ހއ. އުލިގަމުގައި ތަރައްޤީ ކުރުުގެ މަސައްކަތް ފަށައި، މަސައްކަތް ހުއްޓިފައިއޮތް ސިޓީ ހޮޓަލުގެ މަސައްކަތް ފުރިހަމަކޮށް، އެ ސިޓީ ހޮޓާ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް، އެ މަޝްރޫޢުއަށް ކުރިމަތި ލުމުގެ ފުރުޞަތު އަންނަ މަހު ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވެފައި ވަނީ އުލިގަމު ސިޓީ ހޮޓާ އަދި ޔޮޓް މެރީނާ މަޝްރޫޢުގެ މަޢުލޫމާތު ހިއްސާކުރެއްވުމަށް ރޭ ބޭއްވި އޮލައިން ބައްދަލުވުމުގައެވެ.

Ad
rt

މިބައްދަލުވުމުގައި ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ)އާއި އުލިގަމު ކައުންސިލްގެ އިތުރުން އުލިގަމު ގައި ތިއްބަވާ މޯލްޑިވްސް ކަސްޓަމްސް، އިމިގްރޭޝަން އަދި ޕޯރޓް ހެލްތުގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައިފައިވާ ކަމަށް އުލިގަމު ކައުންސިލުން ބުންޏެވެ.

އުލިގަމު ސިޓީ ހޮޓާ އަދި ޔޮޓް މެރީނާ މަޝްރޫޢުގެ މަޢުލޫމާތު ހިއްސާކުރެއްވުމަށް ރޭ ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވެފައި ވަނީ އެ މަޝްރޫޢުގެ މަސައްކަތް އަލުން ފެށުމަށް އަންނަ އޮކްޓޯބަރު 4 ވަނަ ދުވަހު އަލުން ބިޑަށް ހުޅުވާލުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށެވެ.

ރޭގެ ބައްދަލުވުމާއި ގުޅިގެން އުލިގަމު ކައުންސިލްގެ ނައިބު ރައީސް އިމާދު ޢަބުދުﷲ ''ތިލަދުން''އަށް ވިދާޅުވީ، ރޭ ގެ ބައްދަލުވުމުގައި މިނިސްޓަރު ދެއްވި މަޢުލޫމާތު ތަކާއިއެކު، އަލުން އުންމީދު އައު ވެއްޖެ ކަމަށާއި، އުލިގަމު ސިޓީ ހޮޓާ އަދި ޔޮޓް މެރީނާ މަޝްރޫޢުއަކީ އެރަށުގެ ރަށްޔިތުންގެ 12 އަހަރުވީ އުންމީދެއް ކަމަށެވެ.

''އަލުން މި މަޝްރޫޢުގެ މަސައްކަތް ބަޔަކާއި ހަވާލު ކުރަށްވާއިރު އެ ބައެއްގެ މާލީ ގާބިލުކަމަށް ވަރަށް ބޮޑަށް ބައްލަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި، މިރަށުގެ 36 ހެކްޓަރުގެ ބިން ރަށްޔިތުންނަށް އެއްވެސް މަންފާއެއް ނުލިބި އޮންނަތާ 12 އަހަރުވީ، ކައުންސިލުން ކެނޑިނޭޅި މިއައްނަނީ މިކަން ހާސިލް ކުރަން މަސައްކަތް ކުރަމުން، އަޅުގަނޑަކީ ކައުންސިލު ފެށުނީއްސުރެ ހުރި މީހެއް، ހުއްޓާނުލައި މިކަން ކާމިޔާބުވޭތޯ ހުރިހާ ކައުންސިލަކުންވެސް މަސައްކަތް ކުރަމުން މިއައީ'' އިމާދު ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ ފުރަތަމަ އެ މަޝްރޫޢު ހަވާލުވި އެމްޓީޑީސީން އެ މަސައްކަތް ފެށުމާއިއެކު ރަށަށް ދިރުން ލިބި، ރައްޔިތުންގެ ތަނަވަސްކަން އިތުރުވެގެން ދިޔަ ކަމަށެވެ. ނަމަވެސް އާދައިގެ ރަށެއް ވަރު ބިމެއް، 12 އަހަރު ވަންދެން ރަށަށް އެއްވެސް ނަފާއެއް ނުލިބި އޮތުމަކީ ރަށްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

'' މި މަޝްރޫޢުއަކީ އުލިގަމާއި ސަރަޙައްދުގެ ރަށްތަކަށް ވެސް ވަރަށް ފައިދާ ކުރާނެ، ދާއިރާގެ ރަށްތަކަށް ދިރުން ގެނުވާނެ މަޝްރޫޢުއެއް'' އިމާދު ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނަށް ފަހުން ގެނެވިފައިވާ އިސްލާޙާއިއެކު ރަށްރަށުގެ ބިމުން ލިބޭ ނަފާ އެރަށް ރަށުގެ ކައުންސިލް ތަކަށް ލިބޭ ގޮތަށް އޮތުމުން އުލިގަމު ސިޓީ ހޮޓާ ތަރައްޤީ ކުރެވުމުން އެ ހޮޓަލުން އަހަރު ގާތްގަނޑަކަށް 5.7 މިލިއަން ރުފިޔާ އެރަށުގެ ކައުންސިލަށް ލިބޭނެ ކަމަށް އެ ކައުންސިލުން ލަފާ ކުރަށްވައެވެ.

