ހދ. ކުމުންދޫ ބަނދަރު ނެރު ހެދުމަށް ސާވޭ މަސައްކަތް ފަށައިފި އެވެ.
ލަފާ ފުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކުންމުންދޫގެ ބަނދަރުގެ މައްސަލަ ހައްލުކުރުމަށް ނެރު ފައިކަށި ހެދުމަށް ކުރަންޖެހޭ ސާވޭގެ މަސައްކަތް ފަށާފައިވާކަމަށް ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.
އަމީން ކުރެއްވި ޓުވީޓެއްގައި އިތުރަށް ބުނެފައިވަނީ މިމަސައްކަތް ކުރިޔައްގެންދަނީ ސީޑީއީ ކޮންސަލްޓިންގ އާއި ހަވާލުކޮށްގެން، މިއަހަރުގެ ބަޖެޓް ގައި ކުމުންދޫ ނެރު ހެދުމަށް 5 މިލިޔަން ރުފިޔާ ހިމަނާފައިވާކަމަށެވެ.
މިމަސައްކަތް ފެށުމާއިއެކު އަމީން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އާއި ކުމުންދޫ ތަމްސީލްކުރައްވަމުން ގެންދަވާ މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާޢީ ޓެގްކުރައްވާ ޝުކުރު ދަންނަވާފައެވެ.
#ކުމުންދޫ ބަނދަރު ސާވޭ މަސައްކަތް މިއަދު ވަނީ ފަށާފައި، މިމަސައްކަތް ކުރިޔައްގެންދަނީ ސީޑީއީ ކޮންސަލްޓިންގ އާއި ހަވާލުކޮށްގެން، މިއަހަރުގެ ބަޖެޓް ގައި ކުމުންދޫ ނެރު ހެދުމަށް 5މިލިޔަން ރުފިޔާ ހިމަނާފައިވޭ
ސުކުރިއްޔާ ރައީސް @ibusolih
ސުކުރިއްޔާ @Mraee12 pic.twitter.com/Yr7fVkT6zw— Ameen Mohamed (@Ameenkumundhoo) September 16, 2020
ކުމުންދޫއަކީ ގާމަތި ރަށެކެވެ. ޒަމާނުންސުރެ ލަފާފުރަމުން ގޮސްފައިވަނީ ވަރަށް ބޮޑެތި އުނދަގޫތަކާއި ނުރައްކަލުގެ ތެރޭގަ އެވެ. އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން 2008 ވަނަ އަހަރުގެ ތެރޭގައި ކުމުންދޫގައި ބަނދަރު ހެދުމުގެ މަސައްކަތް ފެށި އެވެ.
124 ފޫޓަށް ބޮޑު ހިލަ ޖައްސަން ނިންމާފައިވާ ނިންމުން ބަދަލުކޮށް ކަނޑުތޮއްޓާ ހަމައަށް ދަމާލުމަށް ރަށު އޮފީހުން އޭރު އެދުނީ އެކަން އެގޮތަށް ނުހަދައިފިނަމަ ނެރުމަތި ގަދަވެ ހިތާމަވެރި ހާދިސާތައް ހިނގާދާނެތީ އެވެ. އެކަމަކު އެމަޝްރޫއު ނިންމާލީ އޮފީހުން އެދުނު ކަންތައް ފުރިހަމަކޮށްނުދީ އެވެ. 12 މިލިއަން ރުފިޔާއިން ފެށި އެ މަޝްރޫއު ނިންމާލީ 2010 ވަނަ އަހަރުގެ ތެރޭގައި އެވެ.
ބަނދަރުގެ މަސައްކަތް ނިންމާ ބޭނުންކުރަން ފެށިތާ މާގިނަ ދުވަހެއް ނުވަނީސް، ހިތާމަވެރި ހާދިސާތަކެއްވަނީ ހިނގާފައެވެ. 2008 އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް އެރަށުގެ ނެރުމައްޗަށް އެކި ފަހަރު މަތިން 15 ވަރަކަށް އުޅަނދު އަރައި ގެއްލުން ލިބިފައިވާކަމަށް މަޢުލޫމާތުލިބިފައިވެ އެވެ. ބައެއް އުޅަނދުފަހަރު ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި އެވެ.
ސާވޭ އާއި އީއައިއޭ ރިޕޯޓް ހެދުމަށް ސީޑީއީ ކޮންސަލްޓިންގ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ މިއަހަރުގެ މާރޗްމަހުގެ ހަތަރު ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!