ރ. ދުވާފަރު ޕްރައިމަރީ ސްކޫލްގެ ޗެނަލް ރަސްމީކޮށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެ ސްކޫލައް ދީފިއެވެ.

ދުވާފަރު ޕްރައިމަރީ ސްކޫލްގެ ޗެނަލް ރަސްމީކޮށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ދިންކަން އެ ސްކޫލަށް، ބްރޯޑްކޮމް އިން އަންގާފައި ވަނީ އިއްޔެއެވެ.

Ad
rt

އެ ހުއްދަ ދިންކަން އަންގައި އެ ސްކޫލަށް ބްރޯޑްކޮމް އިން ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ ބްރޯޑްކާސްޓިންގ ޚިދުމަތް ތަޢާރަފް ކުރުމަށްޓަކައި ރާއްޖޭގެ މާހައުލުގައި ދެމެހެއްޓެނިވި ގޮތެއްގައި ދެވިދާނެ ޚިދުމަތެއްތޯ ބެލުމަށްޓަކައި އަޖުމަ ބެލުމުގެ ގޮތުން، ކޮމިޝަނުން ހިންގާ މަޝްރޫޢު (ޕައިލެޓް ޕްރޮޖެކްޓް) ގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގެދަށުން ދުވާފަރު ޕްރައިމަރީ ސްކޫލުން ޚާއްޞަ ހުއްދައަށް އެދި ހުށަހަޅުއްވާފައި ވުމާއެކު ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ތަގުތީ ޚިދުމަތް ދިނުމުގެ އުޞޫލު ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދުވާފަރު ޕްރައިމަރީ ސްކޫލަށް ވަގުތީ ގޮތުން ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމަށް ޚާއްސަ ހުއްދަ ދޫކުރާކަމަށެވެ.

ދުވާފަރު ޕްރައިމަރީ ސްކޫލަށް މި ހުއްދަ ދޫކޮށްފައިވަނީ 2 ސެޕްޓެމްބަރ 2020 އިން 02 މާރިޗު 2021 ގެ ނިޔަލަށެވެ. އަދި ބްރޯޑްކާސްޓްކުރާ ވަގުތެއްގެގޮތުގައި ހަމަޖައްސާފައިވަނީ ހެނދުނު 10:30 އިން ފެށިގެން މެންދުރުފަހު 15:00 އާއި ހަމައަށެވެ. މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެ ރަށުގައި ޤާއިމް ކުރެވިފައިވާ ކޭބަލް ޓީވީ ނެޓްވޯކްގެ ޒަރިއްޔާއިންނެވެ.

ދުވާފަރު ޕްރައިމަރީ ސްކޫލްގެ ޗެނަލް ރަސްމީކޮށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ލިބުމާއި ގުޅިގެން އެ ސްކޫލުން ބުނީ އެ އަމާޒަށް ވާޞިލްވުމަށް ސްކޫލްގެ ހީވާގި މުވައްޒަފުންނާއި އެންމެހާ ބެލެނިވެރިންނާއި ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދާއި އަދި ކޭ.ޓީވީގެ ފަރާތުން ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކޮށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ.

ކޯވިޑްގެ ސަބަބުން އޮންލައިންކޮށް ކިޔަވައިދޭން ޖެހިފައިވާ ހާލަތުގައި ދުވާފަރު ޕްރައިމަރީ ސްކޫލުން ވަނީ ތާރީޚީ މަސައްކަތެއްކޮށް ކުރިން ވެސް އެ ސްކޫލްގެ ދަރިވަރުންނަށް ކޭބަލް ޓީ.ވީ މެދުވެރިކޮށް ކްލާސްތައް ކުރިއަށް ގެންދަން ފަށާފައެވެ.

މިގޮތުން މިއަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު އެ ސުކޫލުން އަމިއްލަ ޓީވީ ޗެނަލްއެއް ގާއިމްކޮށް ދަރިވަރުންނަށް ކިޔަވައިދޭން ފެށިއެވެ. ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން، ކޭބަލް ޓީ.ވީ މެދުވެރިކޮށް ސްކޫލްގެ އަމިއްލަ ޗެނެލްއެއް ގާއިމްކުރެވި ދަރިވަރުންގެ ގޭގޭ ސިޓިންރޫމަށް ފިލާވަޅުތައް، ޓީ.ވީ މެދުވެރިކޮށް ގެނެސްދޭން ފެށިފައިވާކަމަށް ޖޫން 15 ވަނަ ދުވަހު އެސުކޫލުން ވަނީ ބުނެފައެވެ.

މިގޮތުން އެސުކޫލުން ކުރިއަށް ގެންދާ ކުލާސްތަކުގައި ޓީޗަރުންނާއި ކިޔަވައިދިނުމަށް ބޭނުންކުރާ ސްލައިޑްތައް އަދި ތަފްސީލްތައް ޓީވީ މެދުވެރިކޮން ފެންނަ ގޮތްވަނީ ހަދާފައެވެ.