ނޭކުރެންދޫ ސްކޫލު ދަރިވަރުންގެ ފިހިތަކުން ރަށުގެ ކަނޑޫފާ ދުނިޔެއަށް ދައްކާލަނީ

photo_2020-09-22_07-11-36

ހދ. ނޭކުރެންދޫ ކަނޑޫފަލުގެ ހާލަތު އަންގައިދޭ ކުރެހުން ތަކާއިއެކު ނޭކުރެންދޫ ސްކޫލުގެ ދަރިވަރުން ބައިނަލްއަޤްވާމީ ކުރެހުމުގެ މުބާރާތެއްގައި ބައިވެރިވެ، އެ ދަރިވަރުންގެ ފިހިތަކުން ކުރަހާލި ކުރެހުންތައް މެދުވެރިކޮށް، ނޭކުރެންދޫ ކަނޑޫފާ ދުނިޔެއަށް ދައްކާލުމުގައި ބައިވެރިވެއްޖެއެވެ.

ނޭކުރެންދޫ ސްކޫލުން ވަނީ މެގްރޫވް ދިރާސާ ކުރާ ބައިނަލްއަޤްވާމީ ޖައްމިއްޔާއެއް ކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)ގެ ފަރާތުން މުޅި ދުނިޔޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހުޅުވާލި އެ ޖަމްޢިއްޔާގެ 19 ވަނަ މެންގްރޫވް އާރޓް ކޮންޓެސްޓްގައި ބައިވެރިވެފައެވެ.

މިއީ ރާއްޖޭގެ ސްކޫލަކުން ރަސްމީކޮށް މި މުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. މުޅިދުނިޔޭގެ ހުރިހާ ސްކޫލަކަށްވެސް ބައިވެރިވެވޭނެހެން އާންމުކޮށް ހުޅުވާލި މި މުބާރާތަކީ ކަނޑޫފާ، ކުޅި އަދި ޗަސްބިންތަކާއި ގުޅޭގޮތުން ހޭލުންތެރި ކުރުވުމަށާއި، އެތަންތަނުގެ މުހިންމުކަން އަންގައި ދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވާ މުބާރާތެކެވެ.

މި މުބާރާތް ބާއްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)އަކީ ދުނިޔޭގައި ހުރި ކުޅި، ފާ އަދި ޗަސްބިންތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. މި މުބާރާތުން ހޮވާލެވޭ ކުރެހުންތައް 2021 ވަނަ އަހަރުގެ އެ ޖަމްޢިއްޔާގެ ކަލަންޑަރުގައި ހިމެނޭނެއެވެ.

ނޭކުރެންދޫ ކަނޑޫފަލުގެ ހާލަތު ދުނިޔެއަށް ފެނިގެންދާނެ

މި މުބާރާތުގައި ބައިވެރިވި ދަރިވަރުންގެ ކުރެހުންތައް މެޕްގެ ކަލަންޑަރުގައި ހިމެނުމަށް ނިންމާފައިވާއިރު، މެޕް މެދުވެރިކޮށް ނޭކުރެންދޫ ކަނޑޫފަލުގެ ހާލަތު ދުނިޔެއަށް ދައްކާލެވިގެން ދާނެއެވެ. މި މުބާރާތުގައި ނޭކުރެންދޫ ސްކޫލުން ބައިވެރިވި 43 އަންހެން ދަރިވަރުންނާއި، 28 ފިރިހެން ދަރިވަރުންނާއިއެކު ޖުމްލަ 71 ދަރިވަރުން ވަނީ ބައިވެރިވެ ކުރެހުންތައް ހުށަހަޅާފައިއެވެ. މި މުބާރާތް އަމާޒު ކުރެވިފައިވަނީ އުމުރުން 6 އަހަރާއި 16 އަހަރާއި ދެމެދުގެ ދަރިވަރުންނަށެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ސަބަބުން ރަށުގެ ކަނޑޫފަލުގެ މުހިންމުކަމާއި، ބޭނުންތެރިކަން ދަރިވަރުންނާއި ބެލެނިވެރިން އަދި ރަށުގެ ރަށްޔިތުންގެ ހިތްތަކަށް އިތުރަށް ވަދެގެން ގޮސްފައިވާކަމަށް ނޭކުރެންދޫ ސްކޫލްގެ ތިމާވެށި ކްލަބްގެ ކޯޑިނޭޓަރ އާއިޝަތު ޒައިނާ ވިދާޅުވިއެވެ.

