އަތޮޅުތެރޭގައި ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާތީ ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފި އެވެ.

ރައީސް މިހެން ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗް.އީ.އޯ.ސީ) އަށް މިއަދު ކުރެއްވި ޒިޔާރަތުގައި ހެލްތް އިމަރޖެންސީ ކޯޑިނޭޝަން ކޮމިޓީގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

Ad
rt

ރައީސް ވިދާޅުވީ، މި ދުވަސްވަރު މާލެ ސަރަޙައްދުން ކޯވިޑް-19 ބަލި ޖެހެމުންދާ މީހުންގެ އަދަދުތައް ދަށްވަމުންދިޔަ ނަމަވެސް، ރާއްޖޭގެ އެހެން ސަރަޙައްދުތަކުން މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިޔުމާއިއެކު، އެ ކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެޗް.އީ.އޯ.ސީ.ގެ ބައްލުވުމުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. އަދި، މިއީ ސަރުކާރުން ވެސް މި ވަގުތު އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދޭ އެއް ކަންތައްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޯވިޑް-19 އިޖާބައިގެ ދަށުން މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ބޭފުޅުންނަށް، އަދި ވަކިން ޚާއްޞަކޮށް ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިމަތިވި ދަތި އުނދަގޫ ގޮންޖެހުންތަކާއި، ފިޔަވަޅުތަކާއިއެކު ވެސް އެ ބޭފުޅުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިއަދުގެ ޒިޔާރަތުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެޗް.އީ.އޯ.ސީ.ގައި ގާއިމުކޮށްފައިވާ އެކި މުއައްސަސާތަކުގެ ސްޓޭޝަންތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ. އަދި، އެ މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން ވަނީ އެބޭފުޅުންގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.