ހއ. އުތީމުގައި ވޮލީ ބޯޅަ ކޯޗިން ކޭމްޕެއް ބޭއްވުމަށް ނިންމައި، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އުތީމުގައި މި ބާއްވާ ވޮލީ ބޯޅަ ކޯޗިން ކޭމްޕަކީ އުތީމު ކައުންސިލާއި، އުތީމު ޕޮލިސް ޑެސްކާއި އަދި އުތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ބާއްވާ ވޮލީ ކޯޗިން ކޭމްޕެކެވެ.
މި ކޯޗިން ކޭމްޕް ކުރިއަށް ގެންދަން ނިންމާފައި ވަނީ 24 ސެޕްޓެމްބަރު 2020 އިން 3 އޮކްޓޯބަރު 2020 އަށެވެ. އަދި މިވޮލީ ކޯޗިން ކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 އާއި ހަމައަށް ހުޅުވާ ލައިފައެވެ.
މި ކޯޗިން ކޭމްޕަކީ ހއ. އަތޮޅު ޕޮލިސް ކޮމާންޑަރު، ސަބް އިނިސްޕެކްޓަރ އޮފް ޕޮލިސް އިބްރާޙީމް ވަޙީދުގެ ވަރަށް ބޮޑު އެހީތެރިކަމަކާއިއެކު ރާވާ ހިންގޭ ކޯޗިން ކޭމްޕެއްކަމަށް އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު "ތލަދުން" އަށް ވިދާޅުވިއެވެ.
" ރަށުގެ އަންހެން ކަނބަލުން ވަރަށް ފޯރިއާއިއެކު ވޮލީ ކުޅެމުން ދަނީ، މި ދުވަސްވަރަކީ ކޯވިޑްގެ ސަބަބުން ގިނަ ޢަދަދެއްގެ ރައްޔިތުން ރަށުގައި ތިބި ދުވަސްވަރެއް، އެހެން ކަމުން ރައްޔިތުން ދުޅަހެޔޮކަން މަތީ ތިބުމަށް ކުޅިވަރާއި، ކަސްރަތަކީ ވަރަށް މުހިންމު ކަންކަމަށް ވާތީ، މި ފަދަ ކޯޗިން ކޭމެޕެއް ތެރެއިން އެކަންކަން ހާސިލްވާނެތީއާއިއެކު މިކަން ކުރާގޮތަށް މި ނިންމީ" އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވިދާޅުވިއެވެ.
ޢަބުދުﷲ ރަޝީދު ވިދާޅުވީ މި ކޯޗިން ކޭމްޕްގައި ތަމްރީނުތައް ދެއްވާނީ ޕޮލިސްގެ ވޮލީ ކޯޗެއް ކަމަށެވެ. އަދި މި ކޯޗިން ކޭމްޕް ހިންގުމުގައި އެންމެ އިސްދައުރެއް އަދާ ކުރަނީ އުތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ކަމަށް ވެސް ރަޝީދު ވިދާޅުވިއެވެ. އަދި ރަށުގެ ކަނބަލުންގެ އިސްނެގުމާއި އެކު ކައުންސިލާއި ޕޮލިސް ޑެސްކް ގުޅިގެން ވީހާވެސް ކާމިޔާބު ކޭމްޕަކަށް މި ކޭމްޕް ހެދުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ވެސް ރަޝީދު ވިދާޅުވިއެވެ.
"ކޭމްޕްގައި ބައިވެރިވާން މިއޮތީ ހުޅުވާލާފައި، ދެ ޖިންސަށްވެސް ފުރުޞަތު އޮންނާނެ، އެކަށޭނަ ބައިވެރިން ލިބިއްޖެ ނަމަ ދެ ޖިންސަށް ވެސް މި ކޭމްޕް ގެންދާނަން، މިވަގުތު ފޯރިއާއިއެކު ވޮލީ ކުޅެމުން އަންނަނީ ރަށުގެ ކަނބަލުން ކަމަށްވާތީ، ކަނބަލުން ބައިވެރިވާނެކަން އެއީ ޔަޤީންކަމެއް" ރަޝީދު އިތުރަށް ވިދާޅުވިއެވެ.
މި ކޯޗިން ކޭމްޕްގައި ބައިވެރިވާން އެދޭ އުތީމު ރައްޔިތުން 7920038 ނަމްބަރު ފޯނަށް ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަމްބަރާއި، އެޑްރެސް އަދި ގުޅޭނެ ފޯނު ނަމްބަރެއް ޖައްސަވައި މެސެޖް ކުރަށްވައިގެން ނުވަތަ ވައިބަރ ކުރަށްވައިގެން ވެސް ބައިވެރިވުމުގެ ފުރުޞަތު ލިބޭ ގޮތަށް ވަނީ ހަމަ ޖައްސާފައެވެ. އަދި 7920038 ނަމްބަރު ފޯނަށް ގުޅުއްވައިގެން ވެސް މި ކޯޗިން ކޭމްޕްގައި ބައިވެރި ވުމުގެ ފުރުޞަތު ލިބެއެވެ.
މި ކޯޗިން ކޭމްޕްގައި ސްކޫލް ދަރިވަރުންނަށް ވެސް ބައިވެރި ވެވޭނެއެވެ. މި ކޭމްޕްގައި ބައިވެރިވާން ބޭނުންވާ ސްކޫލް ދަރިވަރުން ސްކޫލާއި، ބެލެނިވެރިންގެ އިއުތިރާޒެއް ނެތްކަމުގެ ސިޓީ ހުށަހެޅުމުން ކޭމްޕްގައި ބައިވެރިވޭ ގޮތަށް ވަނީ ހަމަ ޖައްސާފައިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!