ފޮނި އުންމީދުތަކެއް!"

މިއީ ފޮނި އުންމީދީ ވާހަކަ ތަކެކެވެ. މިފޮނި އުންމީދު ހަގީގަތަކަށް ހަދަން ވަރަށް ގިނަ، ބުރަ މަސައްކަތް ކުރަން އެބަޖެހެއެވެ. ފަލަ ސުރުހީތަކުން ޖާގަ ހޯދި މިސުރުހީތަށް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރުން އޮތީ އަޅުގަނޑުމެންގެ އަތުގައެވެ. ބިންގާ އެޔޮތީ އެޅިފައެވެ. ދަތުރު އެއޮތީ ފެށިފައެވެ. ދެން އޮތީ މިދަތުރު އާ މަންޒިލަކަށް ވާސިލްކުރުމެވެ. މިއީ ބޮޑުތިލަދުންމަތި ތަރައްގީ ކުރުމުގެ ދެކޭ އުންމީދު ހަގީގަތަކަށް ހަދަންވީ ވަގުތެވެ. ފުރުސަތުގެ ބޭނުން ކުރަމާހެވެ. ވިޔަފާރިވެރިންވެސް މިފުރުސަތުގެ ބޭނުންހިފާ ވިޔަފާރިތައް ފުޅާ ކުރަން އަތުރުކުރި އޮޅާލަންވީއެވެ.

ޤާނޫނީގޮތުން ދެވެން އޮތް ލުއިތަކެއް ދިނުމަށް މަޖިލިސް މެމްބަރުންނާއި ސިޔާސީ ބޭފުޅުންގެ އެހީތެރިކަން ދޭންވީ ވަގުތަކީ މިއީއެވެ. މިތާރީހީ ދަތުރު ފެށުމަށްފަހު މިއީ "ނާކާމިޔާބު ދަތުރެއް"ގެ ގޮތުގައި ތާރީހުގައި ލިޔަން ބޭނުން ނުވާނަމަ ލައްކަ މަސައްކަތް ކުރަން އެބަޖެހެއެވެ.