މިޑްލް ސްޕޯރޓްސް ކުލަބާއި ހއ.ދިއްދޫ ޒުވާނުންގެ މަރުކަޒާއި ގުޅިގެން ކުރިއަށް ގެންދިޔަ ރިޓޯ ސޮލިއުޝަން 3އިން3 ބާސްކެޓް ބޯޅަ މުބާރަތުގެ ޗެމްޕިއަންކަން މިޑްލް ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.

ދިއްދޫ ޔޫތު ސެންޓަރުގެ ބާސްކެޓް ކޯޓުގައި 16 ސެޕްޓެމްބަރ 2020 ވީ ބުދަ ދުވަހު (މިއަދު) ހަވީރު ވަނީ މި މުބާރާތުގެ ސެމީފައިނަލްގެ ދެ މެޗާއި ފައިނަލް މެޗު ކުޅެފައެވެ.

Ad
rt

ނާޑް ސްޕޯޓްސްއިން ފައިނަލްގެ ފުރަތަމަ ޖާގަ މިއަދު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޓީމް ވައިޕާރސްގެ މައްޗަށް 7-6 ގެ ނަތީޖާއިން ކުރި ހޯދައިގެން ކަށަވަރު ކުރިއިރު، މިޑްލް ސްޕޯޓްސްއިން ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފައިވަނީ ސެމީ ފައިނަލް ދެވަނަ މެޗުގައި 10-6 ގެ ނަތީޖާއިން ޕޮލިސް ޓީމްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ސެމީފައިނަލް ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ނާޑް ސްޕޯޓްސްގެ އާޒިމް ހޮވިފައިވާއިރު ސެމީފައިނަލްގެ ދެވަނަ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މިޑްލް ސްޕޯޓްސްގެ އަހްމަދު ނަސީރެވެ.

ނާޑް ސްޕޯޓްސްއާއި މިޑްލް ސްޕޯޓްސް ބައްދަލު ކުރި ފައިނަލް މެޗުގައި ފޯރިގަދަ ބަލާހިތްވާ ކުޅުމެއް ފެނިގެންދިޔައިރު މުބާރާތުގެ ޗެމްޕިއަންކަން 7-6 ގެ ތަފާތު ކުޑަ ނަތީޖާއަކުން ކާމިޔާބުކޮށް ހޯދާފައިވަނީ މިޑްލް ސްޕޯޓްސްއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ މިޑްލް ސްޕޯޓްސްގެ މުހައްމަދު މުޖުތަބާއެވެ.

މުބާރާތުގެ ވަނަތައް

ޗެމްޕިއަން ޓީމް: މިޑްލް ސްޕޯޓްސް ކުލަބް

ރަނަރަޕް ޓީމް: ނާޑް ސްޕޯޓްސް ކުލަބް

މުބާރާތުގެ އެންމެ މޮޅު ޒުވާން ތިން ކުޅުންތެރިން

  1. އަހްމަދު މުޝްފިޤް މުޖުތަބާ / ވައިޕާރސް
  2. މުހައްމަދު ސަނާއު ނަސީރު / އެލްއެލް ސްޕޯޓްސް
  3. ހުސެއިން މަސްދޫޤް / ޕްރައިމް ޝޫޓާރސް

މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން މުބާރާތުގެ ވަނަތަކަށް އިނާމް ހަވާލު ކޮށްދެއްވާފައިވަނީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާން ހއ.އަތޮޅު ކައުންސިލްގެ މެމްބަރ މުހައްމަދު ސިރާޖެވެ.

މިމުބާރާތުގެ މެޗުތައް ކުރިއަށްދިޔަ ވަގުތު ވަރަށް ޙާއްސަ ލަކީ ޑްރޯއެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. ކުރިއަށް ގެންދެވުނު ލަކީޑްރޯގެ ނަސީބުވެރިޔާ ވަނީ މިއަދުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ހޮވާފައެވެ. މުބާރާތުގެ މެއިން ސްޕޮންސާރ ރިޓޯ ސޮލިއުޝަން ގެ ފަރާތުން ނަސީބުވެރި ފަރާތަށް ދިނުމަށް ކަނޑައެޅި 4999.00 ރުފިޔާގެ އަގުހުރި މީރުފެން ފިލްޓާރ ކުރާ މެޝިން ލިބިފައިވަނީ (އަހްމަދު ޝާހިދު/ ޕިޔާނާގެ، ހއ.ދިއްދޫ) އަށެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރ ރިޓޯ ސޮލިއުޝަންއެވެ. އިތުރު ސްޕޮންސަރުންގް ތެރޭގައި ހިމެނެނީ އެންޒެޑް، މިވެސް ގަރާޖް، ކައިވެނީގެ ރަން ބައި ޝުހައިލް، އުދަރެސް އިން، ލޮންސި ކެފޭ، ޓޫޖޭ ހޯމްވެއާރ، އައުޓަމް ސެލޫން، ވިސިޓް ދިއްދޫ، ރެޑްބުލްގެ އިތުރުން އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުން "ތިލަދުން" ނޫހެވެ. މީގެ އިތުރުން މި މުބާރާތް ކުރިއަށް ގެންދަނީ މޯލްޑިވްސް ބާސްކެޓް ބޯލް އެސޯޝިއޭޝަންއާއި އަދި ޑަބްލިޔު ސޮޕޯޓްސްގެ ބައިވެރިވުމާއި އެކުގައި ކަމަށްވެސް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މަޢުލޫމާތު ދެއްވައެވެ.

މި މުބަރަތަކީ ދިއްދޫ މިޑްލް ސްޕޯޓްސް އާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ދިއްދޫ ޒުވާނުންނަށް ބާސްކެޓް ބޯޅަ ތައާރަފް ކުރުމަށާއި ބާސްކެޓް ކުޅުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެކަން މަގުފަހި ކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ މުބާރާތެކެވެ.