ހދ. މަކުނުދޫގައި ދަރުމައަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެއް ކަމަށްވާ މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)އިން އެރަށު ސްކޫލަށް އަތްދޮންނަ ސައިބޯންޏާއި، ކޯވިޑަށް ހޭލުންތެރި ކުރުމަށް ތައްޔާރުކޮށްފައިވާ ކެންވާސް ހަދިޔާ ކޮށްފިއެވެ.

މިތަކެތި ހަވާލުކުރުން އޮތީ އިއްޔެއެވެ. އެމްވައިއެމްގެ ފަރާތުން ސްކޫލަށް މިތަކެތި ހަދިޔާ ކޮށްދެއްވީ އެ ޖަމްޢިއްޔާގެ ފައުންޑަރ އަދި އިންތިޒާމް ސެކެރެޓަރީ ތާހާ ޒުބައިރެވެ. މަކުނުދޫ ސްކޫލްގެ ފަރާތުން އެ ތަކެއްޗާއި ހަވާލުވެލެއްވީ ސްކޫލް ވަގުތީ ގޮތުން ހިންގުމާއި ހަވާލުވެ ހުންނެވި ލީޑިންގ ޓީޗަރ އިބްރާޙީމް ވަހީދެވެ.

Ad
rt

ކޯވިޑްގެ މިހާލަތުގައި މަކުނުދޫ ސްކޫލްގެ ދަރިވަރުންނާއި، މުދައްރިސުން އަދި މުވައްޒަފުން އަތްދޮންނަށް ބޭނުން ކުރަން ހަދިޔާ ކުރެވުނު ސައިބޯނީގެ އިތުރުން އެމްވައިއެމްއިން އިއްޔެ ހަދިޔާ ކުރި ކެންވާސްތަކުގައިވާ މަޢުލޫމާތުގެ ޒަރީއާއިން ކޯވިޑާއިމެދު ދަރިވަރުންނާއި، މުދައްރިސުން އަދި މުވައްޒަފުންނަށް ހޭލުންތެރި ވުމުގެ މަގު ފަހިވެގެން ދާނެއެވެ.

އެމްވައިއެމްގެ މި އެހީތެރިކަން ފާހަގަކޮށް މަކުނުދޫ ސްކޫލުން ވަނީ، ސްކޫލްގެ މުވައްޒަފުންނާއި، ދަރިވަރުން އަދި ބެލެނިވެރިންގެ ނަމުގައި ޝުކުރު ދަންނަވާފައިއެވެ.

" މަކުނުދޫ ޔޫތު މޫވްމަންޓްގެ މި މަސައްކަތަކީ މިކަމުގެ ފަހަތުގައިތިބި ރަށުގެ ވަރަށްގިނަ ޢަދަދެއްގެ ޒުވާނުންގެ އެހީތެރިކަމާއިއެކު ވަކިން ޚާއްޞަކޮށް ދަރުމަ ޓީމުގެ އެހީތެރިކަމާއިއެކު ކުރެވެމުންދާ މަސައްކަތްތަކެއް، އަޅުގަނޑު ޚާއްޞަގޮތެއްގައި އަޅުގަނޑުމެންގެ ތެރެއިން އުފެދިފައި އޮތް ދަރުމަ ޓީމްގެ ނަން ފާހަގަކޮށް މިހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްލަން ބޭނުންވޭ" އެމްވައިއެމްގެ ރައީސް އަޝްފާގް އާދަމް "ތިލަދުން"އަށް ބުންޏެވެ.

އަޝްފާޤް ބުނީ މީގެ ކުރިންވެސް ކޯވިޑާއި ގުޅިގެން ރަށުގެ އެކިއެކި މުއައްސަސާތަކަށާއި، މިސްކިތްތަކަށް އަތްދޮންނަ ސައިބޯނި ފުޅި ހަދިޔާ ކުރެވިފައިވާ ކަމަށެވެ. އަދި ކޯވިޑަށް ރައްޔިތުން ހޭލުންތެރި ކުރުމަށް ރަށުގެ އެކި ސަރަޙައްދުތަކުގައި ކޯވިޑަށް ހޭލުންތެރި ކުރުމުގެ މަޢުލޫމާތު ހިމެނޭ ކެންވާސްތައް ބެހެއްޓިފައިވާ ކަމަށް ވެސް އަޝްފާގް ބުންޏެވެ.

މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)އަކީ ކޯވިޑާއި ގުޅިގެން އެރަށުގައި އެކުލަވާލައިފައިވާ ކޯވިޑާއިގުޅޭ ކަންކަމުގައި މަޝްވަރާދޭ ކޮމެޓީގައި އެ ރަށުގެ މަދަނީ ޖަމްޢިއްޔާތައް ތަމްސީލް ކުރަމުންދާ ޖަމްޢިއްޔާ ވެސް މެއެވެ.

އެމްވައިއެމްއަކީ މަކުނުދޫގެ ތަރައްޤީއާއި، ރައްޔިތުން ހޭލުންތެރިކޮށް އެކި ރޮނގުތަކުން ރަށަށް ލާބައާއި މަންފާ ލިބޭނެ މަސައްކަތްތަކެއް ކުރަމުންއަންނަ ޖަމްޢިއްޔާއެކެވެ.