އެމްޑަބްލިއުއެސްސީއިން މާލޭ ސިޓީގައި ފެން ރައްކާ ކުރުމުގެ ގާބިލުކަން އިތުރުކުރަނީ

MD Saah

މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން މާލޭ ސިޓީގައި ފެން ރައްކާ ކުރާ އިތުރު ދެ ތާންގި ބެހެއްޓުމުގެ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތަކީ އެ ކުންފުނިން ހިންގާ "ވޯޓާ ސެކިއުރިޓީ ޕްލޭނިން"ގެ ދަށުން މާލޭ ސިޓީގައި ކުރިއަށް ގެންދާ މަސައްކަތެކެވެ.

އިއްޔެ އެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވާފައިވަނީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުގެ އިތުރުން ކުންފުނީގެ މެނޭޖްމެންޓް ބޭފުޅުންނެވެ.

މި މަޝްރޫއުގެ މަގްސަދަކީ މާލޭގައި އެ ކުންފުނިން ފެން ރައްކާކުރެވޭ މިންވަރު އިތުރުކޮށް މެދުކެނޑުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ސާފު ބޯފެން ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ މި ދެ ތާންގީ ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ކުރިން އެސްޓީއޯގެ ރެޑީ މިކްސް ކޮންކްރީޓް މަސައްކަތް ކުރަމުން އައި މާލޭގެ 378 ނަމްބަރު ކޮށީގައި ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ދެ ތާންގީގެ އިތުރުން ފެން ފޯރުކޮށްދިނުމަށް ޕަމްޕް ރޫމެއް ގާއިމުކުރާނެ އެވެ. އަލަށް ބަހައްޓާ ދެ ތާންގީން ކުރެ ކޮންމެ ތާންގީ އަކުވެސް 13،648 ކިއުބިކް މީޓަރުގެ ފެން ރައްކާކުރެވޭނެ ކަމަށް ފެން ކުންފުނީން ބުނެއެވެ. އަދި މިމަސައްކަތްތައް ނިމުމުން އެމްޑަބްލިޔުއެސްސީ އިން މާލޭ ސިޓީގައި ފެން ރައްކާކުރެވޭ މިންވަރު ޖުމްލަ 50،296 ކިޔުބިކް މީޓަރަށް އިތުރުވެގެންދާނެ ކަމަށްވެސް ބުންޏެވެ.

އެ މަޝްރޫއު ނިންމާލުމަށް ކަނޑައަޅާފައިވަނީ ތާރީހަކީ އަންނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށެވެ. އެ މަސައްކަތަށް ޖުމްލަ 82 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެކުންފުނީން ބުނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި