ކުމުންދޫ ބީޗް ސިޓީގެ ފަރާތުން އެރަށު ނުރެމަގު ސަރަހައްދުގައި ތަރައްޤީކުރި ބީޗް ހުޅުވައި ކައުންސިލާއި ހަވާލުކޮށްފިއެވެ.
"ސަންސެޓް ބީޗް" ނަމުގައި ހުޅުވި މި ހިތްގައިމު ބީޗް ހުޅުވައިދެއްވީ 11 ސެޕްޓެމްބަރ 2020 ވީ ހުކުރު ދުވަހުގެ ހަވީރު އެކަމަށްޓަކައި އެ ސަރަހައްދުގައި ބޭއްވި ކުޑަކުޑަ ރަސްމިއްޔާތެއްގައި ކުމުންދޫ ސްކޫލްގެ އިސްލާމް ޓީޗަރ އަބްދުލް ހަމީދު ޔޫސުފެވެ.

"ރަށުގެ މިފަދަ މުހިންމު ސަރަހައްދެއް ބޭނުންތެރި އަދި ބޭނުންހިފޭ ތަނެއް ގޮތުގައި ބަދަލުވެގެން ދިޔުމަކީ އުފާކުރާ ކަމެއް، މިފަދަ ތަންތަން ސާފުތާހިރުކޮށް ހެޔޮގޮތުގައި ބޭނުން ކުރުމަށް ހުރިހާ ފަރާތްތަކަށް ނަސޭހަތްތެރިވަން، މިފަދަ ބޭނުންތެރި މަސައްކަތެއް ރަށަށް ކޮށްދެއްވީތީ މި މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން" ބީޗް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުލް ހަމީދު ޔޫސުފް ވިދާޅުވެފައިވެއެވެ.

ސަންސެޓް ބީޗް ތަރައްޤީ ކޮށްފައިވަނީ ވަރަށް ވެސް ހިތްޤައިމު ކޮށެވެ. މިގޮތުން އެތަނުގައި ހިމެނޭ ތަންތަނުގެ ތެރޭގައި ޓްރީ ހައުސްއާއި، ކުޑައާއި، ބާބަކިއު ސްޓޭންޑްތަކާއި، ކުޑަކުޑަ ބަދިގެއަކާއި، މޫދަށް އެރިލުމަށްފަހު ފެންވަރާލެވޭނޭ އިންތިޒާމްގެ އިތުރުން ގިނަ އަދަދެއްގެ އުނދޯއްޔާއި ޖޯލިފަތިތައް ވެސް ހިމެނެއެވެ.

Haa Dhaalu Kumundhoo
#VisitThiladhunmathiPosted by Visit Thiladhunmathi on Saturday, September 12, 2020
ސަންސެޓް ބީޗު ތަރައްޤީ ކުރުމުގެ މަސައްކަތުގައި ބީޗު ސިޓީގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވި މުހައްމަދު އިބްރާހީމް(ސަރޭ) ތިލަދުން ނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ސަންސެޓް ބީޗް ކައުންސިލާ ހަވާލުކުރި ނަމަވެސް ކުރިއަށް އޮތްތަނުގައި ތަން ބެލެހެއްޓުމާއި މަރާމާތުކުރުމުގެ މަސައްކަތް ބީޗް ސިޓީގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދާނެ ކަމަށާއި އަދި އެތަން އިތުރަށް ތަރައްޤީކޮށް ފުރިހަމަ ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

ސަންސެޓް ބީޗް ތައްޔާރުކުރުމުގައި ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވާ ކަމަށާއި އެގޮތުން ރަށު ކައުންސިލާއި އަދި މަސައްކަތް ކުރިއަށް ދިޔަ ވަގުތުތަކުގައި ކެއުމާއި ސައި ހަމަޖައްސަވައި ދެއްވި ރައްޔިތުންނާއި، ބީޗް ސިޓީއަށް ނިސްބަތްވާ އެންމެހާ ފަރާތްތައް ދެއްވި އެއްބާރުލުން ފާހަގަކޮށް މި ހުރިހައި ފަރާތްތަކަށް އޭނާ ވަނީ ޝުކުރު ދަންނަވާފައެވެ. މި ބީޗް ތަރައްޤީ ކުރުމަށް ފަނަރަ ހާހަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި ކުމުންދޫ ކައުންސިލްގެ ރައީސް މުހައްމަދު އަމީން ވެސް ބައިވެރިވެ ވަޑައިގެން މި މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ހިތްވަރު ދެއްވައި ޝުކުރު އަދާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!