•  
  •  
  •  
  •  
  •  
  •  
  •  

ޅެން ހެދުމުގެ އަސާސީ ހުނަރު އުނގައްނައި ދިނުމަށް ކުރިއަށް ގެންދިޔަ "އީއޯޕީ މަލަސް 2 ގެ" އޮންލައިން ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

މިކޯހުގައި ހދ. އަތޮޅަށް ނިސްބަތްވާން 5 ސްކޫލަކުން ބައިވެރި ވެފައިވާއިރު، ނ. އަތޮޅު އަދި ތ. އަތޮޅުން ބައިވެރިވި ސްކޫލްތަކާއި އެކު ޖުމްލަ 13 ސްކޫލަކުން ބައިވެރިވެފައި ވެއެވެ.

މި ކޯހުގައި ކިޔަވައި ދެއްވީ މަޝްހޫރު ޅެންވެރިޔާ އަދި ކުރީގެ މަޝްހޫރު ޑައިރެކްޓަރ އީސާ ޝަރީފެވެ. އީސައަކީ މިހާރު ވެސް ރާއްޖޭގައި ޅެންވެރިކަން ކުރިއަރުވައި ގިނަބަޔަކަށް ޅެން ހެދުމުގެ ހުނަރު އުނގައްނައި ދިނުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކުޅަދާނަ ޅެންވެރިއެކެވެ.

އީސަ ކުރިއަށް ގެންދެވި މި ކޯހުގައި 13 ސްކޫލުން 150 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރި ވެފައިވާއިރު މީގެ އިތުރުން ބައެއް ޕްރިންސިޕަލުންނާއި، މުދައްރިސުންވެސް ބައިވެރިވެފައި ވެއެވެ. އޮންލައިންކޮށް ޒޫމް މެދުވެރިކޮށް ކުރިޔަށް ގެންދެވި މި ކޯސް ކުރިޔަށް ގެންދަވާފައިވަނީ، އެއްވެސް އަގެއްނެތި ހިލޭ ސާބަހަށެވެ.

ސެޕްޓެމްބަރު 15 އިން 22 އަށް ކުރިއަށް ގެންދިޔަ މި ކޯހުގައި ހދ. އަތޮޅުން ބައިވެރިވި 5 ސްކޫލަކީ ކުޅުދުއްފުށީ ސިޓީގެ ތިން ސްކޫލް ކަމަށްވާ ޖަލާލުއްދީން ސްކޫލާއި، އަފީފުއްދީން ސްކޫލާއި އަދި ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިތުރުން ވައިކަރަދޫގައި ހުންނަ ހދ. އަތޮޅު މަދަރުސާއާއި އަދި ނޭކުރެންދޫ ސްކޫލެވެ.

މި ކޯހުގައި ނ. އަތޮޅުން 4  ސްކޫލެއް ބައިވެރިވިއެވެ. އެއީ، ނ. އަތޮޅު ވެލިދޫގައި ހުންނަ ތަޢުލީމީ މަރުކަޒް ، ނ. މަގޫދޫ ސްކޫލް، ނ. ޅޮހީ ސްކޫލް އަދި ނ، ފޮއްދޫ ސްކޫލެވެ.

މި ކޯހުގައި ތ އަތޮޅުން ބައިވެރިވި ސްކޫލްތަކަކީ ތ. ކަނޑޫދޫ ސްކޫލް، ތ. ކިނިބިދޫ ސްކޫލް، ތ. ވޭމަންޑޫ ސްކޫލް އަދި ތ. އަތޮޅު މަދަރުސާ (ގުރައިދޫ) އެވެ.

މި ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޢާމިރު އަޙްމަދު (ފެރެސް) އެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޅެމަކީ ބަހާއި އަދަބުގެ އެންމެ އިސްދާރު ކަމަށް އާމިރު ފާހަގަ ކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޅެންވެރިކަމަކީ ކޮބައިކަމާއި ޅެންވެރިކަމަކީ ކިބުރުވެރިކަމެއް ނޫންކަމަށާއި، އަދި އެއީ ބޮޑާކަމެއް ނޫންކަމަށާއި ޅެންވެރިކަމަކީ، ވިސްނުންތެރިކަމާއެކު ބޭނުންކުރާ ރިވެތި ފަންނުވެރިކަމެއްކަމަށް ޢާމިރު ކިޔައިދެއްވިއެވެ.

އީސަ ފެއްޓެވި ސިލްސިލާ މިމަސައްކަތުގެ ފުރަތަމަ ކޯސް ބޭއްވިފައި ވަނީ ހދ. އަތޮޅަށް އަމާޒު ކުރަށްވައިގެންނެވެ. ނިމުނު އޯގަސްޓުމަހުގެ 18 އިން 26 ށް "ތިލަމަލަސް" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ކޯހުގައި ހދ. އަތޮޅުގެ 10 ސްކޫލަކުން 125 ދަރިވަރުން ބައިވެރިވެ ޅެންވެރިކަމުގެ އަސާސީ ހުނަރުތައް ވަނީ ދަސްކޮށްފައިވެއެވެ.

ޚިޔާލު

Your email address will not be published.

More in ކުޑަ