ބ. އަތޮޅު ކުޑަރިކިލު، ދޮންފަނު އަދި ކިހާދޫގެ ލަފާފުރުމުގެ ޒަމާންވީ މައްސަލަ ހައްލުކުރުމަށް އެރަށްތަކުގެ ބަނދަރު ހެދުމުގެ މަޝްރޫޢުތަކުގެ މަސައްކަތް އެމްޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.
މިއަދުން ފެށިގެން 381 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، ޖުމުލަ 108.3 މިލިޔަން ރުފިޔާ ހަރަދުކޮށް ހިންގާ މިމަޝްރޫއުތަކުގެ 77 ޕަސެންޓް ފައިސާ ހަމަޖެހިފައި ވަނީ އޮފިޑުން ކަމަށް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ނިސްޓްރީން ވަނީ ބުނެފަ އެވެ.
ދިވެހި ސަރުކާރުން މި މަޝްރޫޢުތަކުގެ 23 ޕަސެންޓް ޚަރަދު ކުރާނެ ކަމަށް ވެސް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން ކުޑަރިކިލު ބަނދަރު މަޝްރޫއު ހަވާލުކޮށްފައި ވަނީ 33،215،485.13 ރުފިޔާ އަށެވެ. މި މަޝްރޫޢުގެ ދަށުން ކުޑަރިކިލުގައި 246 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި ލުމާއި 316 މީޓަރުގެ އެއްގަމު ތޮށިލުމުގެ އިތުރުން ދެ ނެރު ބައްތި އާއި 16 ބަނދަރު ބައްތި އަދި 1580 ސްކެއާ މީޓަރުގެ ޕޭވްމަންޓަކާއި އަށް މޫރިން ބްލޮކްސްގެ އިތުރުން 565،23 ކިއުބިކް މީޓަރުގެ ސަރަހައްދެއް ވެސް ފުންކުރާނެ އެވެ. އަދި ނެރު، 1500 ކިއުބިކް މީޓަރަށް ފުންކުރަން ނިންމާފައިވާއިރު 215 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ދޮންފަނު ބަނދަރު މަޝްރޫއު ހަވާލުކޮށްފައި ވަނީ 31،731،103.53 ރުފިޔާއަށެވެ. މި މަޝްރޫޢުގެ ދަށުން ދޮންފަނުގައި 204 މީޓަރުގެ ބޮޑުހިލަ ބޭރު ތޮއްޓެއްލުމާއި 362 މީޓަރުގެ އެއްގަމު ތޮއްޓެއްލުމާއި 20 ނެރު ބައްތީގެ އިތުރުން 18 ބަނދަރު ބައްތި ޖަހައި، 1810 ސްކެއާ މީޓަރުގެ ޕޭމަންޓެއްލުމާއި ފަސް މޫރިން ބްލޮކްސް އާއި 380،28 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމަށް ވަނީ ނިންމާފައެވެ. އޭގެއިތުރުން ނެރު 500 ކިއުބިކް މީޓަރަށް ފުން ކުރުމާއި 106 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާނެ އެވެ.
ކިހާދޫ ބަނދަރު މަޝްރޫއު ހަވާލުކޮށްފައި ވަނީ 43،381،648.33 ރުފިޔާއަށެވެ. މި މަޝްރޫޢުގެ ދަށުން ކިހާދޫގައި 350 މީޓަރުގެ ބޮޑުހިލަ ބޭރު ތޮށިލުމާއި 320 މީޓަރުގެ އެއްގަމު ތޮށިލުމުގެ އިތުރުން ދެ ނެރުބައްތި އާއި 17 ބަނދަރު ބައްތި ހަރުކުރާނެ އެވެ. އަދި 1600 ސްކެއާ މީޓަރު ޕޭމަންޓެއްލުމާއި 22 މޫރިން ބްލޮކްސް އަދި 40،700 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުން ހިމެނެ އެވެ. އަދި 6000 ކިއުބިކް މީޓަރަށް ނެރު ފުން ކުރުމަށް ނިންމާފައިވާއިރު 225 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވެއެވެ.
އެކަމަށް ޓަކައި މިއަދު ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މަސައްކަތުގެ އެއްބަސްވުމުގައި އެ ނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!