ޔުއެފާ ނޭޝަންސް ލީގުގައި ރޭ ޕޯޗުގަލްއާއި ސްވިޑަން ބައްދަލު ކުރި މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއިއެކު ޤައުމީ ޓީމަށް 100 ލަނޑު ޖަހައިދިން ޔޫރަޕްގެ ފުރަތަމަ ކުޅުންތިރިއަކަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ
ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ސްވިޑެން އަތުން އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.
ސްވިޑެންގައި ކުޅުނު މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ޕޯޗުގަލްއިން ވަނީ ފުރަތަމަ ހާފުގައި ވެސް ސްވިޑަންގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ލަނޑުޖަހައި ޕޯޗުގަލްއިން ލީޑުނެގިއިރު މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ކެޕްޓަން ރޮނާލްޑޯއެވެ. ރޮނާލްޑޯގެ މިލަނޑާއިއެކު އޭނާ ޤައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 100 އަށް އަރާފައެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-0 ގެ ނަތީޖާއިން ޕޯޗުގަލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފު ސްވިޑެންގެ މިޑްފީލްޑަރު ގުސްޓާވް ސްވެންސަންއަށް ދެވަނަ ރީނދޫ ކާޑާއި އެކު ރަތް ކާޑު ދެއްކުމާއި ގުޅިގެން މެޗުގެ ބޮޑުބައި އެ ޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އޭގެ ފައިދާނަގައި ޕޯޗުގަލްއިންވަނީ މެޗުގެ ފަހުހާފުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މެޗުގެ 72 ވަނަ މިނެޓުގައި ރޮނާލްޑޯ އިތުރު ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ވަނީ 2-0 އަށް ބަދަލުކޮށްލާފައެވެ. މި ލަނޑާއިއެކު ރޮނާލްޑޯ ޤައުމީ ޖޯޒީގައި ޖެހި ގޯލުގެ އަދަދު ވަނީ 101 އަށް އަރާފައެވެ.
މިވަގުތު ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް އޮތީ އިރާންގެ ކުރީގެ ކެޕްޓަން އަލީ ދާއީގެ އަތުގައެވެ. އޭނާ ޤައުމީ ޓީމަށް 109 ލަނޑު ޖަހައިދީފައިވާއިރު ރޮނާލްޑޯއާއި އަލީދާއީއާއި ދެމެދު ވަނީ 8 ގޯލުގެ ތަފާތެކެވެ. ރޭގެ މެޗަކީ ޕޯޗުގަލްގެ ޖޯޒީގައި ރޮނާލްޑޯ ކުޅުނު 165 ވަނަ މެޗެވެ.
ޔުއެފާ ނޭޝަންސް ލީގުގެ، ލީގު އޭގެ ގުރޫޕް ތިނެއްގައި ރޭ ފްރާންސާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ފްރާންސް ކާމިޔާބު ކޮށްފައިވަނީ 4-2 ގެ ނަތީޖާއިންނެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ކޮރޭޝިއާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު ޑޭޔާން ލޮވްރެން ވަނީ ލަނޑެއް ޖަހާ ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ނަގާފައެވެ. ފުރާންސް ކޮޅަށް ވަތް ލަނޑާއިއެކު އެ ޓީމުންވަނީ ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ލަނޑު ޖަހާފައެވެ. އެ ޓީމަށް ފުރަތަމަ ލަނޑު 43 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ފޯވާޑް ގްރީޒްމަނެވެ. ފްރާންސްގެ ދެވަނަ ލަނޑަކީ ކްރޮއޭޝިއާގެ ޑޮމިނިކް ލިވަކޮވިޗް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މި ލަނޑާއިއެކު ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 2-1 ގެ ނަތީޖާއަކުން ފުރާންސް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ކޮރޭޝިއާއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯސިޕް ބްރެކަލޯއެވެ. ނަމަވެސް އޭގެ 10 މިނެޓު ފަހުން ފްރާންސުން ވަނީ އަލުން ލީޑު ނަގާފައެވެ. މި ލަނޑު ގްރީޒްމަންގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެޔޮޓް އުޕަމެކާނޯއެވެ. އަދި ފްރާންސުން މެޗުގައި ލީޑު ފުޅާކުރީ 77 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އޮލިވިއޭ ޖިރޫޑްއެވެ.
މި ނަތީޖާތަކާއެކު ލީގު އޭ ގްރޫޕް ތިނެއްގެ އެއްވަނައިގައި އޮތް ޕޯޗުގަލް އާއި ދެވަނައިގައި އޮތް ފްރާންސަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް ސްވިޑެން އާއި ފުލުގައި އޮތް ކޮރޭޝިއާއަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުން އިތުރު މެޗުތަކުގެ ނަތީޖާ
- އާމޭނިއާ 2 – 0 އެސްޓޯނިއާ
- ޖޯޖިއާ 0 – 0 ނޯތު މެސަޑޯނިއާ
- ބެލްޖިއަމް 5 – 1 އައިސްލެންޑް
- ޑެންމާކު 0 – 0 އިނގްލެންޑް
- ސައިޕްރަސް 0 – 1 އަޒަރުބައިޖާން
- ލަކްސެމްބާގު 0 – 1 މޮންޓެނީގުރޯ
- ސަންމަރީނޯ 0 – 2 ލިއެޗްޓެންސްޓެއިން
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!