" މިފުރުޞަތު ފަހިކޮށްދެއްވި ކަމަށްޓަކައި ކައުންސިލަށާއި އަދި އިޝާމް ހިމެނޭހެން ސޭވް މޯލްޑިވްސްއަށް ޝުކުރު ދަންނަވަން، މި ރަށުގެ ކަނޑޫފާ ސަލާމަތްވުމީ ރަށުގެ ކޮންމެ ރައްޔިތެއްގެވެސް ވަރަށް ބޮޑު އެދުމެއް، އަޅުގަނޑުމެން ސްކޫލާއި، ސްކޫލްގެ ތިމާވެށީގެ ކްލަބުން މިތިބީ މިކަމުގައި އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާކަމެއް ކުރަން" ޒައިނާ ވިދާޅުވިއެވެ.

ޒައިނާ ވިދާޅުވީ މި ކަމަކީ ދަރިވަރުން އަދި ބެލެނިވެރިން ގިނަ ވަގުތުތަކެއް ހޭދަ ކުރި ކަމެއް ކަމަށެވެ. " އަޅުގަނޑު ޚާއްޞަގޮތެއްގައި ފާހަގަކޮށްލަން ސްކޫލްގެ ޕްރިންސިޕް، މެނޭޖްމަންޓް، ކްލާސް ޓީޗަރުން އަދި ބެލެނިވެރިން ގެ އިތުރުން އެހެނިހެން ޓީޗަރުންނާއި، ސްކޫލްގެ މުވައްޒަފުން މިކަމަށް ދެއްވި އެއްބާރުލުމާއި އެހީތެރިކަން، އެފަރާތްތަކަށް ވެސް ޝުކުރު އަދާކޮށްލަން ބޭނުންވޭ" ޒައިނާ ވިދާޅުވިއެވެ.

އާރޓް ކޮންޓެސްޓް ގައި ދަރިވަރަކު ކުރަހަނީ

ސޭވްމޯލްޑިވްސް، ނޭކުރެންދޫ ކަނޑޫފާ ސަލާމަތްކުރުމަށް އެހީތެރިވާ މުހިންމު ބައިވެރިއެއް

ނޭކުރެންދޫ ކަނޑޫފަލުން ދިހަ ހާހަށްވުރެ ގިނަ ކަނޑޫ ގަސްތައް މަރުވެއްޖެކަން ހާމަކޮށް އެރަށުގެ ކައުންސިލުން އެ ރަށުގެ ކަނޑޫފާ ސަލާމަތް ކުރުމުގެ މަސައްކަތް ފެށީ މިއަހަރުގެ ޖޫން މަހު ތެރޭގައިއެވެ. މިއަހަރުގެ މާޗް މަހުން ފެށިގެން ހަލުވިމިނެއްގައި އެރަށުގެ ކަނޑޫފަލުން ކަނޑޫ ގަސްތައް މަރުވަމުން ދާކަމަށް އެ ކައުންސިލުން ހާމަ ކުރިއެވެ. އެޔާއިއެކު ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ސޭވް މޯލްޑިވްސްއިން ވަނީ އެކަމުގައި ބައިވެރިވެ މަސައްކަތް ފަށާފައިއެވެ.

މިގޮތުން ސޭވް މޯލްޑިވްސް އިސްވެއޮވެ، އެރަށުގެ ކައުންސިލާއި ގުޅިގެން ވަނީ ޖުލައި މަސްތެރޭގައި ނޭކުރެންދޫ ކަނޑޫފާ ސަލާމަތްކުރުމަށް ދިރާސާއެއް ވެސް ފަށައިފައެވެ. ކޮމަންވެލްތުގެ ހިއުމަން އިކޮލޮޖީ ކައުންސިލުން ފަންޑުކޮށްގެން ފެށި އެ ދިރާސާއަކީ އިންޓަނޭޝަނަލް ޔުނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާގެ މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް (އައިޔޫސީއެން އެމްއެސްޖީ)އާއި، މެގްރޫވް ދިރާސާ ކުރާ ބައިނަލްއަގުވާމީ ޖައްމިއްޔާއެއް ކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)އާއި ގުޅިގެން ސޭވް މޯލްޑިވްސްގެ ފަންނީ އެހީތެރިކަމާއެކު ކުރިއަށްގެންދާ ދިރާސާއެކެވެ.

