މިމަހުގެ 5 ވަނަ ދުވަހު "ބަޑީސް ފުޓްސަލް ޗެލެންޖް 2020"ގެ ނަމުގައި ށ.ފޯކައިދޫގައި ފެށިގެންދިޔަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން "ބަލަޑް ބްރަދާރްސް"އިން ހޯދައިފިއެވެ.
އިއްޔެ ހަވީރު 4:30 ގައި ކުޅެވުނު ފައިނަލް މި މެޗުން "ބްލަޑް ބްރަދާރސް" އިން ޗެމްޕިއަންކަން ހޯދާފައިވަނީ މި މުބާރާތުގެ ފައިނަލްގައި "އެފް ސީ އުނދޯލި" އާ ވާދަކޮށް 2 - 7 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ، ބްލަޑް ބްރަދާރސް ގެ ޝަމާލްއެވެ.
13 ދުވަހުގެ މުއްދަކަށް ކުރިއަށް ގެންދެވުނު މި މުބާރާތުގައި ޖުމްލަ 10 ޓީމަކުން ވަނީ ވާދަކޮށްފައެވެ. މިދުވަސްވަރަކީ އަތޮޅުތެރެއިން ގިނަ ރަށްތަކަކުން ކޯވިޑްގެ ކޭސްތައް ފެންނަމުންދާ ދުވަސްތަކަކަށް ވާތީއާ އެކު، ރަށުގެ ރައްޔިތުންގެ ރައްކަލަކަށްޓަކާ، މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ހަމައެކަނި ރަށުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ހާއްސަކޮށްގެންނެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފް ސީ ޕާރކް ގެ އިބްރާހިމް މުސީރް އެވެ. އަދި މި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ބްލަޑް ބްރަދާރސްގެ މުޙައްމަދު ރިޝްވާން އެވެ.

ށ. ފޯކައިދޫއަކީ ޒަމާނުންސުރެ ކުޅިވަރުގެ ރޫހު ވަރަށް ބޮޑަށް އާލާވެފައިވާ، ކުޅިވަރަށް ލޯބިކުރާ ދަރިންތަކެއް އުފެދިފައިވާ ރަށެކެވެ. ހާއްސަކޮށް ފުޓުބޯޅަ އާއި ފުޓްސަލް އިން އެރަށުގެ ޓީމުތަކުން އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ރާއްޖޭގެ ފެންވަރުގައިވެސް ހޯދަމުންނެވެ. އެގޮތުން ދިރާގު ދިވެހި ޕްރިމަޔަރ ލީގަށް ފޯކައިދޫ ޓީމް ކޮލިފައިވުން މިކަމުގެ ހެއްކެއްގެ ގޮތުގައި ފުދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!