ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައިދިޔުމާއި، އެފަދަ ކަންކަމާ ގުޅޭ ޚަބަރާއި މަޢުލޫމާތު މުވާސަލާތުކުރުމުގައި ބައިނަލްއަޤުވާމީ ގޮތުން ގެންގުޅޭ އުޞޫލުތަކަށް ދިވެހި މީޑިއާ އަހުލުވެރިކޮށް، ބާރުވެރިކުރުވުމަށް ވެބިނާއެއް ބާއްވައިފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ މި ވެބިނާއަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އިސްނަގައިގެން އެއް ދުވަހުގެ މުއްދަތަށް ރާވާ ހިންގި ވެބިނާއެކެވެ.

Ad
rt

މި ވެބިނާގައި ބައިވެރިވެ ވަޑައިގެން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް ޢަލީ ނަޛީރު ދެއްކެވި ވާހަކާގައި ވިދާޅުވީ ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމަކީ މިއަދު މިރާއްޖޭގައި ވަކިވަކި އައިސޮލޭޓެޑް މައްސަލަ ތަކަށްވުރެ ބޮޑަށް، ހިސާބުތަކުން ފެންނަގޮތުގައި ޤައުމީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާފަދަ، ކޮންމެ ގޭބިސީއަކާ ހަމަޔަށްވެސް ފޯރާފައިވާ ކަންބޮޑުވުމެއް ކަމަށާއި، ނުރައްކަލެއް ކަމަށެވެ.

''މީޑިއާ އަކީ ޑިމޮކްރެޓިކް މުޖުތަމަޢުގެ ހަތަރުވަނަ ބާރުކަމުގައި އަޅުގަނޑުމެން ގަބޫލުކުރާ ހިނދު، މިއަދުގެ ދުނިޔޭގެ ހަގީގަތަކީ ކޮންމެ ކަމެއްގައިވެސް އެންމެ ބާރުގަދަ ހަތިޔާރަކީ މީޑިއާކަން. ބައިނަލްއަޤުވާމީ މަސްރަހުގައި ހިނގާ ހަމަނުޖެހުމަކަށްވިޔަސް، ދާޚިލާ ސިޔާސީ ކަމަކަށްވިޔަށް، އިޤްތިސާދީ ކަމަކަށްވިޔަސް، ދީނީ ނުވަތަ އިޖުތިމާޢީ ކަމަކަށްވިޔަސް ސާފުކޮށް އެނގެން އޮތް ހަޤީގަތަކީ އެކަމަކާމެދު ރައްޔިތުންގެ ވިސްނުމާ ފިކުރު ބައްޓަންކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ނޫސްވެރިންކަން. އެސަބަބާހުރެ އަޅުގަނޑުމެން މިދެކެނީ ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމާދެކޮޅަށް ކުރާ މަސައްކަތުގައި މި ސަރުކާރުގެ އެންމެ މުހިންމު ބައިވެރިއަކީ ދިވެހި މީޑިއާކަމުގައި'' ޢަލީ ނިޒާރު ވިދާޅުވެފައި ވެއެވެ.

މި ވެބިނާ މީޑިއާތަކަށް އަމާޒުކުރި ސަބަބުތައް ހާމަކުރަށްވައި ހޯމް މިނިސްޓްރީއިން ބުނީ މީޑިއާއަކީ ހައްސާސް މަޢުލޫމާތު ޢާއްމުންނަށް ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރު އަދާކުރާ ބާރު ކަމަށެވެ.

މީޑިއާގެ އިޤުތިޞާދަކީ މީހުންގެ ޝައުޤުވެރިކަން ދަމައިގަތުމަށް އޮތް ވާދަވެރި ރޭހަކަށް ވެފައިވާ މި ދަނޑިވަޅުގައި، ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައިދިޔުމާ ގުޅޭ ހައްސާސް މައްސަލަތައް ރިޕޯޓުކުރުމުގައި މީހުންގެ ތެރޭގައި އިތުރު ބިރުވެރިކަމާއި ހަމަނުޖެހުން އުފެދޭގޮތްވެސް މެދުވެރިވާ ކަމަށާއި، އަދި ރިޕޯޓް ކުރެވޭ ގޮތުން ހަރުކަށި ފިކުރުތަކާއި އެ ފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުގެ މެސެޖަށް އިތުރު ބާރު ލިބޭ ގޮތްވެސް މެދުވެރިވާ ކަމަށް ހޯމް މިނިސްޓްރީއިން ބުންޏެވެ.

'' މިފަދަ ޚަބަރާއި މަޢުމޫލާތު ރިޕޯޓުކުރުމުގައި ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކަށް ޢާއްމުންގެ މެދުގައި މަޝްހޫރުކަމާއި ބާރުވެރިކަން ނުލިބޭފަދަ ގޮތަކަށް ރިޕޯޓުކުރުމަށް އިސްކަންދިނުން ވަރަށް މުހިންމެވެ.'' ހޯމް މިނިސްޓްރީއިން ބުނެފައި ވެއެވެ.

މިފަދަ ހަރުކަށި ފިކުރާ ގުޅޭ މަޢުލޫމާތާއި ޚަބަރު ފެތުރުމުގައި ގެންގުޅެންޖެހޭ މުވާސަލާތީ އުކުޅުތައް ދެނެގަތުމާއި މި މަޢުޟޫޢަށް އަހުލުވެރިވުމަކީ، ޤައުމީ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށް މީޑިއާގެ މައްޗަށް އޮންނަ މަސްއޫލިއްޔަތެއް ކަމަށާއި، އަދި މިއީ ޒަމާނީ ނޫސްވެރިކަމުގައި ފައިހަމަކުރުމަށް ދިވެހި ނޫސްވެރިންގެ ކިބައިގައި ހުރުން ލާޒިމު ފަންނެއް ކަމަށް ހޯމް މިނިސްޓްރީއިން ބުންޏެވެ.

ގިނަ މީޑިއާތަކަކުން ބައިވެރިވި މި ވެބިނާ ކުރިއަށް ގެންދިޔައީ ހޯމް މިނިސްޓްރީއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އަދި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާ ގުޅިގެންނެވެ.