"ތިލަދުންމަތީގެ ދަރިން އަވަސްވެ ގަންނަންވީ، އިންޑިއާ ފެރީއާއިއެކު އުފެދޭ ވިޔަފާރީގެ ފުރުޞަތުތައް ހޯދަން"

Ibrahim Shareef (Kela MP)

ތިލަދުންމަތީގެ ދަރިން އަވަސްވެ ގަންނަންވީ، އިންޑިއާ ފެރީއާއިއެކު އުފެދޭ ވިޔަފާރީގެ ފުރުޞަތުތައް ހޯދަން ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ.

މެންބަރު އިބްރޭ މިހެން ވިދާޅުވިއިރު ކުޅުދުއްފުށި-ކޮޗިން ފެރީގެ ފުރަތަމަ ދަތުރުގައި މިއަދު ހެނދުނު ވަނީ ކުޅުދުއްފުށީގައި ބަނދަރު ކޮށްފައެވެ.

މެންބަރު އިބްރޭ ވިދާޅުވީ ވިހި ވަނަ ގަރުނު ތިލަދުންމަތީ ކުރާ އެންމެ ކާމިޔާބު ވިޔަފާރިއަކީ އޮޑި ދޯނިފަހަރުގައި ރައްރަށަށް ދުއްވައިގެން ކުރާވިޔަފާރި ކަމަށެވެ.

''މިގޮތުން ކުޅުދުފުށިން ރޯނު، ނޮޅިވަރަމުން ބިލެއް، ހަނިމާދޫއިން ދަރު، ބާރަށުން ފަންގެ، ފިއްލަދޫއިން ކާށި، ކެލާއިން ކައްޓަލަ، ދިއްދޫއިން މަސް، އުތީމުން ސާންތި، އިހަވަންދޫއިން މަސް، ވައިކަރަދޫ އިން ބިންބި، ކުދިބަތް ގަނެގެން އެއްރަށުން އަނެއް ރަށަށް ވިއްކި''

އިބްރޭ ވިދާޅުވިއެވެ.

''އަތޮޅޮގެ ބިން ބޮޑެތި ރަށް ރަށުން ކުފުރާއާއި، ރޯނު އަދި މަސްވެތި ރަށްރަށުން ހިކިމަސް ހިފައިގެން ކުޅުދުއްފުއްޓާއި، ދިއްދޫ އިން ފުރާ ބޭރުދަތުރުކުރާ އޮޑިފަހަރުގައި، ރާއްޖޭން ބޭރައް ފޮނުވައިގެން، ރާއްޖޭން ބޭރުން ގެންނަ ފުރާޅުގަޖަހާ އީޓު، ތެލި ތަށި، އަންނައުތައް ވިއްކާ ހަދަނީ މިދެންނެވި ވިޔަފާރީގެތެރެއިން. މިއަދު ކުޅުދުފުއްޓަށް އަންނަ އިންޑިއާ ފެރީއާއި ގުޅުވައިގެން މި ވިޔަފާރި އެހެންބަޔަކު ކުރަން ފެށުމުގެ ކުރިން ފެށުމަށް ތިލަދުން މަތީގެ ދަރިން އަވަސްވެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ.''

އިބްރޭ އިތުރަށް ވިދާޅުވިއެވެ.

އެހެންކަމުން އެކަން ނުކޮށްފި ނަމަ، މާދަމާގެ ވިޔަފާރި ގެއްލިގެން ހިގައިދާނެ ކަމަށާއި، ފުރުސަތަކީ ވަރަށް މަދުން ނޫނީ ލިބޭއެއްޗެއް ނޫން ކަމަށް އިބްރޭ ވިދާޅުވިއެވެ. އިބްރޭ ވިދާޅުވީ އެކަމަށް އަވަސްވެގަންނަން ވީކަމަށެވެ.

ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި މިއަދު ފެރީ ކުޅުދުއްފުށީގައި ބަނދަރު ކުރިއިރު، އެ ފެރީގައި 500 ޓަނަށްވުރެ ގިނަ މުދާ ގެނައެވެ.

އިންޑިއާއި ރާއްޖެ އާއި ދެމެދު ފެށި ކާގޯ ފެރީގެ ޚިދުމަތަކީ ޚާއްސަކޮށް ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ފަހި ގޮތްކެއް ހޯދައިދިނުމާއި، އަދި ރާއްޖެއިން ބޭރަށް ދިވެހި އުފެއްދުންތައް ފޮނުވައިގެން މަންފާ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ފަށާ މަޝްރޫޢުއެކެވެ. އިންޑިއާގެ ކޮޗިންއިން ރާއްޖެއަށް އަންނަ ފުރަތަމަ ކާގޯ ފެރީ މާދަމާ ރާއްޖެއަށް ފޯރާއިރު، މި ކާގޯ ފެރީއަކީ ޝިޕިންގް ކޯޕަރޭޝަން އޮފް އިންޑިއާ(އެސް.ސީ.އައި)އިން އޮޕަރޭޓްކުރާ އެމް.ސީ.ޕީ ނަމަކަށްކިޔާ ކާގޯ ފެރީއެކެވެ.

މި ބޯޓުގައި 20 ފޫޓު، 8 ފޫޓުގެ 380 ކޮންޓެއިނަރުގެ މުދާ އެއްފަހަރާ އުފުލޭނެއެވެ. އެއީ 3000 މެޓްރިކް ޓަނުގެ ބަލްކް ކާގޯއެވެ. ކާގޯ ފެރީ މަހަކު ދެފަހަރު މުދާ ހިފައިގެން ރާއްޖެ އަންނާނެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފައި ވާގޮތުން މި ބޯޓު އިންޑިއާއަށް ދިއުމާއި ރާއްޖެއަށް އަނބުރާ އައުމަށް ކުރާ ކޮންމެ ދަތުރުތަކަށް 10 ދުވަސް ނުވަތަ 12 ދުވަސް ހޭދަވާނެކަމަށެވެ. އަދި މި އުޅަނދުގައި ވަނީ ފިނުކުރި މުދާ އުފުލޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި