ކަނޑައެޅިފައިވާ ވަގުތުގައި ކުނި ބޭރަށް ނެރުމަށް ވެމްކޯއިން އެދިއްޖެ

4661D849-59D0-4FA0-B045-0C5C47F08226

ކުނި ނަގަން ކަނޑައަޅާފައިވާ ވަގުތުތައް ނޫން ވަގުތު ތަކުގައި ބައެއް ފަރާތްތަކުން މަގުމައްޗަށް ކުނި ނެރެމުން އަންނާތީ އެކަން އެގޮތައް ނުކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިލްތިމާސް ކުރައްވައިފި އެވެ.

ވެމްކޯގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވެމްކޯގެ ވޭސްޓް ކަލެކްޝަން މޭނޭޖަރު މުހައްމަދު ޝާން ވިދާޅުވީ ވެމްކޯ އިން ދަނީ އެއްވެސް ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ކަމަށާއި ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެންމެންގެ ރައްކައުތެރި ކަމަށްޓަކައި ގޭގެ އަށް ނުވަދެ ކުނި ނެގުމަށް ގޭގެ ދޮރުމަތިން ކުނި ބެހެއްޓުމަށް އަންގާފައިވާ ކަމަށެވެ.

އެހެންނަމަވެސް ފަތިސް ގަޑީގައާއި ރޭގަނޑު އަދި ދަންވަރުގައި ކުނި ނެރޭ ކަމަށާއި އެގޮތަށް ކަންތައް ނުކުރުމަށް ޝާން ވަނީ އިލްތިމާސްކުރައްވާފައެވެ. މިގޮތައް ކުނި ނެރުމުން އާންމުންނަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިވެ މަގުތައް ގޮންޑުވާކަން އެފަރާތުން ވަނީ ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން ބައެއް ފަހަރު ފިހާރަތަކާއި، ކެފޭ އަދި ރެސްޓޯރެންޓްތަކުން ނެރޭ ކުނި ގޭބީސީތަކުން ނެރޭ ކުންޏާއި އެއްކޮށްފައި ބަހައްޓާކަން ފާހަގަ ކުރެވޭ ކަންވެސް ފާހަގަ ކުރެވިފައިވާކަމަށް ވިދާޅުވި އެވެ.

ގޭބީސީތަކުން ނެރޭ ކުނި އުކާލުމަށް ހަމަޖެހިފައިވާ ގަޑި އަކީ މެންދުރު 12:00ން މެންދުރު ފަހު 14:00 އަށެވެ. އަދި ވިޔަފާރިތަކަށް ކުނި އުކާލުމުގެ ޚިދުމަތްދޭ ގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހެނދުނު 9:00ން މެންދުރު 12:00ށް އަދި ރޭގަނޑު 7:00ން 9:30 އަށެވެ.

ފަހަކަށް އައިސް މާލޭ ސިޓީގެ މަގުތަކުގައި އެކި ހިސާބުތަކުގައި ކުނި ފުނި ޖައްސާފައި ހުންނަ ކަން ފާހަގަ ކުރެވޭ ކަމަށް ވެމްކޯ އިން ބުނެއެވެ.

މީގެ އިތުރުން ކުނި ބަންދު ކުރާއިރު ދެ ކޮތަޅަށް ލުމާއި, ލީކުވާ ތަކެތި ނުހުންނަ ގޮތަށް ކުނި ބަންދު ކުރުމާއި ކޮމާޝަލް ކުނީގެ ގޮތުގައި ހިމެނޭ ކުނި (އަވަން، ގޭސް އުންދުން، އިސްތިރި) ފަދަ ތަކެތި އުކާލުމަށް ވަކިން އެދުމަށް ވަނީ ވެމްކޯ އިން އިލްތިމާސް ކޮށްފައެވެ.

ކުންޏާއި ބެހޭ ހުރިހާ ޚިދުމަތެއް ރައްޔިތުންނަށް އެންމެ ފުރިހަމަ އަށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އެހެންކަމުން މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް ވެމްކޯއިން ވަނީ އެދިފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި