ހދ. ނޭކުރެންދޫ ރައްޔިތުން އާންމުކޮށް މޫދަށްއެރި އުޅޭ ސަރަޙައްދުން ފެންވެރޭނޭގޮތް އެރަށު "ފަތިސް ޔުނައިޓެޑް" އިން ފަހިކޮށްދީފިއެވެ.

ނޭކުރެންދޫ ފަތިސް ޔުނައިޓެޑުން އިސްނަގައިގެން އެރަށުގެ ކައުންސިލާއި ގުޅިގެން ކުރި މި މަސައްކަތަކީ ރަށުގެ ރަަށްޔިތުންނަށް ބޭނުންތެރި، ހަދިޔާއެއް ދިނުމުގެ ގޮތުން ކުރި މަސައްކަތެއްކަމަށް އެޓީމުން ބުންޏެވެ.

Ad
rt

ނޭކުރެންދޫ ކުރީގެ ނެރާއި ދިމާ، ކައުންސިލާއި ވެސް ދިމާގައި އޮންނަ އެރަށު މީހުން އާންމުކޮށް މޫދަށްއެރި، މަޖާކޮށްލާ އުޅޭ އެސަރަހައްދުން، މޫދަށް އެރިލުމަށްފަހު ފެންވެރޭނޭގޮތް ފަތިސް ޔުނައިޓެޑުން މި ވަނީ ހަމަޖައްސައިދީފައެވެ.

"މިއީ ރަށުގެ ދޮށީ އުމުރު މީހުން މޫދަށްއެރި ކަސްރަތު ކޮށްލުމަށްފަހު ފެންވެރޭނެ ގޮތް ހެދުމަށާއި، ކުޑަކުދިންނާއި ޢާއިލާތައް މޫދަށް އެރިލުމަށްފަހު ފެން ވެރޭނެގޮތް ހަދައި ދިނުމަށް ހެދިތަނެއް، ޖުމްލަކޮށް ބުންނަންޏާ މިއީ ރަށުގެ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވެސް ފަތިސް ޔުނައިޓެޑުގެ ފަރާތުން ދިން ހަދިޔާއެއް" ފަތިސް ޔުނައިޓެޑަށް ނިސްބަތްވާ، ނޭ ކުރެންދޫ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ޒާހިރު ވިދާޅުވިއެވެ.

ފަތިސް ޔުނައިޓެޑުން ކުރި މި މަސައްކަތަކީ އެ ޓީމުން ހިލޭ ސާބަހަށް ކޮށްފައިވާ މަސައްކަތެކެވެ. މި މަސައްކަތް ކުރުމުގައި ކައުންސިލުން ވަނީ ބައެއް ތަކެތީގެ އެހީތެރިކަން ފޯރުކޮށް ދީފައެވެ. ބާކީ ޚަރަދުތައް ހަމަޖެއްސީ ފަތިސް ޔުނައިޓެޑު ޓީމު މެންބަރުންގެ ޖީބުންނެވެ.

ފަތިސް ޔުނައިޓެޑު ކުރިން އެރަށު މީހުންނަށް އެނގެނީ ކޮންމެ ރެއަކު ފަތިހު ފަތިސް ނަމާދުކޮށްގެން ދުވެ، ކަސްރަތު ކުރަންދާ ޓީމެއް ގޮތުގައެވެ. ނަމަވެސް މިހާރު އެ ޓީމުން މިއޮތީ ރަށުގެ އިޖުތިމާއީ މަސައްކަތުގެ ތެރެއަށް ޓީމެއް ގޮތަށް ވަދެފައެވެ. އެ ޓީމަކީ ރަށުގެ ކަމުވޮށިގެންވާ މީހުންތަކެއް ނިސްބަތްވާ ޓީމެއްވެސް މެއެވެ.

ފަތިސް ޔުނައިޓެޑުން ބުނަނީ މިއީ ފެށުމެއް ކަމަށެވެ. ރައްޔިތުންނަށް އެ ޓީމުގެ ފަރާތުން ދޭނެ ސަޕްރައިޒްތައް ކުރިއަށް އަދި ހުރީ ކަމަށެވެ.