އެހިސާބުން ފެށިގެން ސޭވް މޯލްޑިވްސްއިން އަންނަނީ ނޭކުރެންދޫ ކަނޑޫފާ ސަލާމަތް ކުރުމުގެ މަސައްކަތުގައި ބައިވެރިވެ، މަސައްކަތް ކުރަމުންނެވެ. ފަހުން ދިވެހި ސަރުކާރުންވެސް ވަނީ އެކަމާއިގުޅޭ ދިރާސާއެއް ކުރަށްވައިފައެވެ.

އާރޓް ކޮންޓެސްޓްގައި ދަރިވަރަކު ކުރަހާފައިވާ ކުރެހުމެއް

ކަނޑޫފަލާއިމެދު ހޭލުންތެރި ކުރުމުގެ މަސައްކަތްތަކެއް

ސޭވް މޯލްޑިވްސްއިން ވަނީ ނޭކުރެންދޫ ކައުންސިލުން އެރަށުގެ ރައްޔިތުން ހޭލުންތެރިކުރުވުމަށް ބޭއްވި އެކި ހަރަކާތްތަކުގައި ބައިވެރިވެ މަޢުލޫމާތު ފޯރުކޮށްދީފައެވެ.

މީގެ އިތުރުން މިފަހަރު މި ބޭއްވުނު ކުރެހުމުގެ މުބާރާތާއި ގުޅިގެންވެސް އެ ޖަމްޢިއްޔާއިން ވަނީ ނޭކުރެންދޫ ސްކޫލްގެ ދަރިވަރުންނާއި، ބެލެނިވެރިންނަށާއި އަދި މުދައްރިސުންނަށް ޚާއްޞަކޮށްގެން "ކަނޑޫފާ ކްލާސް"ތަކެއް ނަގައިދީފައެވެ. އަދި މި މުބާރާތައް ފުރުޞަތު ފަހިކޮށްދީ، އެޖަމްޢިއްޔާގެ އެހީތެރިކަމާއި ދިން ހިތްވަރަކީ ނޭކުރެންދޫ ސްކޫލަށް މި މުބާރާތުގައި ބައިވެރިވުމަށް މެދުވެރިވި އެއް ސަބަބެވެ.

އޮންލައިންކޮށް މިހާރުވެސް ކުރިއަށް ގެންދެވޭ މި ކްލާސްތައް މެދުވެރިކޮށް ނޭކުރެންދޫ ސްކޫލްގެ ދަރިވަރުންނާއި، ބެލެނިވެރިން އަދި މުދައްރިސުންނަށް އެރަށުގެ ކަނޑޫފަލާއިމެދު އިތުރަށް ހޭލުންތެރިވެ، އެފަރާތްތަކަށް އިތުރު މަޢުލޫމާތުތައް ލިބިގެން ދާނެކަމަށް ސޭވް މޯލްޑިވްސްގެ އާދަމް އިޝާމް ވިދާޅުވިއެވެ.

"ކަނޑޫފާ ކްލާސްތައް މެދުވެރިކޮށް ކަނޑޫފަލުގެ ފައިދާއާއި، މުހިންމުކަމާއި އަދި ދިރުންތައް ދެމެހެއްޓުމުގެ ބޭނުންތެރިކަން ކިޔައިދީ މަޢުލޫމާތު ފޯރުކޮށް ދެމުން މިދަނީ، މެޕްގެ މެންގްރޫވް އާރޓް ކޮންޓެސްޓްގައި ބައިވެރިވި ދަރިވަރުންނަށް ވެސް ވަކި ކުލާސްތައް ނަގައިދީ މަޢުލޫމާތު ފޯރުކޮށްދެވުނު" އިޝާމް ވިދާޅުވިއެވެ.

ކަނޑޫފާ ކްލާހެއްގައި ދަރިވަރަކު ބައިވެރިވަނީ

އިޝާމް ވިދާޅުވީ ނޭކުރެންދޫ ކަނޑޫފަލުގެ ސަލާމަތަށް ސޭވް މޯލްޑިވްސްއިން އެހީތެރިކަން ފޯރުކޮށްދިނުމުގައި އެރަށުގެ ކައުންސިލާއި ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.

