ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަގްސަދަކީ، ބޮޑެތި ބޯޓުތައް އައިސް އެ އެއާޕޯޓު ފުރާލުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު އަލަށް ފެށި ކޯގާ ބޯޓުގެ ފުރަތަމަ ދަތުރުގެ ބޯޓު ބަނދަރުކުރުން ފާހަގަކުރަން އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ "އެގޮތުން ކާގޯ ބޯޓަށް ފަހު، ހދ. ހަނިމާދޫ އެއާޕޯޓު ބޮޑުކޮށް، ތަރައްގީކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށާނެ" ކަމަށާއި "މަގްސަދަކީ، ބޮޑެތި ބޯޓުތައް އައިސް އެ އެއާޕޯޓު ފުރާލުން" ކަމަށެވެ.

Ad
rt

"ރާއްޖޭގެ އުތުރު ތަރައްގީކުރުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވަނީ ވަރަށް އުފާވެރި، ބޮޑެތި މަންޒަރުތަކަކާއި ކުލަތަކެއް"

މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ކާގޯ ފެރީ ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދު އިތުރަށް ވިދާޅުވީ މިފަދަ ހިދުމަތެއް އުތުރުގައި ފެށުމަކީ، މާލެއަށް ބަރޯސާވެގެން ކުރަމުން ދިޔަ ކަންކަމަށް ވެސް ނިމުން ގެންނާނެ ކަމެއް ކަމަށެވެ.

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށްޓަކައި ސާވޭ ކުރުމުގެ މަސައްކަތް މިދިޔަ ހަފްތާގައި ވަނީ ފަށާފައެވެ. އެ މަސައްކަތް ކުރިޔަށް ގެންދަނީ އިންޑިއާގެ އެހީތެރިކަމާއި އެކުގައި ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މި ޕްރޮޖެކްޓްގެދަށުން ހަނިމާދޫ އެއަރޕޯޓް ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ. އަދި ހަނިމާދޫ އެއާޕޯޓްގެ ރަންވޭ 2200 މީޓަރަށް ބޮޑުކުރުމަށް ވަނީ ހަމަޖައްސާފައެވެ. އަދި އެއާޕޯޓްގެ ޕެސެންޖާ ޓާމިނަލް ބޮޑުކުރުމާއި، ކާގޯ ޓާމިނަލް އާއި، ފިއުލް ފާމް އަދި ފަޔާ ސްޓޭޝަން އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.