އަވަށްޓެރި އިންޑިއާއިން ރާއްޖެއަށް ފަތުރުވެރިން ގެނައުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާ ކުރެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއާއި، އިންޑިއާއިން ރާއްޖެއަށް ކަނަޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރްއާއެކު ބޭއްވި ބައްދަލު ކުރެއްވުމެއްގައެވެ.

Ad
rt

އިއްޔެ ޓޫރިޒަމް މިނިސްޓްރީގައި އޮތް އެ ބައްދަލުކުރެއްވުމާއި ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީއިން ބުނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއާއި، އިންޑިއާއިން ރާއްޖެއަށް ކަނަޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރްއާއި ބައްދަލު ކުރަށްވާފައި ވާކަމަށެވެ.

އެ ބައްދަލުވުމުގައި އިންޑިއާއިން ރާއްޖެއަށް ފަތުރުވެރިން ގެނައުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީއިން ބުންޏެވެ.

މީގެ އިތުރުން އެ މަޝްވަރާގެ ބައްދަލުވުމުގައި އިންޑިއާގެ އިންވެސްޓަރުންގެ އެހީގައި ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގައި އިންސާނީ ވަސީލަތް ތަރައްގީކުރުމާއި ގުޅޭގޮތުން ސަފީރު ސަންޖޭ ސުދީރްއާއެކު މިނިސްޓަރު ވަނީ ގިނަ މަޝްވަރާތަކެއް ކުރައްވާފައި ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ބުންޏެވެ.

އިންޑިއާއިން ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް އިންޑިއާގެ ފަތުރުވެރިކަމުގެ މާކެޓަށް ރާއްޖެ އިޝްތިހާރު ކުރުމަށް މީގެ ކުރިން ވަނީ ފޮރިން މިނިސްޓްރީއާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި، ޓޫރިޒަމް މިނިސްޓްރީ އަދި އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނާއި އަދި ޓްރިވެންޑްރަމްގައި ހުންނަ ކޮންސިއުލޭޓު ގުޅިގެން ވެބިނާއެއްވެސް ވަނީ ބާއްވާފައެވެ. އެ ވެބިނާގައި ކޮވިޑް-19 ގެ ހާލަތުގައި ރާއްޖެއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ ހިއްސާކޮށްފައިވެއެވެ.

ރާއްޖެއަކީ އިންޑިއާގެ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ. އަދި އިންޑިއާއިން ފަތުރުވެރިން އަންނަ އަދަދު އަންނަނީ ހަލުވިކަމާއިއެކު އިތުރުވަމުންނެވެ. ކޯވިޑްގެ ހާލަތަށް ފަހުވެސް، އިންޑިއާގެ އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަން ބޭނުންވާ މަންޒިލަކީ ރާއްޖެކަން ވަނީ ސާވޭއަކުން ހާމަވެފައެވެ.

ކޯވިޑްގެ ކުރިން ވެސް އިންޑިއާއަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ގައުމު ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.