" މި އާރޓް ކޮންޓެސްޓްގައި ރާއްޖެއިން މި ބައިވެރިވީ ނޭކުރެންދޫ ސްކޫލުން އެކަނި، އާރޓް ކޮންޓެސްޓްގައި ބައިވެރިވި ދަރިވަރުންގެ ކުރެހުންތައް މެދުވެރިކޮށް އެ ދަރިވަރުންގެ މެސެޖު ދުނިޔެއަށް ފޯރުކޮށް ދެވޭނެ، އަދި މިއީ ރާއްޖޭގެ ކުޅި، ކަނޑޫފާ ދުނިޔެއަށް ދައްކާލުމަށް ލިބުނު ފަހި ފުރުޞަތެއް" އިޝާމް ވިދާޅުވިއެވެ.

ކަނޑޫފަލަށްޓަކައި ނޭކުރެންދޫ ރައްޔިތުން

ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ އޮތް ރަށަކީ ހދ. ނޭކުރެންދޫ އެވެ. އެ ރަށުގެ ރައްޔިތުންނަށާއި ވެއްޓަށް ލޯބި އޮތް ކޮންމެ މީހަކަށް މޮޅިވެރިކަން ގެނުވާފައި މިވަނީ އެރަށުގެ ކަނޑޫފަލުން ގިނަ އަދަދެއްގެ ކަނޑޫ ގަސްތައް މަރުވެ، ނެތިގެން ދާތީއެވެ.

އުތުރުގެ ކަނޑޫފާތަކަށް ދިމާވެފައި މިވާ މައްސަލައަށް އަދި ހައްލެއް ނުލިބި އޮތް އިރު، ނޭކުރެންދޫ ކައުންސިލާއި، ރައްޔިތުން ދަނީ އެރަށުގެ ކަނޑޫފަލުގެ ހިމާޔަތުގައި ފުޅާ ކެމްޕޭނެއް ކުރަމުންނެވެ. އެ ރަށުގެ ރަށްޔިތުން ތިބީ އެރަށުގެ ކަނޑޫ ފަލުގެ ހިމާޔަތަށް އެދި އެދި އެވެ.

މިއަހަރުގެ އަޟްހާ ޢީދު އެރަށުގައި ފާހަގަ ކޮށްފައި ވަނީ ވެސް އެ ރަށްޔިތުންގެ ހިތުގައި ކަނޑޫފަލަށް އޮތް ލޯތްބާއި އެކު " ކަނޑޫ ޢީދު އުފާ 1441" ގެ ނަމުގައެވެ.

ނޭކުރެންދޫ ކަނޑޫފަލުގެ ކަނޑޫގަސްތައް މަރުވާ ސަބަބު ދެނެގަތުމަށް ފެށި މަސައްކަތުގެ ތެރެއިން ރައްޔިތުންގެ ސައްލާގެ ނަމުގައި ކައުންސިލުން ވަނީ ސިލްސިލާ ބައްދަލުވުމުން ތަކެއްވެސް އެ ރަށުގައި ފަށައިފައެވެ.

ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ މަރުވަމުންދާތީ އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމާއި ސޭވް ނޭކުރެންދޫ ކަނޑޫފާ ކެމްޕޭން އިތުރަށް ފުޅާކުރުމުގެ ގޮތުން ނޭކުރެންދޫ ކައުންސިލުން ވަނީ އެ ކައުންސިލްގެ ރަސްމީ ލިޔުންތަކުގައި "ސޭވް ނޭކުރެންދޫ ކަނޑޫފާ" ހޭޝްޓެގް ބޭނުން ކުރަން ވެސް ފަށާފައިއެވެ.

މިފަހަރު ނޭކުރެންދޫ ސްކޫލުން މި ބައިވެރިވި އާރޓް ކޮންޓެސްޓް މެދުވެރިކޮށް އެ ސްކޫލްގެ ދަރިވަރުން މި ވަނީ އެކުދިންގެ ކަނޑޫފާ ސަލާމަތް ކޮށްދިނުމަށް އެދި ދުނިޔެއަށް މެސެޖު ފޯރުކޮށްދީފައެވެ.

https://thiladhun.wonstasite.com/32477

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި