ޕްރޮފެޝަނަލް ޓީޗަރސް އޮފް މޯލްޑިވްސް (ޕީޓީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ "ޤައުމީ މަންހަޖުގެ ހިޔަލުގައި ފުރިހަމަ ފިލާވަޅެއް ރޭވުން" ސެޝަނަށް ބޮޑު ތަރުހީބެއްލިބި، ތަޢުލީމީ ދާއިރާގެ އިތުރު ފަރާތްތަކަށް ވެސް އެ ސެޝަންގައި ބައިވެރިވޭގޮތަށް ފަހިކޮށްދީފިއެވެ.
މި ސެޝަން ބާއްވަން ޕީޓީއެމްއިން ނިންމާފައި ވަނީ 11 ސެޕްޓެމްބަރ 2020 ދުވަހުގެ ރެއެވެ. މިހާރު ހުޅުވާލާފައިވާ ފުރުޞަތަށް ބޮޑުތަރުހީބެއް ލިބިފައިވާއިރު، އެ ސެޝަންގައި ބައިވެރިވުމަށް އެދި 600 އަށްވުރެ މުދައްރިސުން ވަނީ މިހާތަނަށް ފޯމް ހުށަހަޅުއްވާފައެވެ.
ޕީޓީއެމްއިން ބުނީ މި ހުރިހާ ފަރާތްތަކަށް ފުރުޞަތު ދިނުމާއެކު، ޝައުޤުވެރިކަން ފާޅުކުރައްވަމުން ގެންދަވާ، އިތުރު ފަރާތްތަކަށްވެސް ފުރުޞަތު ދިނުމަށްޓަކައި، ސެޝަން ބާއްވާ ގޮތަށް ބަދަލުގެންނަން މިހާރު ނިންމާފައި ވާކަމަށެވެ.
އެގޮތުން ޓީޗިންގ ކޯސް ފުރިހަމަ ކުރައްވަމުންދާ ބޭފުޅުންނާއި، ޕްރިންސިޕަލުން ފަދަ އިތުރު ފަރާތްތަކަށް ބައިވެރިވެވޭގޮތަށް އެ ސެޝަންގައި ބައިވެރިވުމަށް އެދޭ ފޯމް ބަދަލުކޮށްފައިވާނެ ކަމަށާއި، އިތުރު ފުރުޞަތު ދެވުނު ފަރާތްތަކުގެ ތެރެއިން ޝައުޤުވެރިވެލައްވާ ބޭފުޅުން ފޯމް ހުށަހެޅުއްވުމަށް އެދޭ ކަމަށް ޕީޓީއެމްއިން ބުނެފައި ވެއެވެ.
"ގޫގުލް މީޓް މެދުވެރިކޮށް ބޭއްވުމަށް ކުރިން ރޭވިފައިވިޔަސް، މިހާރު މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ، ގިނަ ފަރާތްތަކަށް އެއްފަހަރާ ބައިވެރިވެވޭފަދަ ޕްލެޓްފޯމެއްގައެވެ. އެހެން އެއީ އިތުރު އެޕްލިކޭޝަނެއް އަޅަން ނުޖެހޭ، ލިންކު ބްރޯޒާއިން ވަދެވޭ (ވެބްބޭސްޑް) ޕްލެޓްފޯމެކެވެ." ޕީޓީއެމްއިން ބުނެފައި ވެއެވެ.
"މި ސެޝަންގައި ބައިވެރިވާ ލިންކާއި، ބައިވެރިން ފުރިހަމަކުރަންޖެހޭ އިތުރު ކަންތައްތައް ހިމެނޭ އިރުޝާދުތައް ފޯމް ހުށަހެޅުއްވި ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. އެހެންކަމުން ފޯމް ހުށަހަޅުއްވާ ބޭފުޅުން އީމެއިލް ޗެކްކުރެއްވުން އެދެމެވެ. އިންބޮކްސް އަށް މެއިލް ނުލިބޭނަމަ ޖަންކް/ ސްޕަމް ފޯލްޑަރ ބެއްލެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ." ޕީޓީއެމް އިން އިތުރަށް ބުނެފައި ވެއެވެ.
We will be privileged to have @shuhudhar to deliver the Keynote Address
ބައިވެރިވުމަށް އެދޭ ފޯމް https://t.co/ldbBMdDLj9 (ބައިވެރިވުން ހިލޭ)
މަޢުލޫމާތު ކަރުދާސް https://t.co/6jaanWu3Ob
"Enhance Instructional Planning" workshop pic.twitter.com/lr1IONtL6F— Professional Teachers of Maldives (@TeachersMv) September 8, 2020
ޕީޓީއެމްއިން ވަނީ ގިނަބަޔަކަށް އެއްފަހަރާ ކުރިއަށް ގެންދެވޭ މި ވީޑިއޯ ކޮންފަރެންސް ޕްލެޓްފޯމްގެ ޚިދުމަތް ހަމަޖެއްސުމުގެ މަގު ފަހިކޮށްދެއްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޢަބްދުﷲ ރަޝީދު އަޙްމަދު ވެދެއްވި އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވާފައިއެވެ.
ޕީޓީއެމްއިން އަންނަނީ އެ ޖަމްޢިއްޔާ އުފެދިގެން މިވީ ކުރު މުއްދަތުގައި ވެސް ތަޢުލީމީދާއިރާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ރާވައި ހިންގަމުންނެވެ.
ޕްރޮފެޝަނަލް ޓީޗަރސް އޮފް މޯލްޑިވްސް ޖަމްޢިއްޔާއަކީ ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތްކުރުމުގެ މަޤްޞަދުގައި އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. އެ ޖަމްޢިއްޔާގެ މޮޓޯ އަކީ "މަސްއޫލިއްޔަތު، އިޚްލާޞްތެރިކަން، ޙައްޤުތައް" އެވެ.
އެ ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ތަޢުލީމް ދިނުމުގެ ނިޒާމް ހަރުދަނާކޮށް ތަރައްޤީކުރުމަށް އެހީތެރިވެ ދިނުމާއި، މުދައްރިސުންނާއި ބެލެނިވެރިންނާއި ދަރިވަރުންގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތްކުރުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް ހިންގުމެވެ. އަދި އެ އަމާޒުތައް ޙާޞިލްކުރުމުގައި ސްކޫލް މަދަރުސާތަކާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ގުޅިގެން މަސައްކަތްކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!