7 މަހުގެ މެދުކެނޑުމަކަށް ފަހު، ޢުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ހުޅުވާލަނީ

umra resume

7 މަހުގެ މެދުކެނޑުމަކަށް ފަހު، އަންނަ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން ޢުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ހުޅުވާލުމަށް ސައޫދީ އަރަބިއްޔާގެ ސަރުކާރުން ނިންމައިފިއެވެ.

ސައޫދީ ދާޚިލީ ވުޒާރާ އިން ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، މަޑުމަޑުން މީހުންގެ އަދަދު އިތުރުކުރަމުންދާ ގޮތަށް، އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ހުޅުވާލަނީ ކޮވިޑް- 19 ބަލިމަޑުކަމުގެ މިހާރުގެ ހާލަތަށް ބެލުމާއެކު، ޢުމްރާއަށް އައުމަށް ބޭނުންވެފައި ތިބި ގިނަ އަދަދެއްގެ މުސްލިމުންނަށް ފުރުސަތުދިނުމުގެ ގޮތުންކަމަށެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން ޙަރަމްފުޅު ހުޅުވައިލާއިރު ފުރަތަމަ ފިޔަވަހީގައި ފުރުޞަތު ދޭނީ ސައޫދީންނަށާއި، ސައޫދީ އަރަބިއްޔާގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނަށެވެ. 4 އޮކްޓޯބަރުން ފެށިގެން ޢުމްރާގެ އަޅުކަން އަދާކުރުމަށް ޙަރަމްފުޅަށް ވައްދާނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އަޅުކަން އަދާކުރުމަށް ޙަރަމްފުޅުން ލިބޭ ޖާގައިގެ %30 އަށެވެ. އެއީ ދުވާލަކު ގާތްގަނޑަކަށް 6 ހާސް ޢުމްރާވެރިންނަށެވެ. މި ފިޔަވަހީގައި ޙަރަމްފުޅަށް ވައްދާނީ ޢުމްރާވުމަށް އަންނަ މީހުން އެކަންޏެވެ.

ދެވަނަ ފިޔަވަހީގައި، އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން ޙަރަމްފުޅުގެ ޖާގައިގެ %75 އަށް މީހުން ވަނުމުގެ ފުރުސަތު ހުޅުވައިލާނެއެވެ. އެއީ ދުވާލަކު 15 ހާސް ޢުމްރާވެރިންނާއި، ނަމާދުކުރުމަށް އަންނަ 40 ހާސް މީހުންނެވެ. މި ފިހަވަހީގައި ވެސް ފުރުސަތު ލިބޭނީ ސައޫދީ އަރަބިއްޔާގެ އެތެރެއިން އަންނަ މީހުންނަށެވެ.

ދާޚިލީ ވުޒާރާއިން ބުނެފައިވާގޮތުގައި، ނޮވެންބަރު 1 ގައި ފެށޭ ތިންވަނަ ފިޔަވަހީގައި ބޭރު ގައުމުތަކުން އަންނަ މީހުންނަށްވެސް ޢުމްރާވުމުގެ ފުރަސަތު ހުޅުވާލާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޙަރަމްފުޅުގެ 100% ޖާގައަށް މީހުން ވައްދާނެއެވެ. އެއީ ދުވާލަކު 20 ހާސް ޢުމްރާވެރިންނާއި، ނަމާދުކުރުމަށް ވަންނަ 60 ހާސް މީހުންނެވެ.

ހަތަރު ވަނަ ފިޔަވަހީގައި ޙަރަމްފުޅު އާދައިގެ ހާލަތަށް އިއާދަވާނެއެވެ. އެއީ ކޮރޯނާ ވައިރަސްގެ ނުރައްކާ ފިލައިފިކަން ސައޫދީ ސިއްހީ އިދާރާތަކުން އިއުލާންކުރާ ދުވަހަކުން ފެށިގެންނެވެ.

ފުރަތަމަ ތިން ފިޔަވަހީގައި ވެސް އުމްރާވެރިން ޙަރަމްފުޅަށް ވަނުމުގެ ކަންކަން އިންތިޒާމުކުރާނީ "އިޢުތަމަރްނާ" އެޕް ބޭނުންކޮށްގެންނެވެ. މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއިން މި އެޕް ވަރަށް އަވަހަށް ނެރޭނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *