ހދ.ނެއްލައިދޫ ސްކޫލުގައި ތަޢުލީމް ފޯރުކޮށްދޭން ފެށިތާ ފަންސާސް އަހަރު ވުމާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ސްކޫލުގެ ރަންޔޫބިލް ހަރަކާތްތަކުގައްޔާއި އަދި ކަނޑައެޅޭ ވަކި މުއްދަތަކަށް އެ ސުކޫލުގެ ރަސްމީ ލިޔުންތަކުގައި ބޭނުންކުރުމަށް ލޯގޯއެއް ފަރުމާކޮށް ހުށައެޅުމުގެ ފުރުޞަތު އެ ސްކޫލުން ހުޅުވައިލައިފިއެވެ.
އެ ސުކޫލުގެ ދަރިވަރުންގެ އިތުރުން އާންމު ފަރާތްތަކަށް ވެސް ރަންޔޫބިލް ލޯގޯ ފަރުމާކޮށް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވާއިރު އެ ސްކޫލްގެ ރަންޔޫބިލް ހަރަކާތްތަކުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން އެއްވަނައަށް ހޮވޭ ލޯގޯއެކެވެ.
އެ ސްކޫލުން ރަންޔޫބިލް ލޯގޯ ފަރުމާ ކުރުމަށް މިއަދު އާންމުކޮށް ހުޅުވާލާފައި ވާއިރު އެ ލޯގޯގައި ހުންނަންވާނެ ކަމަށް އާންމުކޮށްފައިވާ ޝަރުތުތަކަކީ
- ނެއްލައިދޫ ސުކޫލްގެ ރަންޔޫބިލްކަން ލޯގޯއިން ފާހަގަވާނެ ނިޝާނެއް ހިމެނުން
- ނެއްލައިދޫއަށް ޚާއްސަ ސިފައެއް ލޯގޯގައި ހިމެނުން.
- ރަންޔޫބިލްކަން ރަމްޒު ކޮށްދޭ ނިޝާނެއް ހިމެނުން
- ލޯގޯގައި ބޭނުން ކުރެވޭ ކުލަތައް ( ނޫ، ފެހި، ހުދު، ރަން )
މީގެއިތުރުން ފަރުމާކޮށް ހުށަހެޅޭ ލޯގޯއަކީ ބޭނުންކުރަން ފަސޭހަ ލޯގޯއަކަށްވާންވާނެ ކަމަށް ބުނެފައިވާއިރު އެ ލޯގޯއިން ރަމްޒު ކޮށްދެނީ ކޮންކަމެއްކަން ލިޔުމުން ހުށައަޅަންވާނެކަމަށް އެ ސްކޫލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.
އެ ސްކޫލުގެ ރަންޔޫބިލް ޝީޢާރެއްގެ ގޮތުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ " ޢިލްމީ ހިޔަލުގައި ބައިޤަރުނު" 50 years of educational excellence މިއެވެ.
ރަންޔޫބިލް ލޯގޯ ފަރުމާކޮށް ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެންމެ ފުރިހަމަ ލޯގޯ ހުށަހަޅާ ފަރާތަކަށް އެ ސްކޫލުގެ ދަރިވަރަކު ހޮވިއްޖެނަމަ 1500 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު އާންމު ފަރާތެއް ހޮވިއްޖެނަމަ 1000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެ އިޢުލާނުގައި އިތުރަށް ބުނެފައިވަނީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 ސެޕްޓެމްބަރ 30 ( ބުދަ ) ގެ ކުރިން ނެއްލައިދޫ ސުކޫލަށް ލޯގޯ ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ. އަދި ލޯގޯ ހުށަހަޅަންވާނީ އެކަމަށްއެދޭ ފޯމާއެކުކަމަށް ބުނެފައިވާއިރު ލޯގޯ ހުށައެޅުއްވުމަށް އެދޭ ފޯމް ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 ން މެންދުރުފަހު 14:00 ށް ނެއްލައިދޫ ސްކޫލުން ލިބެން ހުންނާނެ ކަމުގައިވެސް އެ އިޢުލާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!