ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) ޖަމްޢިއްޔާއާއި އެ ޖަމްޢިއްޔާގެ ދަށުން އުފެދިފައިވާ ޓީމެއްކަމުގައިވާ ޒީރު ސްޕޯޓްސް ކުލަބުގެ ފަރާތުން އެރަށު ކުޅީގައި ތަރައްޤީކުރި ނޭޗަރ ޕާރކް ރަސްމީކޮށް ހުޅުވައި ކައުންސިލާއި ހަވާލުކޮށްފި އެވެ.
"ވެހިސަރާ" ނަމުގައި ހުޅުވި މި ހިތްގައިމު ޕާރކް ހުޅުވައިދެއްވީ އިއްޔެ ހަވީރު އެކަމަށްޓަކައި އެ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް އެވެ.
ޕާރކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާސިހާ އިދުރީސް ވަނީ ރަށުގެ ޒުވާނުން މިކަމުގައި ދެއްކި ނަމޫނާއަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވާފަ އެވެ. އަދި މިފަދަ ބޭނުންތެރި މަސައްކަތްތަކުގައި ޒުވާނުންގެ ދައުރު ބޮޑުވެގެން ދިޔުމަކީ މުހިންމު ކަމެއްކަމުގައި ނާސިހާ ފާހަގަ ކުރައްވާފައިވެ އެވެ.
ކުރިން އަޅާނުލެވި ދޫކޮށްލެވިފައި އޮތް ކުމުންދޫގެ ކުޅި ޕާރކެއްގޮތުގައި ތަރައްޤީކޮށް ނިންމާފައިވާއިރު އެތަނުގައި އެ ޒުވާނުންގެ މަސައްކަތުން ވަނީ ކުޅީގެ މެދުގައި 12 ފޫޓު 12 ފޫޓުގެ ހަޓެއް އަޅާފައެވެ. އަދި ހަޓަށް ދިޔުމަށް 60 ފޫޓު ދިގުމިނުގެ ފާލަމެއް ވަނީ ތަރައްޤީ ކުރެވިފައެވެ. ކުޅި ހުރަސްކުރުމަށް 12 ވަރަކަށް ފޫޓްގެ ބުރިޖެއް އަޅާފައިވާއިރު އުނދޯންޔަކާއި ލަކުޑިން ތައްޔާރުކޮށްފައިވާ ބެންޗުތައްވެސް އެތަނުގައި ބަހައްޓާފައިވެ އެވެ. އަދި އެތަން ތަރައްޤީ ކޮށްފައިވަނީ ކުޅީގެ ހިތްގައިމުކަން ބަލައިލުމަށް ކެނޯވެސް ދުއްވާލެވޭ ގޮތަށެވެ. މި މަސައްކަތައް ޖުމްލަ ދެ ލައްކައެއްހާ ރުފިޔާވަނީ ޚަރަދު ކޮށްފައެވެ.
"ވެހިސަރާ" ހިތްފަސޭހަ މައިޒާން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން! ކުމުންދޫ ރައްޔިތުންނަކީ އެކުވެރި އެއްބައެއްވަންތަ ބައެއްކަން މި ފަދަ މަންޒަރުތަކުން ހާމަވެގެންދޭ! މި ހިތްފަސޭހަ މައިޒާނުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާނެކަމުގައި އަޅުގަނޑުމެން އުންމީދުކުރަން! "ވެހިސަރާ" މައިޒާނުގެ ހިތްފަސޭހަ ކަމާއި ރީތިކަން ތަޖުރިބާ ކޮށްލުމަށް ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިއްބެވި އެންމެހާ ބޭފުޅުންނަށް ދައުވަތު އަރުވަން!
"ވެހިސަރާ" ގެ ފޮޓޯތައް މީސްމީޑިޔާގައި ހިއްސާކުރަމުން ބުނެފައި ވެއެވެ.
އެތަން ތަރައްޤީ ކޮށްފައިވަނީ އަވިޓެކްނޮލޮޖީގެ އެހީތެރިކަމާއި އެކު އިޔާދަކުރަނިވި ހަކަތަ ބޭނުން ކޮށްގެން އެތަނުގެ އެންމެހާ ދިއްލުންތައް ދިއްލައި ރޭގަނޑުވެސް ބޭނުންކުރެވޭނެ ގޮތަކަށެވެ.
ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުރެވި ޖަމިއްޔާގެ ރައީސް އަދި ޕާރކް ތަރައްގީކުރުމަށް އެންމެ އިސްކޮށް އުޅުއްވި އަލީ ހުސެއިން ވިދާޅުވެފައިވަނީ ޕާރކު ކައުންސިލާ ހަވާލުކުރި ނަމަވެސް ކުރިއަށް އޮތްތަނުގައި ތަން ބެލެހެއްޓުމާއި މަރާމާތުކުރުމުގެ މަސައްކަތް ކުރެވި ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ޕާރކު އިތުރަށް ތަރައްޤީކޮށް ފުރިހަމަ ކުރުމުގެ ވިސްނުން މި މަސައްކަތުގައި އުޅުނު ޒުވާނުންގެ ވަރަށް ބޮޑަށް އެބަހުރި ކަމަށާއި އެހެންކަމުން ކުރިއަށް އޮތްތަނުގައި އެ މަސައްކަތް ވެސް ކުރެވިގެންދާނެކަމަށެވެ. އަލީ ހުސެއިން އިތުރަށް ވިދާޅުވެފައިވަނީ، ތަން ތައްޔާރުކުރުމުގައި ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވާ ކަމަށާއި އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އާއި ކައުންސިލާއި އަވި ޓެކްނޮލޮޖީ، ފެނަކަ އާއި ސަން ކާޕެންޓްރީގެ ނަން ފާހަގަކުރި އެވެ. އަދި ރެށުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް އެ ހުރިހާ ފަރާތްތަކަށް އަލީ ހުސެއިން ވަނީ ޝުކުރު ދަންނަވާފައެވެ.
ކުމުންދޫ ނޭޗަރ ޕާރކް ހުޅުވުމާއި ގުޅިގެން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެފައިވަނީ، ކުރެވި ޖަމްޢިއްޔާއިން އެ ޖަމްއިޢްޔާގެ ދަށުން ހިންގާ ޒީރު ސްޕޯޓްސް ކުލަބުގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދެވުނު މި މަސައްކަތުގައި ރަށުގެ ގިނަބަޔަކު ބައިވެރިވެ އުޅުނުކަމަށާއި، ނަމަވެސް އެއްވެސް ދެކޮޅުވެރިކަމެއް، ސިޔާސީ ހިޔާލުތަފާތުވުމެއް ނުފެނި ރަށުގެ ރައްޔިތުންގެ ހިތްހަމަ ޖެހުމަށާއި ރަށުގެ ގުދުރަތީ ރީތިކަން މުޅި ރާއްޖެއަށް ދައްކާލައި، އެތަންތަނުގެ ބޭނުންތެރިކަން ހާމަކޮށްދެވުމުން އުފާކުރާ ކަމަށެވެ. އަދި އެތަނުގެ ދިއްލުންތައް ދިއްލުމަށް އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރެވިފައި ވުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ގޮތުގައި ރާޢީ ފާހަގަކޮށްފައިވެއެވެ.
ކުުރެވި ޖަމިއްޔާއިން ހިންގާ. ޒީރް ސްޕޯޓްސް ކުލަބް އިން މިއަދު ވަނީ ކުމުންދޫ ކަނޑޫފަލުގައި ތަރައްގީ ކުރި ނޭޗާރ ޕާކް ‘ވެހިސަރާ’ ހުޅުވާފައި، ކަރަންޓް ސޯލާ ޕެނެލްއިން، މިކަމުގައި މުޅި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިގެންދިޔަ. ޝުކުރިއްޔާ. pic.twitter.com/kH7JA26Ypw
— Mohamed Raee / Makunudhoo Constituency (@Mraee12) September 5, 2020
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ޖަމިއްޔާއެއްކަމަށްވާ ބިލީފް ޖަމިއްޔާގެ ފައުންޑަރ އަފާ ހުސެއިން ވަނީ ކުޅިތަކާއި ކަނޑޫފާތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާ ވާހަކަދައްކަވާފައި އެވެ. އެގޮތުން އެތަންތަނުގެ ސަބަބުން ވެއްޓަށް ކުރާ ހެޔޮ އަސަރު ފާހަގަކުރެއްވި އެވެ.
މި ރަސްމިއްޔާތުގައި ކުމުންދޫ ކައުންސިލްގެ ރައީސް މުހައްމަދު އަމީން އާއި މެމްބަރުން އަދި ރަށުގެ މުވައްސަސާތަކުގެ ވެރިން އަދި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!