ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަމަކީ ޒުވާނުންނަކީ މަސައްކަތްތެރި އަދި ފުދުންތެރި ބަޔަކަށް ހެދުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފައިޞަލް މިހެން ވިދާޅުވީ ރާއްޖެއަށް މުހިންމު ދާއިރާތަކުން މީހުން ބިނާކުރުމާއި ތަމްރީނުކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ކަމާއިގުޅޭ ވުޒާރާތަކުގެ ވަޒީރުންނާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސްވެރިންނާއި ބައްދަލުކުރައްވައި، މިއަދު ބޭއްވި މަޝްވަރާ ބައްދަލު ވުމުގައިއެވެ.
މި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލު ވުމުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަމަކީ ޒުވާނުންނަކީ މަސައްކަތްތެރި އަދި ފުދުންތެރި ބަޔަކަށް ހެދުންކަމުގައި ވިދާޅުވެ، ނައިބު ރައީސް ވިދާޅުވީ ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކުން މީހުން ބިނާކޮށް ތަމްރީނުކުރުމަށް އިސްކަންދިނުމަށާއި، ރަށްރަށުގައި ތިބެގެން ތަމްރީނުތަކާއި ކޯސްތަކުގައި ބައިވެރިވެވޭނެ ގޮތަށް ކަމާއިގުޅޭ ވުޒާރާތަކާއި، ޤައުމީ ޔުނިވަރސިޓީއާއި، އަދި އެހެނިހެން އިދާރާތައް ގުޅިގެން މަސައްކަތްކޮށް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ވަކިން ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ދާއިރާ ފަދަ މަތީ ފަންތީގެ މަޤާމުތަކުގައި ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް މަދުކަމުގައި ފާހަގަކުރެވޭ ދާއިރާތަކުން އިތުރު ދިވެހިން ތަމްރީނުކުރުމަށް ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ނައިބު ރައީސް ވަނީ ފާހަގަ ކުރަށްވާފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ މުޞްޠަފާ ލުޠުފީއާއި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ ޢާއިޝަތު ޢަލީއާއި އަދި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ އިބްރާހީމް ޙަސަން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މީގެ އިތުރުން މިބައްދަލުވުމުގައި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ ޢަބްދުﷲ މަޢުޞޫމްގެ އިތުރުން ޤައުމީ ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!