އިއްޔެވެސް ރައީސް ވަޙީދު ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާ ކަމަށާއި، ސަރުކާރުގެ މިފަދަ އަމަލުތަކަކީ އިދިކޮޅު ފަރާތްތަކަށް ބިރުދެއްކުމާއި، ގޯނާކުރުމާއި، ސިޔާސީ ހަރަކާތް ހިންގުން ހަނިކޮށް، ދަތިކުރުމަށްޓަކައި ހިންގަމުންދާ އަމަލުތައްކަމަށް ދެކޭކަމަށް ރައީސް ވަޙީދުގެ އޮފީހުން ބުނެފިއެވެ.

ރައީސް ވަޙީދުގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސިޔާސީ ކަންކަމުގައި ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން ހަރަކާތްތެރިވެ ވަޑައިގަންނަވަމުން ގެންދަވާތީ، އެކަމާއި ގުޅޭގޮތުން އިއްޔެ ހަވީރު 4:00 ގައި އެމަނިކުފާނު 2 ވަނަ ފަހަރަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެ ވަޑައިގެންފި ކަމަށެވެ.

Ad
rt

ސަރުކާރުގެ މިފަދަ އަމަލުތަކަކީ އިދިކޮޅު ފަރާތްތަކަށް ބިރުދެއްކުމާއި، ގޯނާކުރުމާއި، ސިޔާސީ ހަރަކާތް ހިންގުން ހަނިކޮށް، ދަތިކުރުމަށްޓަކައި ސަރުކާރު އިސްވެއޮވެ ހިންގަމުންދާ އަމަލުތައްކަމަށް ޤަބޫލުކުރެވޭ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ފުލުހުންގެ އިދާރާއަށް ރައީސް ވަޙީދު ޙާޟިރުވެ ވަޑައިގަތުމުން، އެމަނިކުފާނާ ސުވާލުކުރެވުނީ 2020
އޯގަސްޓް 28 ވީ ހުކުރު ދުވަހުގެ ހަވީރު "ޕްރޮގްރެސިވް ކޯލިޝަން" އިން "ޤައުމު ވިއްކާލުމާއި ދެކޮޅަށް" މިނަމުގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމާއި ގުޅޭގޮތުން ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

" އެމަނިކުފާނާމެދު މިހާރު ކުރަމުންދާ، ޤާނޫނާއި ޚިލާފުވިކަމުގެ ތުހުމަތުތަކަށް އެމަނިކުފާނު އިންކާރުކުރައްވައެވެ. ހަމައެހެންމެ، އެމަނިކުފާނާއެކު އިދިކޮޅު ސިޔާސީ އިސް ފަރާތްތައް ފުލުހުންގެ އިދާރާއަށް ޙާޟިރުކުރައްވަމުން ގެންދަވާ ގެންދެވުން ކުށްވެރިވެސްކުރައްވައެވެ." އެބަޔާނުގައި ބުނެފައި ވެއެވެ.

"ޖަވާބުދާރީވުމަށް ފުލުހުންގެ އިދާރާއަށް މީގެ ކުރިން އެމަނިކުފާނު ޙާޟިރުކުރެވުނީ، ރާއްޖޭގައި ސިޔާސީ
މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަންވާނެކަމަށް ވަކާލާތުކުރެއްވުމާގުޅިގެން، މީގެ 30 އަހަރު
ކުރިންނެވެ. ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ޤައުމީ ކާރިސާއާ ގުޅިގެން، އާންމު ފަރުދުންގެ އަތްމަތި ދަތިވަމުންދާ މިދަނޑިވަޅުގައި، އެރައްޔިތުންނަށް ޤާނޫނު އަސާސީން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ފާޅުކުރައްވަމުންދާ ކަންބޮޑުވުންތައް ހުއްޓުވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ ކަންކަމުން، ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީގެ ނާޤާބިލުކަން ވަރަށް ރަނގަޅަށް ދޭހަވެއެވެ.

ދިވެހި ބަހާއި، އިނގިރޭސިބަހުން ނެރުއްވާފައިވާ އެ ބަޔާނުގައި ބުނެފައި ވެއެވެ.

ރައީސް ވަހީދު އިއްޔެ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. ފުލުސް އޮފީހުން ނުކުމެ ވަޑައިގެން ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު ފުލުހަށް ހާޒިރު ކުރެއްވީ އާންމު ސިއްހަތުގެ އުސޫލާއި ހިލާފަށް މާސްކު ނާޅުއްވައި ހުންނެވި ކަމަށް ތުހުމަތުކޮށް ކަަމަށާ ފުލުސް އޮފީހަށް ހާޒިރުކުރުމަށް ފަހު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އޯގަސްޓް 28 ވަނަ ދުވަހު އިދިކޮޅު ކޯލިޝަނުން ބޭއްވި ސައިކަލް ބުރު ނިންމާލުމުގެ ގޮތުން ޕީޕީއެމް އޮފީސް ކުރިމަތީ އެއްވެފައިތިބި މީހުންނާއި މުހާތަބުކޮށް ރައީސް ވަހީދު ވަނީ ވާހަކަފުޅުދައްކަވާފައެވެ. އަދި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

ގިނަ ޢަދަދެއްގެ މީހުންނާއިއެކު އިދިކޮޅު ކޯލިޝަންގެ ޒުވާނުން މިއަދު ބޭއްވި އެ ސައިކަލް ބުރުގަައި ގިނަ ބަޔަކު ތިބީ މާސްކު އަޅައިގެންނެވެ. ނަމަވެސް އެއްވެސް ވަރަކަށް ގައިދުރުކަން ބަހައްޓާފައެއް ނުވެއެވެ.

ކޯވިޑް ބަލި މީހުން ރެކޯޑް އަދަދަކަށް ފެންނަމުންދާއިރު ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެ ގޮތުން ބޭރުގައި އުޅޭއިރު މާސްކު އެޅުމާއި ގިނަ ބަޔަކު އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ކޯވިޑާއި ގުޅިގެން އެމަސައްކަތުގައި އުޅުއްވާ ޑޮކްޓަރުން ގެންދަވަނީ ދެވަނަ ލޮކްޑައުނަކަށް ދާން ފުރުޞަތު ނުދީ ފަރުދީ ޒިންމާ އަދާކުރުމަށް އާދޭސް ކުރަމުންނެވެ.