ފްލައިމީ އަށް އެއާ އޮޕަރޭޝަން ސެޓްފިކެޓް (އޭއޯސީ) ލިބުމާއެކު، އިންޓަނޭޝަނަލް ފުރަތަމަ ދަތުރު މިއަދު ކޮލަމްބޯއަށް ބާއްވައިފިއެވެ.
ފްލައިމީ އަށް އިންޓަނޭޝަނަލް ދަތުރު ފެށުމުގެ ހުއްދަ ލިބިފައިވަނީ އިއްޔެއެވެ.
ފްލައިމީއަށް ބޭރުގެ އުދުހުންތަކަށް ހުއްދަ ލިބުމާއިއެކު މިއަދު ބޭއްވި އެ އެއަރލައިންގެ ފުރަތަމަ އިންޓަރނޭޝަލް ދަތުރުގެ ގޮތުގައި ބާއްވާފައި ވަނީ ޗާޓަރު ފްލައިޓެކެވެ. މި ފްލައިޓް މި ދިޔައީ ލަންކާގެ ބަންޑާރަނައިކް އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
ސްރީލަންކާގެ ބޯޑަރު ހުޅުވުމާއެކު ލަންކާގެ ރަޓަމަލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށަން ފްލައިމީއިން ނިންމާފައިވާއިރު އެކަށީގެންވާ އަގެއްގައި ދިވެހިންނަށް ޓިކެޓު ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި ދަތުރުތައް ބާއްވާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ލަންކާގެ ރަޓަމަލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެ ކުންފުނިން ދަނީ ބޭރުގެ ދަތުރުތައް ކޮލަމްބޯގެ އިތުރުން އިންޑިއާއަށް ވެސް ފަށަން ތައްޔާރު ވަމުންނެވެ.
އޭޓީއާރު މަރުކާގެ ހިތްގައިމު ފްލައިޓް ތަކެއް ބޭނުން ކޮށްގެން ހިދުމަތްދޭ ވިލާ ކުންފުނިން އެތެރޭގެ އުދުހުންތައް ފަށާފައިވަނީ 2011 ވަނަ އަހަރު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!