އިންޑިއާ "އައުޓް" ކުރަން ސޯސަލް މީޑިއާއި ހަވާލު ކޮށްފައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ފިލާފައިވާ ކަމަށް ވިދާޅުވެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު އިދިކޮޅަށް ފާޑުވިދާޅުވެއްޖެ އެވެ.
އިދިކޮޅުން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕޭނާއި ގުޅިގެން މެންބަރު ޝިފާޢު އިދިކޮޅަށް ފާޑުވިދާޅުވެ ވަނީ އިދިކޮޅުން ފިލާފައިވާ ކަމަށް ވިދާޅުވެ ސުވާލު އުފަށްދަވާފައެވެ.
ޝިފާޢު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އިންޑިއާ އައުޓް ކުރަން ސޯސަލް މީޑިއާއި ހަވާލު ކޮށްފައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ފިލީ ކީއްވެތޯ ސުވާލު ކުރަށްވާފައި އެވެ. އޭނާ އިތުރަށް ވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ޤައުމު ދެކެ އެއްވެސް ވަރަކަށް ލޯބި ނުވަނީތޯ ސުވާލު ކުރަށްވާފައި އެވެ.
"އިންޑިއާ އައުޓް ކުރަން ސޯސަލް މީޑިއާއި ހަވާލު ކޮށްފައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ފިލީ ކީއްވެބާ، ޤައުމު ދެކެ އެއްވެސް ވަރަކަށް ލޯބި ނުވަނީ ބާ؟"
= މުޙައްމަދު ޝިފާޢު، އިހަވަންދޫ ދާއިރާގެ މެންބަރު=
India Out kuran social media aa havaalu koffa idhikolhu SIYAASEE faraathah filee keevebaa.
Gaumu dheke ehves minvarakah loabi nuvaneebaa.
— MP Mohamed Shifau (@mhshifau) September 4, 2020
ޝިފާޢު މިހެން ވިދާޅުވި މި ދަނޑިވަޅަކީ އިންޑިއާއާއި ދެކޮޅު ޝުއޫރު އިދިކޮޅުން އިސްވެތިބެ ސޯސަލް މީޑިއާގައި ފާޅު ކުރަން ފަށާފައިވާ ދަނޑިވަޅެކެވެ. އިދިކޮޅުގެ އިތުރުން ބައެއް އާންމުން ވެސް ދަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ދެކޮޅު ކަމަށް ބުނެ ޝުޢޫރު ފާޅު ކުރަމުންނެވެ.
އިންޑިއާއާއި ދެކޮޅަށް ފާޅުކުރަމުންދާ ޝުޢޫރާ އިދިކޮޅަށް، އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގުޅުން ފާހަގަކޮށް ބައެއް އާންމުން ދަނީ އިންޑިއާ ދެކެ ލޯބިވާ ކަމަށް ބުނެ ޝުއޫރު ފާޅު ކުރަމުންނެވެ. އަދި އިންޑިއާއިއެކު ދިވެހިން ތިބި ކަމުގެ ޝުއޫރު ފާޅު ކުރުމުގައި އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި، ސިޔާސީ މަޤާމުތަކުގައި ތިބި އެކި މީހުންނާއި، އެމްޑީޕީގެ އެކްޓިވިސްޓުން އަންނަނީ ފުޅާ ކެމްޕޭނެއް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!