އުލިގަމު ރަށްޔިތުންނަށްޓަކައި އުލިގަމު ސިޓީ ހޮޓާގެ ބިން މިނިވަންކޮށް ދެއްވުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދު ފުޅެކެވެ. އެގޮތުން އެ ބިން ވަނީ އެމްޓީޑީސީއަތުން ނަގައި، އަލުން ތަރައްޤީ ކުރުމަށް ފުރުޞަތު ލިބޭނެހެން ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފައެވެ.

އުލިގަމު ކައުންސިލުން ވަނީ އެރަށުގެ ބަނދަރަށް އަންނަ ޔޮޓު ފަހަރުގެ ޢަދަދު އިތުރު ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މި ގޮތުން މިއަހަރު ޖެނުއަރީމަހު ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބޭއްވި އުލިގަމު ޔޮޓް ބަނދަރުގެ މަހާސިންތާގައި އެކައުންސިލުން ބައިވެރިވެ، އެ ރަށަށް ޔޮޓް ފަހަރު އައުމުގައި ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް މަސައްކަތް ކޮށްފައެވެ. އެ މަހާސިންތާއަކީ ޔޮޓު އޮޕަރޭޓު ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ އިސް ފަރާތްތަކާއި، ކަމާބެހޭ ސަރުކާރުގެ އޮފީސްތަކާއެކު ބޭއްވުނު މަހާސިންތާއެވެ.

މީގެ އިތުރުން އުލިގަމު ކައުންސިލުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީއަށް ހާޒިރުވެ އެ ކަންބޮޑުވުންތައް ހިއްސާކޮށް، ހައްލު ހޯދުމަށް ވަކާލާތު ކޮށްފައެވެ.

އެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެރަށަށް އަންނަ ޔޮޓް ފަހަރުން ކަސްޓަމުން ނަގަމުންއައި ފީތަށް ވަނީ ބޮޑު ތަނުން ކުޑަކޮށްފައެވެ. މި ބަދަލާއެކު މިފަދަ އުޅަނދުފަހަރުން ކަސްޓަމްސް އިން ނަގާ ފީތައް 75 އިންސައްތަ ވަނީ ދަށްކޮށްފައެވެ. ކަނޑުމަގުން ރާއްޖެ އަންނަ 15 މީޓަރަށް ވުރެން ކުޑަ ފަތުރުވެރިކަމުގެ އުޅަނދުފަހަރަށް އިންވާޑް އަދި އައުޓްވާޑް ފީއެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ ކޮޅަކަށް 250 ރުފިޔާ އެވެ. އޭގެ ކުރިން ނަގަނީ 1000 ރުފިޔާ އެވެ.

މީގެ އިތުރުން އޭގެ ކުރިން ޕޯޓު ހެލުތުން ނަގަމުންއައި ފީ އާދައިގެ ޔޮޓަކާއި، ފަސިންޖަރ ލައިނަކުން ނަގާ ފީއާއި އެއްވަރު ނަމަވެސް، އެ ފީވެސް ވަނީ ކުޑަކޮށްފައެވެ.

އިމާދު ވިދާޅުވީ ދެން އޮތީ ޓޫރިޒަމް ފީގެ މައްސަލަ ކަމަށާއި، އެކަމަކީ ޤާނޫނީ ހައްލު ހޯދަން ޖެހޭ ކަމަށްވީއިރު، ދާއިރާގެ މެންބަރު އެމަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައި ވާކަމަށެވެ.

އެމްޓީޑީސީން ތަރައްޤީ ކުރުމުގެ މަސައްކަތްފެށި އުލިގަމު ސިޓީ ހޮޓާ މަސައްކަތް ހުއްޓުމަކަށް އައިއިރު އެ މަޝްރޫޢޫގެ 75 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. ސްޓާފް އެކަމަޑޭޝަންގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު، 25 ގެސްޓް ރޫމްވެސް ވަނީ ނިންމާފައެވެ. އަދި ބައެއް ގެސްޓް ރޫމްތަކުގެ މަސައްކަތް ދިޔައީ އެކި މަރުހަލާ ތަކުގައި ކުރެވެމުންނެވެ.

https://thiladhun.wonstasite.com/7819